ދުނިޔޭގެ އެކި ހިސާބުތަކުގައި މިދުވަސްވަރު އިތުރުވެފައިވާ ހިމަބިހި އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ އެއް ގައުމު ކަމަށްވާ ސަމޯއާއިން މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު 50 އަށްވުރެ މައްޗަށް އަރައިފިއެވެ.

ޚަބަރު ލިބޭ ގޮތުގައި އާދީއްތަ ދުވަހު އެކަނިވެސް މި ބަލީގައި ސަމޯއާއިން 5 ކުއްޖެއްގެ ފުރާނަ ގެއްލިފައިވާއިރު، ކަމާބެހޭ ފަރާތްތަކުން މި ހާރު ވަނީ، ގައުމުގެ މުޅި އާބާދީއަށް ހިމަބިހިން ދިފާއުވާނެ ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ.

ސަމޯއާއިގައި މި ދުވަސްވަރު ހަލުވިކަމާއެކު ފެތުރެމުންދާ ހިމަބިހީގެ ބަލިމަޑުކަމާ ގުޅިގެން އެ ގައުމުގެ ސަރުކާރުގެ ފަރާތުން މިއަދު ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވީ، މި ބަލިމަޑުކަމުގެ ނުރައްކާ އެންމެ ބޮޑަށް ކުރަމުންދަނީ ކުޑަކުދިންނަށް ކަމަށެވެ. ހިމަބިހި ޖެހިގެން އެގައުމުން މަރުވި މީހުންގެ ތެރޭގައި ގިނައީ އުމުރުން އެންމެ 4 އަހަރުވެސް ނުފުރޭ ކުޑަކުދިން ކަމަށާ، މަރުވި ކުދިންގެ ތެރޭގައި އުމުރުން އެންމެ 12 މަސްދުވަސްވެސް ނުފުރޭ 23 ކުއްޖަކު ހިމެނޭ ކަމަށްވެސް ސަމޯއާގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ. ހިމަބިހި ޖެހިގެން ސަމޯއާއިން މަރުވި މީހުންގެ އަދަދު އާދީއްތަ ދުވަހު 53 އަށް އަރާފައިވާއިރު، މީގެ ތެރޭގައި އުމުރުން 15 އަހަރުން ދަށުގެ 50 ކުދިން ހިމެނޭ ކަމަށްވެސް ސަމޯއާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ގާތްގަނޑަލަށް 200000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ސަމޯއާއިން ހިމަބިހި ޖެހިގެން 3700 އަށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ހިމަބިހީގެ ބަލިމަޑުކަމަކީ މިއަދު މުޅި ދުނިޔެއަށް އެ ކަމެއްގެ ނުރައްކާ ކުރިމަތިވެފައިވާ ކަމެކެވެ. އެންމެ ތަރައްގީވެފައިވާ ގައުމުތަކުގައިވެސް މިކަން އޮތީ މިހެންނެވެ. ހިމަބިހީގެ ނުރައްކާ މުޅި ދުނިޔެއަށް ކުރިމަތިވެފައިވަނީ، ތަފާތު އެކި ގަބޫލުކުރުންތަކާ ހެދި، ޅަދަރިންނަށް ވެކްސިން ދިނުމަށް އިންކާރު ކުރާ ފިކުރުގެ މީހުންގެ އަދަދު އިތުރުވާން ފެށުމާއެކުގައެވެ.