ލުބްނާނުގައި ޕެޓްރޯލް ވިއްކާ ފަރާތްތަކުން ހަޅުތާލު ކުރުމުގެ ގޮތުން ވިޔަފާރި ހުއްޓާލުމާއެކު، ލުބްނާނުގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން އެކަމާ ރުޅުގަދަވެ، މަގުތަކަށް ނިކުމެ ޓްރެފިކް ފްލޯއަށް ހުރަސް އަޅާ، ގައުމުގެ އާންމު މަސްރަހު، ނުތަނަވަސް ފައްތަރަކަށް ވައްޓާލައިފިއެވެ.

ޕެޓްރޯލް ވިއްކާ ފަރާތްތަކުން ހަޅުތާލު ކުރުމުގެ ގޮތުން ވިޔަފާރި ހުއްޓާލާފައިވަނީ މާލީ ކާރިސާއެއް އުފެދިފައިވާ ލުބްނާނުގެ ފައިސާގެ އަގު، ބޭރު ފައިސާއާއި އަޅާ ބަލާއިރު އިންތިހާއަށް ދަށަށް ގޮސް، ޕެޓްރޯލް އަގު ވެއްޓުމާއެކު، ޕެޓްރޯލް ވިއްކާ އަގު ބޮޑުކޮށްދިނުމަށް ސަރުކާރަށް ޑިމާންޑް ކުރުމުގެ ގޮތުންނެވެ.

އާންމުންގެ ރައްޔިތުން މަގުތަކަށް ނިކުމެ ޓްރެފިކް ފްލޯއަށް ހުރަސް އަޅާ، އާންމު ހާލަތު ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓާލި ވަގުތަކީ، ލުބްނާނަށް ކުރިމަތިވެފައިވާ އިގުތިސޯދީ ހީނަރުކަމާ، ވެއްޓިފައިވާ މާލީ ފަގީރުކަމުގެ އަނދަވަޅުން ގައުމު ސަލާމަތް ކުރުމަށް އެ ގައުމުގެ އިގުތިސޯދީ އިސް އޮފިޝަލުންނާއެކު މަޝްވަރާތަކެއް ކުރެއްވުމަށް، ލުބްނާނުގެ ރައީސް މައިކަލް އައޫން ބައްދަލުވުމަކަށް ވަޑައިގަންނަވަން ނިކުންނެވި ވަގުތެވެ.

ލުބްނާނުގެ ސަރުކާރާ ދެކޮޅަށް އެގައުމުގައި ކުރިއަށްދާ ވަރުގަދަ މުޒާހަރާގެ މައިދާނުން/ފޮޓޯ: އަންވަރު އަމްރު

މި ދަނޑިވަޅަކީ ލުބްނާނުގައި ސިލްސިލާ މުޒާހަރާތަކެއްވެސް ކުރަމުންދާ ދަނޑިވަޅެއްކަން ފާހަގަކުރަންޖެހެއެވެ. އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުން ފަށައިގެން އެ ގައުމުގައި މުޒާހަރާ ކުރަމުންދަނީ ގައުމުގައި ކޮރަޕްޝަން އާންމުވެސް، އެކަށީގެންވާ ގޮތެއްގައި މާލިއްޔާތާ އިގުތުސޯދު ނުބެހެއްޓުމުގެ ސަބަބުން ކުރިމަތިވެފައިވާ ނުތަނަވަސްކަމުގެ ސަބަބުންނެވެ. މިއީ 1975-1990 ވަނަ އަހަރަށް ލުބްނާނުގައި ކުރި ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައި ފަހުން އެގައުމަށް ކުރިމަތިވި އެންމެ ތަކުލީފު ބޮޑު އިގުތިސޯދީ އަދި މާލީ ނުތަނަވަސްކަން ކަމަށް ޚަބަރުތައް ބުނެއެވެ.

ލުބްނާނަށް ކުރިމަތިވެފައިވާ އިގުތިސޯދީ އަދި މާލީ މައްސަލަތަކާ ގުޅިގެން އެގައުމުގެ ވަޒީރުންގެ މަޖިލިސް ވެސް މިދިޔަ މަހުގެ ތެރޭގައި ވަނީ އިސްތިއުފާ ދީފައެވެ. ނަމަވެސް އާ ބޮޑުވަޒީރެއްގެ މޭސްތިރިކަމުގެ ދަށުން އެ ގައުމުގައި އާ ސަރުކާރެއް އެކުލަވާލެވިގެންދާނެ ދުވަހެއް، ރައީސް އައޫން އަދި ހަމަޖައްސަވާފައެއް ނުވެއެވެ.

ލުބްނާނުގައި ޕެޓްރޯލް ވިއްކާ ފަރާތްތަކުން ވަކި މުއްދަތެއް ނެތް ގޮތަށް ވިޔަފާރި ހުއްޓާލާފައިވަނީ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.