މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ސޯޝަލް މީޑިޔާ އެކްޓިވިސްޓް “ނައުޓީ މެޓޮކްސް”އަށް މަރުގެ އިންޒާރުދީ ބިރުދައްކާފައި ވާތީ، އެކަން އެ ޕާޓީއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

މިދިޔަ ހޮނިހިރު ވިލޭރޭ މާލޭ މަޖީދީމަގު އިރުމަތީ ފަރާތުން ބޮޑުތަކުރުފާނު މަގާ ބައްދަލުވާ ހިސާބުން ސައިކަލެއްގައި ދިޔަ ދެމީހަކު މަރާލާނެކަމަށް ބުނެ، އޭނާއަށް އިންޒާރުދީ ފައިވަނީ ޓްވިޓާ މެދުވެރިކޮށް ދެއްކި ވާހަކަތަކަކަށް އިޝާރާތްކޮށް ކަމަށް އެމްޑީޕީން ބުނެއެވެ. އެ މައްސަލަ އޭނާވަނީ މޯލްޑިވްސް ޕޮލީސް ސާވިސަށް ހުށަހަޅާފައެވެ.

މިކަމާއި ގުޅިގެން އެމްޑީޕީއިން ނެރުނު ނޫސް ބަޔާމުގައި ބުނެފައި ވަނީ، ހިޔާލު ތަފާތުވާ ކޮންމެ ހިނދެއްގައި، ޖިސްމާނީ އަނިޔާގެ އިންޒާރު ދިނުމާއި، އަނިޔާވެރިކަން އިސްކުރުމީ ތަހްޒީބު މުޖުތަމައެއްގައި ބަލައިގަނެވޭނެ ފަދަ ކަމެއް ނޫންކަމަށެވެ.

އަދި އިންސާނުންގެ މެދުގައިވާ ދެބަސްވުމާއި، ހުންނަ ހިޔާލު ތަފާތުވުން ނައްތާލުމަށް ޖާހިލިއްޔަ ޒަމާނުގައި އަމަލުކޮށް އުޅުނު ގޮތްކަމަށް އެ ޕާޓީއިން ބުނެއެވެ. މިއާއެކު ސީރިއަސް ނަޒަރެއްގައި އެކަމުގެ މައްޗަށް ފިޔަވަޅު އަޅަން ލާޒިމުވާފަދަ ޖިނާއީ ކުށެއް ކަމަށްވެސް އެ ޕާޓީއިން ބުނެއެވެ. މިބާވަތުގެ ހަރުކަށި އަމަލުތަކުން ކުރިފަޅާ ހެދި، އުފެދޭ ރުޅިވެރިކަމާއި، ފިތުނައިގައި ކިތަންމެ ބައެއްގެ ފުރާނައަށް ގެއްލުންވާ ހިސާބަށް މި ފަހުން ކަންގޮސްފައި ހުރިކަން އެ ޕާޓީއިންވަނީ ފާހަގަކޮށްފަ އެވެ.

މިއަމަލު ހިންގި ފަރާތް ހޯދާ، އެކަށީގެންވާ ގާނޫނީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއާއި ކަމާބެހޭ ފަރާތްތަކަށް އެމްޑީޕީއިން ވަނީ ގޮވާލާފަ އެވެ. އަދި އެއާއެކު، ދެބަސްވުމާއި ހިޔާލު ތަފާތުވުމުގެ ކުރިމަތީގައި، ބުއްދިއާއި، ހިކްމަތް ކުރިއަށްނެރި، މަޝްވަރާއާއި، ނަސޭހަތުގެ އިސްލާމީ ރިވެތި އުސޫލު ކުރިއަށްނެރުމަށް އެމްޑީޕީއިން ވަނީ އިލްތިމާސްކޮށްފަ އެވެ.