މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އުފެދޭ ކާރިސާ އަކީ ހަމައެކަނި ތިމާވެށީގެ މައްސަލައެއް ނޫން ކަމަށާ، އެއީ މިހާރުން މިހާރަށް ރިއާޔަތްކުރަންހޭ އިންސާނީ ހައްގުތަކާވެސް ގުޅުންހުރި މައްސަލައެއް ކަމަށް އެމެރިކާގައި ދިރިއުޅެމުންދާ ބަންގްލަދޭޝްގެ ޒުވާން އެކްޓިވިސްޓް ރެބެކާ ސަބްނަމް ބުނެފިއެވެ.

ދުނިޔޭގެ ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެން، ސްޕެއިންވިލާތުގެ މެޑްރިޑްގައި ކުރިއަށްދާ އދގެ މޫސުމީ ބަދަލުތަކާ ބެހޭ ކޮންފަރަންސް (ކޮޕް25)އާއި ދިމާކޮށް އެމެރިކާގައި ކުރިއަށްދިޔަ މުޒާހަރާގެ ބައިވެރިއެއްގެ ގޮތުގައި ހުރި ސަބްނަމް މިފަދަ މޭރުމަކުން ވާހަކަދައްކާފައިވަނީ، އޭނާގެ އުފަން ވަޒަން ކަމަށްވާ ބަންގްލަދޭޝްއަށް ކުރިމަތިވެފައިވާ މޫސުމީ ކާރިސާގެ ނުރައްކަލުގެ ވާހަކަ މުޒާހަރާގެ ބައިވެރިންނާ ހިއްސާކުރުމުން އެ މީހުންގެ ފަރާތުން ލިބުނު އެއްބާރުލުން ފެނި، އެކަމުން ހިތްވަރު ލިބިގެންނެވެ.

މިމޭރުމުން ވާހަކަދައްކަމުން ސަބްނަމް ވަނީ މޫސުމީ ކާރިސާގެ ސަބަބުން، ދޮން ނަސްލު ނޫން އެހެން ނަސްލުތަކުގެ މީހުން އުފުލަންޖެހިފައިވާ ތަކުލީފުތައް ފާހަގަކޮށް، މިކަމަކީ ނަސްލީ އަދުލު އިންސާފާ، އިންތިހާ ފަގީރުކަމާވެސް ގުޅިފައިވާ ކަމެއްކަން ފާހަގަކޮށްފައެވެ.

އިންޑިއާއާއި ބަންގްލަދޭޝް ހިއްސާކުރާ ސަރަހައްދުގައި އިންޑިއާ މީހަކު ދާ އަޅައިގެން މަސް ބާނަނީ/ފައިލް ފޮޓޯ: ހިންދުސްތާން ޓައިމްސް

އެމެރިކާގައި ކުރިއަށްދިޔަ މުޒާހަރާއަށްފަހު އަލްޖަޒީރާއާއި ވާހަކަދައްކަމުން ސަބްނަމް ވަނީ ބަންގްލަދޭޝްގެ އަންހެނުންނަކީ މޫސުމީ ކާރިސާތަކުގެ ސަބަބުން އެއްތަނުން އަނެއް ތަނަށް ބަދަލުވާންޖެހި، އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވަމުންދާ ނާޒުކު ބައެއްކަން ފާހަގަކޮށްފައެވެ. އަދި އޭނާގެ މަގުސަދަކީ، ބަންގްލަދޭޝްގައި ދިރިއުޅެމުންދާ ބަންގާޅު އަންހެނުންނާ، ރޯހިންޏާ ދަރިކޮޅުގެ ހައްގުގައި، މުޅި ދުނިޔެވެސް މުޒާހަރާ ކުރަމުންދާކަން އެމީހުންނަށް އަންގައިދިނުން ކަމަށް، އުމުރުން 16 އަހަރުގެ ސަބްނަމް ވަނީ ބުނެފައެވެ.

ކޮޕް25 ސަމިޓާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސަބްނަމް ބުނީ، މިއީ ދެމެހެއްޓެނިވި ވަސީލަތްތަކުގެ ވާހަކަ ދައްކައިގެން، ހަމައެކަނި އެންމެ ކުރީ ސަފުގައި އޮތް ގައުމުތަކަށް އެކަމުން ބަދަލު ގެނުވަނި ބައްދަލުވުމަކަށްވުމަށް ނޭދޭ ކަމަށެވެ.

ބަންގްލަދޭޝްއަށް ކުރަމުންދާ ގަދަވިއްސާރާގައި އެގައުމުގެ އާންމުން ދިރިއުޅޭ ގެތަށް ހުރި ސަރަހައްދެއްގައި ފެން ބޮޑުވެ ގެތަކަށް ފެންވަދެފަ/ފޮޓޯ: ރޮއިޓާޒް

ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފް)އިން މިއަހަރުގެ އޭޕްރިލް މަހު އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު 19 މިލިއަނެއްހާ ކުޑަކުދިން ބަންގްލަދޭޝްގައި ދިރިއުޅެމުންދަނީ ތޫފާންތަކާ ފެންބޮޑުވުމުގެ ހާދިސާތައް ފަދަ މޫސުމީ ކާރިސާތަކުގެ ނުރައްކަލަށް ހުށަހެޅިފައިވާ ހާލުގައެވެ.