އެންޓާޓިކާގައި އަޅާފައިވާ އެގައުމުގެ ބޭހަށް 38 މީހުންނާއެކު ދަތުރުކުރަމުންދިޔަ އަސްކަރީ މަތިންދާ ބޯޓަކަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ޗިލީގެ ވައިގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.

ޚަބަރު ލިބޭ ގޮތުގައި މި މަތިންދާބޯޓާއި އެންމެ ފަހުން ގުޅިފައިވަނީ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

ޗިލީގެ އަސްކަރިއްޔާ މިހާރު ދަނީ ބޯޓު ނުވަތަ އެއިން ދަތުރުކުރި މީހުންގެ އެއްވެސް ނިޝާނެއް ފެނޭތޯ ބަލަމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ސީ-130 ހާކިއުލީޒް މަތިންދާ ބޯޓަށް ވީނުވީއެއް ނޭނގި ގެއްލުނު އޭގައި ތިބީ 17 ފަޅުވެރިންނާ 21 ފަސެންޖަރެކެވެ. މި މީހުންނަކީ އެންޓާޓިކާގައި އަޅާފައިވާ ޗިލީގެ ބޭސްގައި ހުރި ބައެއް އާލާތްތަކުގެ ފަންނީ މަސައްކަތްތަކެއް ކުރުމަށް އެސަރަހައްދަށް ދަތުރުކުރަމުންދިޔަ މީހުން ކަމަށް މައުލުމާތު ލިބެއެވެ.

38 މީހުންނާއެކު ޗިލީއިން މި މަތިންދާބޯޓު ނައްޓާލާފައިވަނީ ހޯމަ ދުވަހުގެ ހަވީރު ޗިލީ ގަޑިން 04:55 ގައެވެ. ބޯޓާ ގުޅުން ކެނޑިފައިވަނީ 06:13ގައި ކަމަށް ޗިލީގެ އަސްކަރިއްޔާއިން އާންމު ކުރި ބަޔާނެއްގައި ވަނީ ބުނެފައެވެ.