އިންސާނީ ހައްގުތަކާ ޑިމޮކްރަސީއަށް ވަކާލާތުކުރާތީ އެމްޑީޕީއަށް ބައިނަލްއަގްވާމީ އެވޯޑެއް ލިބިއްޖެއެވެ.

އެމެރިކާގެ ޖަމިއްޔާއެއް ކަމުގައިވާ އިންޓަނޭޝަނަލް ޑިމޮކްރެޓިކް ޔުނިއަނުން އެމްޑީޕީއަށް ދީފައިވަނީ ބުޝް ތެޗާ ޕްރީޑަމް އެވޯޑެވެ. އެމްޑީޕީއިން ބުނީ މި އެވޯޑަކީ، އެމްޑީޕީ އިން ޑިމޮކްރަސީ އަދި އިންސާނީ ހައްގުތަކަށްޓަކައި ކޮށްފައިވާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދީފައިވާ އެވޯޑެއް ކަމަށެވެ. މި އެވޯޑު އެމްޑީޕީއާއި ހަވާލު ކޮށްފައިވަނީ މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ޑިމޮކްރެޓިކް ޔުނިއަންގެ އަހަރީ ފޯރަމްގެ ތެރެއިންނެވެ.

އެމެރިކާގެ ވޮޝިންޓަންގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެވޯޑާ ހަވާލު ވެވަޑައިގަތީ އެޕާޓީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ. މި ރަސްމިއްޔާތުގައި އެމެރިކާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ތިލްމީޒާ ހުސެއިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިންޓަނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަން އަކީ ކޮންޒަވޭޓިވް، ކްރިސްޓިއަން އަދި ޑިމޮކްރެޓިކް ޕާޓީތަކުގެ މައްޗަށް އެކުލެވޭ ބޮޑު ޖަމާއަތެކެވެ. ވެރިކަން ކުރާ އެމްޑީޕީ އަކީ މި ޖަމާއަތުގެ މެންބަރެކެވެ. އެމްޑީޕީ އަކީ ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ. އަދި އެ ޕާޓީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ ވެސް މެއެވެ.