ކޮރަޕްޝަންއާއި ގުޅުންހުރި ޚަބަރުތައް ގެނެސްދިނުމުގެ ދާއިރާގައި އެންމެ ހަރަކާތްތެރި އެއް ނޫސްވެރިޔާގެ ގޮތުގައި ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ޑެފްނީ ކަރުއޭނާ ގެލީޒިއާގެ ގޮތް ނޭނގޭ މަރުގެ މައްސަލައާއި ގުޅިގެން ތަފާތު ގޮތްގޮތަށް ޝައްކުކުރެވޭ ވާހަކަތަކެއް ދައުރުވަމުންދަނިކޮށް، މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް މޯލްޓާގެ ބޮޑުވަޒީރު ޖޯސެފް މަސްކެޓް އިއުލާންކުރައްވައިފިއެވެ.

ނޫސްވެރިޔާގެ މަރުގެ މައްސަލައާއި ގުޅިގެން ޝައްކުކުރެވޭ ކަންތައްތަކެއް އެބަހުރިކަމަށް ބުނެ ގިނަ ބަޔަކު ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލަމުންދަނިކޮށް، ޖޯސެފް މަސްކެޓް ވަނީ އަންނަ ޖަނަވަރީ މަހު، ބޮޑުވަޒީރު ކަމުގެ މަގާމު ދޫކޮށްލައްވާނެކަމަށް ވިދާޅުވެފައެވެ.

ޓީވީ މެދުވެރިކޮށް ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން މަސްކެޓް ވިދާޅުވީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 12 ވަނަ ދުވަހު، ބޮޑުވަޒީރު ކަމުގެ މަގާމު ދޫކޮށްލައްވާނެކަން، މޯލްޓާގެ ވެރިކަން ކުރަމުން އަންނަ ލޭބާ ޕާޓީގެ ލީޑަރަށްވެސް މިހާރު އަންގަވާފައިވާނެ ކަމަށެވެ.

2013 ވަނަ އަހަރު މޯލްޓާގެ ބޮޑުވަޒީރު ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި މަސްކެޓްގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން އޭނާ ވިދާޅުވީ، ނޫސްވެރިޔާ ޑެފްނީ ކަރުއޭނާ ގެލީޒިއާގެ މަރުގެ މައްސަލާގައި އިންސާފު ހޯއްދަވާ ދެއްވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށާ، އެގޮތުން ބަހުގެ އިތުބާރުގައި ހިފަހައްޓަވާ، މަގާމުން އިސްތިއުފާ ދެއްވަނީ ކަމަށެވެ.

2017 ވަނަ އަހަރު ކާރުބޮމުގެ ހަމަލާއެއްގައި ނޫސްވެރިޔާ މަރުވި ހާދިސާއާއި ބޮޑުވަޒީރުގެ އިސްތިއުފާއާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް މަސްކެޓް ހާމަކުރައްވާފައެއް ނުވެއެވެ.

ބޮޑުވަޒީރު މަސްކެޓްގެ އިސްތިއުފާއަށް މޯލްޓާގެ ރައްޔިތުން ގޮވަން ފަށާފައިވަނީ، ނޫސްވެރިޔާގެ މަރުގެ މައްސަލައާއި ގުޅިގެން، ސަރުކާރާ ގާތް، އަދި ގުޅުން ވަރުގަދަ ވިޔަފާރިވެރިއަކާ ދެކޮޅަށް ޝަރިޔަތް ހިންގަން ފެށުމުންނެވެ. ނަމަވެސް އެ ވިޔަފާރިވެރިޔާ ދަނީ އޭނާއާއި ދެކޮޅަށް އުފުލާފައިވާ ދައުވާއަށް އިންކާރު ކުރަމުންނެވެ.