ރާއްޖޭގެ އެއާޕޯޓުތަކުން ފުރާ މީހުންގެ އަތުން ނަގާ އެއާޕޯޓު ޑިވެލޮޕްމެންޓް ފީ (އޭޑީއެފް) ބޮޑުކޮށް، ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ރާއްޖޭގެ އެއާޕޯޓުތަކުން ފުރާ މީހުންގެ އަތުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވަނީ މި ޓެކްސް ބޮޑުކުރުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާތީ އެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅުއްވާފައިވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދެވެ. މި ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ވަނީ އިއްވާފަ އެވެ.
ބަޖެޓްގައި ބުނީ އޭޑީއެފްގެ ރޭޓްތަކަށް ބަދަލު ގެނައުމުގެ މަގުސަދަކީ ބޮޑު އަގުގައި ދަތުރުފަތުރުކުރުމުގެ ގާބިލުކަން ހުރި ފަރާތްތަކުގެ އަތުން އިތުރަށް ފީނެގުމެވެ. އެއީ މި ފަދަ ފަރާތްތަކަކީ ދަތުރުފަތުރުގެ އަގަށް ބަދަލު އައިކަމުގައިވީ ނަމަވެސް އެ ފަރާތްތަކުގެ ދަތުރުފަތުރުކުރުމުގެ ވައްޓަފާޅިއަށް މާބޮޑު ބަދަލެއް އަންނާނެ ފަރާތްތަކެއް ކަމުގައި ނުވާނެތީ ކަަމަށް ވެސް ބަޖެޓްގައިވެ އެވެ.ބަޖެޓުގައި ހިމަނާފައިވަނީ އޭޑީއެފްގެ ގޮތުގައި ނަގާ ޓެކްސް، ގިންތިކޮށް ބިޒްނަސް ކްލާހާއި ފަސްޓް ކްލާހުން ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނަގާ ފީ ބޮޑު ކުރުމަށެވެ.
މިހާރު އޮންނަ ގޮތުން ނަމަ ވީއައިއޭއިން ދަތުރުކުރާ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 25 ޑޮލަރުނަގަ އެވެ. ނަމަވެސް ޓެކްސްގެ ފީ ބޮޑު ކުރުމާއެކު އެ އަންނަ ބަދަލާއެކު، ބިޒްނަސް ކުލާހުން ދަތުރުކުރާ މީހުންގެ އަތުން ނަގާ ފީ 60 ޑޮލަރަށް ބޮޑުކުުރުމަށް ބަޖެޓުގައި ހިމަނާފައިވާއިރު ފަސްޓް ކުލާހުން ދަތުރު ކުރާ މީހުންގެ އަތުން 90 ޑޮލަރު ނަގަން ވަނީ ހިމަނާފަ އެވެ. މި ފީ ނެގުމުގައި ދިވެހިންނާއި ބިދޭސިންގެ މެދުގައި ތަފާތުކުރުމެއް ނުގެންގުޅޭނެ އެވެ. މި ފީ ނުނަގަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުން އަދި އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ.
ބަޖެޓްގައި ފިނޭންސް މިނިސްޓްރީއިން އެދިފައި ވަނީ އަންނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން އޭޑީއެފް ރޭޓްތަކަށް ބަދަލު ގެނެވޭ ގޮތަށް ގާނޫނޫ އިސްލާހުކޮށް ދިނުމަށެވެ. އެ ބަދަލުތަކާ އެކު ބަޖެޓަށް އިތުރަށް 159.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މިއީ މިއަހަރުގެ އޭޑީއެފްއިން ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީއަށް ވުރެ 24.3 ޕަސެންޓް އިތުރު އަދަދެކެވެ.
ޑިވެލޮޕްމެންޓް ފީއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއުތަކާއި ގުޅިގެން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށާއި ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ނަގަންފެށި ފީ އެކެވެ. އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ނަގަނީ ޓިކެޓު އަގުގައި ހިމަނައިގެންނެވެ.
އެކިނަންނަމުގައި ރައްޔިތުން ފެލުން ދުވަހެއް ދުވަހަކަށްު ބޮޑުވާތީ ހިތާމަ ކުރަން.