ކައުންސިލަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ނަގަނީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުން ބަލިވެދާނެތީ ކަމަށް އިދިކޮޅު ޕާޓީ ޕީއެންސީ އިން ބުނެފިއެވެ.
ޕީއެންސީއިން މިހެން ބުނެފައި ވަނީ ކައުންސިލަރުން ބާރުވެރި ކުރުވުމުގެ ގޮތުން ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި އިސްލާހީ ބަދަލުތަކާ ގުޅިގެންނެވެ. ކުރިން ބިލް ދިރާސާ ކުރާ ކޮމެޓީން ނިންމާފައިވާ އިރު ބިލު ހުށަހެޅި އިރު ނެތް ކަންކަން މިހާރު ބިލަށް ވަނީ އިތުރުކޮށްފައެވެ. އަދި މިހާރު އެ ބިލް ފާސްކޮށްފައި އޮތުމުން ގިނަ ބަޔަކު ދަނީ ފާޑުވެސް ކިޔަމުންނެވެ.
އިދިކޮޅު ޕީއެންސީއިން ކައުންސިލަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ނަގަން ނިންމާފައިވާތީ އެކަމަށް ފާޑުކިޔާފައި ވާއިރު މަޖިލީހުގައި އޮންނަނީ އެމްޑީޕީގެ ސުޕަ މެޖޯރިޓީއެކެވެ. އެހެންކަމުން އެމްޑީޕީން ބޭނުންވާ ގޮތަށް ކަންކަން ނިންމުމުގެ ބާރު އެބައޮތެވެ. ޕީއެންސީން ދެކޭ ގޮތުގައި ލޯކަލް އިންތިހާބުން ބޮޑުތަނުން އެމްޑީޕީ ބަލިވާނެކަން ކަށަވަރު ވެފައިވާތީ ލޯކަލް އިންތިހާބާ ދިމާކޮށް ކުރާ ކަމެއް ކަމުގައި ވަނީ ބުނެފައެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެންމެ މުހިއްމު ވައުދުތަކުގެ ތެރޭގައި ހިމެނޭ ކައުންސިލްތައް ބާރުވެރި ކުރުވުމުގެ ވައުދުގެ ދަށުން ސަރުކާރުން ގެނައި އިސްލާހުތަކުގެ ތެރެއިން ކައުންސިލަރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް އޮތް އޮތުމަށް މަޖިލީހުގެ މެންބަރުންނާއި ގާނޫނީ ދާއިރާގެ މެންބަރުންވެސް ވަނީ ފާޑުކިޔާފައެވެ. އެގޮތުން ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވީ ކައުންސިލަރުން ވަކި ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވޭތޯ ނުވަތަ ނޫންތޯ އެއީ ދުސްތޫރިއްޔަތުގެ ސުވާލެއް ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ ސީދާ ވޯޓުން އިންތިހާބު ކުރެވޭ ފަރާތްތަކުގެ ތެރެއިން ވަކި ކުރެވިދާނެ ފަރާތްތަކާއި ވަކި ނުކުރެވޭނެ ހާލަތްތަކާއި އިޖުރާއަތްތައް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވާނެ ކަމަށެވެ.
މީގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހިސާން ހުސައިން ވިދާޅުވީ މަޖިލީހަށް ކައުންސިލަރުން ވަކި ނުކުރެވޭނެ ކަމަށެވެ. އެހެންނަަމަވެސް ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ)ގެ ވޯޓަކުން ކައުންސިލަރަކު މަގާމުން ވަކި ކުރުމަށްފަހު އެކަން މަޖިލީހަށް ހުށަހެޅިދާނެ ކަމަށް ހިސާން ވިދާޅުވިއެވެ. ހިސާނަކީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި މަޖިލީހުގައި ތުޅާދޫ ދާއިރާ ތަމްސީލު ކުރައްވާ މެންބަރުވެސް މެއެވެ.
ލާމަރުކަޒީ ކޮމެޓީން ގާނޫނަށް ގެނެސްފައިވާ މި އިސްލާހުގައި އިތުރަށް ބުނެފައިވަނީ ކައުންސިލަރަކަށް، ނުވަތަ ކައުންސިލުގެ ރައީސަކަށް ނުވަތަ މޭޔަރަކު އޭނާގެ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަށް އަދާނުކުރެވޭ ނަމަ ނުވަތަ އިހުމާލުވާނަމަ ނުވަތަ ކައުންސިލުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރާ ނަމަ ކައުންސިލަރުން ވަކިކުރަން މަޖިލީހުން އެލްޖީއޭއަށް އެންގިދާނެ ކަމަށެވެ. ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ހިލާފުވުން ތަކުރާރުވެ ރައްޔިތުންނަށް އެކަމުގެ ސަބަބުން ގެއްލުންވަމުން ދާކަން ފާހަގަ ކުރެއްވިޖެ ނަމަ އެ ކައުންސިލަރު ނުވަތަ މޭޔަރު ނުވަތަ ކައުންސިލްގެ ރައީސް މަގާމުން ވަކިިކުރުމުގެ ގޮތުން އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ބާރު އެލްޖީއޭ އަށް ލިބިގެންވާ ކަމަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައިވެއެވެ.
އަންނަ ލޯކަލް ކައުންސިލް އިންތިހާބު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ. އެންމެ ފަހުން ލޯކަލް ކައުންސިލް އިންތިހާބު ބާއްވާފައި ވަނީ 2017 ވަނަ އަހަރު އެވެ. ނަމަވެސް އެފަހަރު އިންތިހާބު ބޭއްވީ އެތައް ފަހަރަކު ފަސް ކުރުމަށްފަހުއެވެ.
ވައްކަން ނުކުރެވިދާނެތީ