ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގައި އިހުތިޖާޖް ކުރި އިދިކޮޅު ހަތަރު މެމްބަރެއްގެ ނަން އިއްވައި ބޭރުކޮށްފިއެވެ.

ޔާމީން ދޫކޮށްލަން ގޮވާލައި މަޖިލީހުގައި އިހުތިޖާޖް ކުރެއްވި މެމްބަރުންގެ ތެރެއިން ނަން އިއްވާ، ބޭރުކުރެއްވީ ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) އާއި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފެވެ.

ނަން އިއްވަން ޖެހިދާނެ ކަމުގެ އިންޒާރު ދެއްވުމުން މާވަށު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ސައީދާއި ތ. ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު ގައްސާން ވަނީ އަމިއްލަ އަށް މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިގެންފައެވެ.

ނަމަވެސް ނަން އިއްވައި މަޖިލީހުން ބޭރުކުރި ބައެއް މެމްބަރުން ވަނީ މަޖިލީހުގެ ތަޅުމަށް އަލުން ވަޑައިގެންފައެވެ. އެގޮތަށް ކަންތައް ކުރެއްވުމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ސެކިއުރިޓީ އޮފިސަރުންގެ އަރިހުން އެ މެމްބަރުންނަށް ނުވެންނެވޭ ގޮތަށް ދޮރުގެ ތަޅުގެ ގޮނބުގައި ހިފަހައްޓަވައިގެން ހުންނެވުމަށް އަމުރު ކުރައްވައިފައެވެ.

"ސާޖަންޓް އެޓް އާމްސް ކޮށްދެއްވަންވީ ތިބޭފުޅާ ތި ދޮރު ކައިރީގައި އެ ތެރެއިން ތަޅުގައި ހިއްޕަވައިގެން ހުންނަވަންވީ. އެކޮޅުން އެހެން ބޭފުޅަކު ވެސް ތަޅުގައި ހިއްޕަވައިގެން ހުންނެވުން،" ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައިވެސް އިދިކޮޅު މެންބަރުން ވަނީ އިހްތިޖާޖް ކޮށްފައެވެ. ނަމަވެސް މަޖިލިސް އިއްޔެ ހެޑްފޯން އަޅުއްވައިގެން މަޖިލިސް ޖަލްސާ ކުރިއަށް ގެންދަވާފައިވެއެވެ.