ނިއުޒީލަންޑްގެ ނޯތް އައިލަންޑްގެ އިރުން އޮންނަ ވައިޓް އައިލަންޑް އަލިފާން ފަރުބަދަ އިއްޔެގެ ވަގުތެއްގައި ގޮވާފައިވާއިރު، އިތުރު މީހަކު ދިރިހުރި ކަމުގެ އެއްވެސް ނިޝާނެއް މިހާރު ފެންނަން ނެތް ކަމަށް ނިއުޒީލަންޑްގެ ބޮޑުވަޒީރު ޖެސީންޑާ އެޑާން ވިދާޅުވެއްޖެއެވެ.

ޖެސީންޑާ އެޑާން ވިދާޅުވީ، އަލިފާން ފަރުބަދަ ހުރި ސަރަހައްދު ރައްކާތެރި ހާލަތަކަށް އައުމުން ސަމާލުކަން މިހާރު އަމާޒުކޮށްފައިވަނީ އެސަރަހައްދުގައި ވީ ކަމަށް ބުނާ މީހުން 'ހޯދައިގެން' އެމީހުންގެ އާއިލާތަކާ 'ހަވާލުކުރުން' ކަމަށެވެ.

ވައިޓް އައިލަންޑް އަލިފާން ފަރުބަދަ ގޮވި ހާދިސާގައި 13 މީހަކު މަރުވި ކަމަށް ނިއުޒީލަންޑްގެ ކަމާބެހޭ ފަރާތްތަކުން ވަނީ ނިންމާފައެވެ. މީގެ ތެރެއިން 5 މީހަކު މަރުވިކަން މިހާރު ކަށަވަރުވެފައިވާއިރު 8 މީހަކު އަދިވެސް ވީ އަލިފާން ފަރުބަދަ ހުރި ސަރަހައްދަށް ގެއްލިފައެވެ.

ވައިޓް އައިލަންޑް އަލިފާން ފަރުބަދަ ގޮވާފައިވަނީ ފަތުރުވެރިންގެ މެދުގައި މަގުބޫލު އެ މަންޒިލަށް ބައެއް މީހުން ޒިޔާރަތް ކުރަމުންދިޔަ ވަގުތެއްގައެވެ. މި ހާދިސާގައި 34 މީހަކު ސަލާމަތްވިއިރު މީގެ ތެރެއިން ގިނަ މީހުންނަށް އަދިވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ނިއުޒީލަންޑްގެ ފުލުހުން މައުލޫމާތު ދޭ ގޮތުގައި އަލިފާން ފަރުބަދަ ގޮވި ހާދިސާގެ އަސަރު ކުރި މީހުންގެ ތެރޭގައި ނިއުޒީލަންޑްގެ މީހުންގެ އިތުރުން އޮސްޓްރޭލިއާ، ޖަރުމަނުވިލާތް، ޗައިނާ، މެލޭޝިއާ އަދި އެމެރިކާއާއި އިނގިރޭސިވިލާތުގެ މީހުންވެސް ހިމެނެއެވެ.