ޗެކް ރިޕަބްލިކްގައި ބޭސްވެރިކަން އުނގަންނައިދޭ ހޮސްޕިޓަލަކަށް އަމާޒުކޮށް މީހަކު ދިން ބަޑީގެ ހަމަލާތަކެއްގައި 6 މީހުން މަރުވެ އިތުރު ބަޔަކަށް ސީރިއަސް ޒަހަމްތަކެއް ލިބިއްޖެއެވެ.

ޗެކް ރިޕަބްލިކްގެ ފުލުހުންނާ ހަވާލާދީ ބީބީސީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަމަލާ ދިން މީހާ އަދިވެސް އަތުލައިގަނެވިފައެއް ނުވެއެވެ.

މި ހަމަލާއާއި ގުޅިގެން ފުލުހުންވަނީ މީހެއްގެ ފޮޓޯއެއްވެސް އާންމުކޮށްފައެވެ. އެމީހަކީ ރަތްކުލައިގެ ޖެކެޓެއް ލައިގެން ހުރި މީހެއް ކަމަށް މަންޒަރު ދުށް މީހަކާ ހަވާލާދީ ބީބީސީއިން ވަނީ ރިޕޯޓްކޮށްފައެވެ. އޭނާއަކީ އިސްކޮޅުގައި ގާތްގަނޑަކަށް 5.9 ފޫޓު ހުންނަ މީހެއް ކަމަށް އަލްޖަޒީރާއިން ބުނެއެވެ.

ޗެކް ރިޕަބްލިކްގައި ބަޑީގެ ހަމަލާ ދިން ހޮސްޕިޓަލު ސަރަހައްދުގައި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ/ފޮޓޯ: ދަ ނޭޝަނަލް

ލިބެމުންދާ ޚަބަރުތަކަށް ބަލާއިރު ބަޑީގެ ހަމަލާތައް ދީފައިވަނީ އޮސްޓްރާވާގައި ހިންގާ ޓީޗީންގް ހޮސްޕިޓަލެއްގެ ޓްރޯމަޓޮލޮޖީ ކުލިނިކު ތެރޭގައެވެ. މިއާއެކު މުޅި ހޮސްޕިޓަލު ވަނީ ބަންދުކޮށްފައެވެ. ވެބްސައިޓްއަކަށް މައުލޫމާތު ދިން ޑޮކްޓަރަކާ ހަވާލާދީ ބީބީސީއިން ބުނީ، ހާދިސާ މުޅިން ނިމުމަކަށް އަންނަންދެން ހުރިހާ މުވައްޒަފުން ތަނެއްގެ ތެރޭގައި ބަންދުކޮށްފައި ތިބި ކަމަށެވެ.

އަލްޖަޒީރާއިން ޚަބަރުދޭ ގޮތުގައި ހޮސްޕިޓަލުގައި ތިބި ހުރިހާ އެންމެން މިހާރު ވަނީ އެތަނުން ނެރެފައެވެ.

ޗެކް ރިޕަބްލިކްގައި ބަޑީގެ ހަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ މީހާ ކަމަށް ބެލެވޭ މީހާ/ފޮޓޯ: ސޯޝަލް މީޑިއާ

މި ހަމަލާގެ ފަހަތުގައި ހުރި ހޯދުމުގެ މަސައްކަތް ވަރުގަދަ ކޮށްފައިވާއިރު، ޗެކް ރިޕަބްލިކްގެ ފުލުހުން ދަނީ އިތުރު ހަމަލާ އަމާޒުވެދާނެ ކަމަށް ބެލެވޭ ސަރަހައްދުތަކުގައިވެސް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ.