ދީން ފަތުރަން ވާނީ ހާލަތާއި، ވަގުތާއި މީހުންގެ ބުއްދިއަށް އެވަގުތަކަށް އެކަށީގެންވާ ގޮތަށް ކަމަށް ހޯމް މިނިސްޓަރު އަބްދުﷲ އިމްރާން ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، އިސްލާމް ދީނަށް ގޮވާލުމަކީ ނުވަތަ ދީން ފެތުރުމަކީ ހާލަތާއި ވަގުތަށް ރިއާޔަތްކޮށް ގަބޫލުކުރަން ތިބޭ މީހުންގެ ބުއްދިއަށް އެންމެ އެކަށީގެންވާ ގޮތަށް ހިކްމަތްތެރިކަމާއި ވިސްނުންތެރިކަމާއެކު އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭ މުހިއްމު އަމަލީ މަސައްކަަތެއް ކަމަށެވެ.

ރާއްޖެ އިސްލާމްވީ ދުވަހުގެ ހާދިސާއާ ގުޅިގެން ލިބުނު އިބްރަތުގެ ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، އެ ހާދިސާއިން ދޭހަކޮށްދޭ ގޮތުގައި ދިވެހިންނަކީ ވަރަށްވެސް ކިޔަމަންތެރި އެކުވެރި ސުލްހަވެރި އެކައްޗެއްގެ ގޮތުގައި ތިބުމަށް ލޯބިކުރާ ބައެއް ކަމަށް ފާހަގަ ކުރެވުނު ކަމަށެވެ. އަދި ދިވެހިންނަކީ ހައްގުގޮތް ފެނުމުން ދެކޮޅުވެރިކަމާއި އިންކާރު ކުރުމަކާ ނުލައި އެންމެން އެކުގައި އެ ގޮތް ގަބޫލުކުރާ ބައެއް ކަމަށެވެ. އަދި ދިވެހިންނަކީ އަބަދު ސުލްހަކަމާއި އެކުވެރިކަމާ އެކުގައި އުޅުމަށް ލޯބިކުރާ ބައެއްކަން ރާއްޖެ އިސްލާމްވި ހާދިސާއިން ކިތަންމެހާވެސް ރިތިކޮށް ދައްކާއިދީފި ކަމަށް އިމްރާން ވިދާޅުވިއެވެ.

އޭރުގެ ހާދިސާއަށް އަލިއަޅުއްވާ ލައްވަމުން އިމްރާން ވިދާޅުވީ ރާއްޖޭގެ ރަސްކަލުން ނުވަތަ ރަދުން އިސްލާމްވުމަށްފަހުގައި ރާއްޖޭގެ ރައްޔިތުން އެކީ އެކައްޗަކަށް އިސްލާމްވެގެން ދިޔަ ކަމަށެވެ. މިކަމުން ދިވެހި ރައްޔިތުންގެ އެކުވެރިކަން ދޭހަވާ ކަމަށާއި ވެރިންނާ އެކުގައި ތިބުމަށް ދިވެހިން ދެއްކި ނަމޫނާ ފެންނަ ކަމަށް އިމްރާން ވިދާޅުވިއެވެ.

ރާއްޖެ އިސްލާމްވީ ދުވަސް ފާހަގކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އިސްލާމްވުމަށްފަހު ދިވެހި ގައުމިއްޔަތު ބިނާވެފައިވާ މައިގަނޑު އަސާސަކީ މާތްވެގެންވާ އިސްލާމް ދީނާއި، ދިވެހި ބަހާއި ދިވެހިންގެ ރިވެތި ތަގާފަތާއި ތާރީހް ކަމަށް އިމްރާން ވިދާޅުވިއެވެ. އެހެންކަމުން މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ބަހާއި ތަގާފަތާއި ތާރީހް ދެމެހެއްޓުމަކީ ދިވެހި ގައުމިއްޔަތުގެ އަސާސްގެ އެންމެ މަތިވެރި އެއް އަސާސްކަމަށް އިމްރާން ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި އިމްރާންގެ އިތުރުން، ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން ކެބިނެޓުގެ ބައެއް ވަޒީރުންވެސް ވަނީ މި ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ.

މިއަދަކީ ރާއްޖެ އިސްލާމްވިތާ 893 އަހަރު ފުރޭ ދުވަހެވެ. ދައުލަތުން ރަސްމީ ގޮތެއްގައި ދިވެހިން އިސްލާމް ދީން ގަބޫލުކުރި ދުވަހެއްގެ ގޮތުގައި ހިޖުރީ ގޮތުން ކޮންމެ އަހަރެއްގެ ރަބީއުލްއާހިރު މަހުގެ އެއްވަނަ ދުވަސް ފާހަގަކުރަމުން އަންނަތާ މީ 20 ވަނަ އަހަރެވެ.