ރާއްޖޭގެ ކަނޑުތަކުގައި އުޅޭ ނުރައްކާތެރި މިޔަރުތަކުގެ ސަބަބުން މަސްވެރިންނަށް ލިބޭ ގެއްލުންތަކާއި، އަނިޔާތައް ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ރާއްޖޭގެ ކަނޑުތަކުގައި އުޅޭ ނުރައްކާތެރި މިޔަރުތަކުގެ ސަބަބުން މަސްވެރިންނަށް ލިބޭ ގެއްލުންތަކާއި، އަނިޔާތައް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ބެހޭގޮތުން މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

އެ ގަރާރުގައި ދިވެހި ކަނޑުތަކުގައި އުޅޭ އިންސާނުންނަށް ހަމަލާދޭ ނުރައްކާތެރި މިޔަރުގެ ބާވަތްތައް ދެނެގަތުމުގެ މަސައްކަތް ވަގުތުން ވަގުތަށް ފެއްޓުމަށް ގޮވާލައްވާފައި ވެއެވެ. އަދި މިޔަރުތަކުގެ ސަބަބުން މަސްވެރިންނަށާއި ފަތުރުވެރިންނަށް ކުރިމަތިވާ ގެއްލުންތަކާއި، އަނިޔާތައް ހުއްޓުވުމަށާއި އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އެޅުމަށް ވެސް ގޮވާލާފައިވެއެވެ.

މީގެ އިތުރުން 50 މޭލުން އެތެރޭގެ ސަރަހައްދުގައި ލޭނު އޭޅުމުގެ މަސްވެރިކަން ކުރުން ދިވެހި މަސްވެރިންނަށް މަނާ ނުކުރުމަށާއި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް އެ ގަރާރުަގއި ގޮވާލާފައިވެއެވެ. އެ ގަރާރުގައި ވަނީ، އެއްވެސް ހުރަހެއްނެތި ރާއްޖޭގެ ނޫ އިގްތިސޯދުގެ ނަފާ އެންމެހާ ދިވެހިރައްޔިތުންނަށް ލިބިގެންދާ ގޮތުގެ މަތިން، ވަކި ގަވާއިދެއް ހަދާ، އެ ގަވާއިދުގެ ދަށުން މިޔަރާއި ކަހަނބާއި އެންދެރި ނެގުމަކީވެސް ދިވެހި މަސްވެރިކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި ހެދުމަށް ސަރުކާރަށް އިލްތިމާސްކޮށްފައެވެ.

މަޖިލީހަށް ގަރާރު ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ، ރާއްޖޭގެ ޓްރޮޕިކަލް ގާޑަންގައި ނުވަތަ ކަނޑުގެ ސަރަހައްދުގައި އުޅޭ މިޔަރަކީ އިންސާނުންނަށް ގެއްލުންދޭ އެއްޗެއް ނޫން ކަމަށެވެ. ނަމަވެސް، ކަޅުބިލަމަހާއި ކަންނެލީގެ އިތުރުން ބޮޑުކަންނެލި ކާ މިޔަރުތަކެއް އެތައް ސަތޭކަ މޭލުން ދަތުރުކުރަމުން އައިސް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނދެފައިވާ ކަމަށެވެ. އަދި އެ މިޔަރުތަކުގެ ސަބަބުން ކަނޑުގެ މަސްމަހާމެއްސަށް ނުރައްކަލަކަށް ވެފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ރާއްޖެ އައިސްގެން މިއުޅޭ މިޔަރުތަކާއި ހެދި މަސްވެރިންނަށާއި ފަތުރުވެރިންނަށް ބޮޑެތި އަނިޔާތަކެއް ލިބެމުންދާ ކަމަށެވެ. އެގޮތުން، މީގެ ދުވަސްކޮޅެއް ކުރިން ފަތުރުވެރިޔެއްގެ އަތެއް މިޔަރު ކާލާފައިވާ ކަމަށާއި، އިއްޔެ ފ. ބިލެތްދޫ މީހެއްގެ ފައި މިޔަރު ކާލާއިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ޖާބިރު މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ ރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާއަތަށާއި، މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ މި ބިރުވެރި، ނުރައްކާތެރި މައްސަލަ ހައްލުކޮށްދިނުމަށް އެދިއެވެ.

މިޔަރުގެ އުނދަގޫ ދިވެހި މަސްވެރިންނަށް ބޮޑުވެފައިވާ ކަމަށް ބުނެ ޖާބިރު ވަނީ މީގެ ކުރިންވެސް މަޖިލީހުގައި ވާޙަކަ ދައްކަވާފައެވެ. އެގޮތުން ޖާބިރު ވަނީ ވަގުތުން މިޔަރުތައް ވެސް ނަގަންވީ ކަމަށާއި، ބޮޑު ކަންނެއްޔެއް ބާނާއިރު، ދެބައިކުޅައެއްބައި މިޔަރު ކާލާފައި އޮތުމުން، އެ ކަންނެލި އޮންނަނީ ކިރުމުން މަހުރޫމުވެފައި ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އޭނާ ވަނީ ހުރިހާ މިޔަރުތައް މަރާލުމަށް ސިފައިންނަށް ގޮވާލައްވާފައެވެ.