ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތައް ހިމާޔަތްކޮށް، 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ތަރައްގީގެ އެޖެންޑާގައިވާ އެއްވެސް މީހަކު ބާކީ ނުކުރުމުގެ އާމަޒަށް ވާސިލުވުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދުވަހާ ގުޅުވައިގެން ދެއްވި ހާއްސަ މެސެޖުގައި ގުޓެރޭޒް ވިދާޅުވީ، ހުރިހާ އެންމެންގެ ބައިވެރިވުމާ ޝާމިލުވުން އެކުލެވިގެންވާ ދުނިޔެއެއް ބިނާ ކުރުމަށްޓަކައި މިހާރުވެސް މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް އެކުލަވާލާފައިވާ ބައިނަލްއަގުވާމީ މުހާއަދާއަކީ، އދގެ މެމްބަރު ހުރިހާ ގައުމަކުންހެން މިއަދު ބަލައިގަނެ، ތަންފީޒު ކުރަމުންދާ މުއާހަދާއެއްކަން ގުޓެރޭޒް ވަނީ ފާހަގަކުރައްވާފައެވެ.

މިމޭރުމުން މެސެޖު ކުރިއަށް ގެންދަވަމުން ގުޓެރޭޒް ވަނީ، މިމުއާހަދާ އަމަލީ ގޮތުން ތަންފީޒުނުކޮށް އޮތް ގައުމުތަކުންވެސް އިތުރަށް މަޑު ނުކޮށް، ވީ އެންމެ އަވަހަކަށް މިކަމަށް އަމަލީ ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.

https://www.youtube.com/watch?v=FJqg7EUUY7Q&feature=youtu.be

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ބައިވެރިވުން އިތުރުކޮށް، ހުރިހާ ރޮނގަކުން އެ ފަދަ ފަރާތްތަކުގެ ޝާމިލުވުން އިތުރުކޮށް، އެފަދަ ފަރާތްތަކަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އދއިން މިއަހަރުގެ ޖޫން މަހު ވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ބައިވެރިވުން އިތުރުކުރުމުގެ އިސްތިރާޖު ނުވަތަ ޔޫއެން ޑިސްއޭބިލިޓީ އިންކްލޫޝަން ސްޓްރެޓިޖީއެއް ލޯންޗްކޮށްފައެވެ. އަދި ހަނގުރާމައިގެ މައިދާނުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ބާރުދޭ ގަރާރެއް، އދގެ ސަލާމަތީ މަޖިލީހުން މިއަހަރު ތެރޭގައި ވަނީ ފުރަތަމަ ފަހަރަށް ފާސްކޮށްފައެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ، މިސާލު ދައްކައިގެން ކުރިއަށް ދިއުމަކީ އެ ޖަމިއްޔާގެ އަމާޒު ކަމަށެވެ.

އެގޮތުން ހާއްސަ އެހީއަށް ބޭނުންވާ އަހެނުންނާ އަންހެން ކުދިން އަދި ފިރިހެނުންނާ ފިރިހެން ކުދިންނަކީވެސް ގާބިލިއްޔަތުކަން ލިބިފައިވާ ބައެއްކަން އަންގައިދިނުމަށް ހުރިހާ އެންމެންގެ ބައިވެރިވުމާ ޝާމިލުވުން ދެމެހެއްޓެނިވި ގޮތެއްގައި އެކުލެވިގެންވާ، ދުނިޔެއެއް ބިނާ ކުރުމަށް އދގެ އެއްބާރުލުން ލިބޭނެކަންވެސް ސެކްރެޓަރީ ޖެނެރަލް ގުޓެރޭޒް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.