މިދިޔަ ނޮވެމްބަރު މަހު އެކަނިވެސް 366 މީހުން ޑެންގޫ ހުން ޖެހިގެން ރިޕޯޓު ކޮށްފައިވާ ކަމަށް ހެލްތް ޕްތޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު އާންމުކުރި ބަޔާނުގައި ބުނީ ޑެންގޫ ހުން ޖެހިގެން މިއަހަރު މިހާތަނަށް 4141 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ނޮވެމްބަރު މަހު އެކަނިވެސް 366 މީހުން ޑެންގޫ ހުން ޖެހިގެން ރިޕޯޓް ކޮށްފައި ވާއިރު މިއީ އޮކްޓޯބަރުމަހު މަހާ އަޅާބަލާއިރު ޑެންގޫ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދަށްވުރެ ދަށް އަދަދެއް ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށާއި ޑެންގޫއާއި ޗިކަން ގުންޔާ ފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި މި ބަލިތަކުން ރައްކާތެރިވެ ސަމާލުވުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޑެންގޫ ޖެހުން އިތުރު ނަމަވެސް މިއަހަރު މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު މަދުކަމަށް އެޗްޕީއޭއިން ވަނީ ބުނެއެވެ.

އޮކްޓޯބަރު މަހާ އަޅާބަލާއިރު ނޮވެމްބަރުމަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ގިނަކަންވެސް އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މިދިޔަ އޮކްޓޯބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން 19910 ކޭސް ރިޕޯޓްކޮށްފައި ވާއިރު ނޮވެމްބަރު މަހު 25701 ކޭސް ރިޕޯޓް ކޮށްފައި ވާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. އެޗްޕީއޭއިން ބުނީ މިއަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން 229302 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މިދިޔަ ޖުލައި މަހު ޑެންގޫ ހުން ޖެހުނު 9 އަހަރުގެ ކުއްޖަކުވެސް ވަނީ ނިޔާވެފައެވެ.