އިންޑިއާގެ ރަށްވެހިކަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް އެކުލަވާލި ސިޓިޒަންޝިޕް އެމެންޑްމަންޓް ބިލް 2019 ފާސްކުރުމަށް އެގައުމުން ނިންމުމާއެކު، އިންޑިއާގެ ޒަމާންވީ ހަތުރުވެރި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފިއެވެ.

އިންޑިއާ ސިޓިޒަންޝިޕް (އެމެންޑްމަންޓް) ބިލް 2019 އަކީ އިންޑިއާގައި ރެފިއުޖީންގެ ގޮތުގަޔާއި އެނޫންވެސް ޣައިރު ގާނޫނީ ގޮތް ގޮތަށް ދިރިއުޅެމުންދާ ޣައިރު މުސްލިމުންނަށް އިންޑިއާގެ ރަށްވެހިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދޭ ބިލެކެވެ. މި ބިލްގެ ދަށުން، އިންޑިއާގެ ރަށްވެހިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު، ބަންގްލަދޭޝް އާއި އަފްގާނިސްތާނުގެ އިތުރުން ޕާކިސްތާނު ދަރިކޮޅަށް ނިސްބަތްވާ ހިންދޫންނާއި ޖެއިން އަދި ބުދިސްޓުންނާ ސިކުން އަދި ފާރިސީންނާ ކުރިސްޓިއަނުންވެސް ލިބިގެންދާނެއެވެ.

އިންޑިއާގެ ސިޓިޒަންޝިޕް ބިލް ފާސްކުރުމަށް އެގައުމުން ނިންމި ނިންމުން ކުށްވެރި ކުރައްވާ، އެކަމަށް ފާޑުވިދާޅުވަމުން އިމްރާޏް ވިދާޅުވީ، މިއީ ހުރިހާ މޭރުމަކުން ޕާކިސްތާނާއެކު ވެފައިވާ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ގާނޫނާ ހިލާފު ނިންމުމެއް ކަމަށެވެ.

މިކަން ބަޔާން ކުރައްވާ، ކުރެއްވި ޓްވީޓްއެއްގައި އިމްރާން ވިދާޅުވީ އިންޑިއާގެ ނިންމުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާކަމަށާ، މިއީ ޕާކިސްތާނާއެކު އިންޑިއާއިން ވެފައިވާ ދޭދޭ ގައުމުތަކުގެ އެއްބަސްވުންތަކާވެސް ހިލާފު ނިންމުމެއް ކަމަށެވެ.

އިމްރާން އިތުރަށް ވިދާޅުވީ ލޮކް ސަބާ ނުވަތަ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މި ނިންމެވުމަކީ، މޯދީގެ ފޭސިސްޓް ސަރުކާރުގެ ހިންދޫ ޕްރޮޕަގަންޑާ ފެތުރުމަށް ހިންގާ މަޝްރޫއެއް ކަމަށެވެ.

އިންޑިއާގެ ސިޓިޒަންޝިޕް (އެމެންޑްމަންޓް) ބިލް 2019، ލޮކް ސަބާއިން ރޭ ދަންވަރުގެ ވަގުތެއްގައި ފާސްކޮށް ނިންމާލީ 311 މެމްބަރުންގެ ތާއީދާއެކުގައެވެ. މި ބިލާ ދެކޮޅަށް ވޯޓުދެއްވީ 80 މެމްބަރުންނެވެ. މިއަދުގެ ވަގުތެއްގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ ނުވަތަ ރާޖްޔަ ސަބާއިން މި ބިލްއާއި މެދު ގޮތެއް ނިންމާނެއެވެ.