މީގެ މަހެއްހާ ދުވަސްކުރީއްސުރެ ފެށިގެން އީރާނުގައި އެގައުމުގެ ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދާ ވަރުގަދަ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން 7000 އެއްހާ މީހުން މިހާރުވެސް ހައްޔަރުކޮށްފައިވާކަމުގެ ރިޕޯޓްތައް ލިބިފައިވާކަމަށް އދއިން ބުނެފިއެވެ.

އިންސާނީ ހައްގުތަކާ ބެހޭ އދގެ އޮފީހުން ވަނީ، އެއްވެސް ކުށަކާ ނުލާ، ގާނޫނީ އިމުން ބޭރުން ހައްޔަރުކޮށްފައި ތިބި މީހުން، މިހާރުން މިހާރަށް މިނިވަން ކުރުމަށްވެސް އީރާނުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

މީގެ އިތުރުން، އެއިދާރާއިން ބުނީ، މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް ސަލާމަތީ ބާރުތަކުން ހަމަލާ ދޭ މަންޒަރު ފެންނަ ސައްހަ ފުޓޭޖު ލިބިފައިވާ ކަމަށާ، އެ ހަމަލާތަކަކީ މީހުން މެރުމުގެ ގަސްތުގައި ދީފައިވާ ހަމަލާތަކެއް ކަންވެސް ސާފުވާކަމަށެވެ.

އިންސާނީ ހައްގުތަކާ ބެހޭ އދގެ އިދާރާއިން ބުނީ، ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ހިންގި އެކި ހަމަނުޖެހުންތަކާ ކުރިމަތިލުންތަކުގައި މަރުވި މީހުންގެ އަދަދު 208 އަށް އަރާފައިވާކަމަށް އެ އިދާރާއަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ – އެމްނެސްޓީ އިންޓަނޭޝަނަލްއިން އާންމުކުރި ތަފާސް ހިސާބުތަކުންވެސް ދެނީ ދާދި މިފަދަ އިންޒާރެކެވެ.

ކަންމިހެން އޮތްއިރު މުޒާހަރާގެ ހަމަނުޖެހުންތަކާ ކުރިމަތިލުންތަކާ ގުޅިގެން މަރުވިކަން ކަށަވަރު ނުވާ ކިތަންމެ ކޭހެއްގެ މައުލޫމާތުވެސް ލިބިފައިވާކަމަށާ، މިއަދަދާއެކު ކުރިން ބަޔާންކުރެވުނު އަދަދު ދެގުނައަށް އިތުރެވެގެންދާނެ ކަމަށްވެސް އިންސާނީ ހައްގުތަކާ ބެހޭ އދގެ އިދާރާއިންވަނީ ބުނެފައެވެ.

ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު އީރާނުގައި ސިލްސިލާ މުޒާހަރާތަކެއް ފެށީ އެގައުމުގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ހިސާބުންނެވެ.