ދުނިޔޭގައި މިހާތަނަށް އުފައްދާފައި ނުވާ ވަރުގެ، ވަރުގަދަ ޖެކެޓެއް އެކުންފުނިން އުފައްދާފައިވާކަމަށް ނެދަލަންޑްސްގެ ފެޝަން ބްރޭންޑް "ފޫލަބަކް" އިން ވަކާލާތުކޮށްފިއެވެ.
'އިންޑިސްޓްރަކްޓަބަލް ޕަފާ"ގެ ނަން ދީފައިވާ މި ޖެކެޓްގެ އެންމެ ބޭރަށް ފެންނަން ހުންނަ ފޭރަމަކީ ދުނިޔޭގައި މިވަގުތު ބޭނުން ކުރަމުން އަންނަ އެންމެ ވަރުގަދަ ފައިބަރުގެ މަގާމުގައި އޮތް 100 ޕަސެންޓް ޑައިނީމާ ފައިބަރުން ތައްޔާރުކޮށްފައިވާ ފޭރާމެކެވެ.
ފޫލަބަކްއިން ބުނާ ގޮތުގައި މި ޖެކެޓަކީ އުމުރު ދުވަހަށްވެސް ހަލާކު ނުވެ ގެންގުޅެވޭނެ ވަރުގަދަ ޖެކެޓެކެވެ.
ފޫލަބަކް ކުންފުންޏަކީ މިފަދަ އާދަޔާ ހިލާފު އުފެއްދުންތައް ތައާރަފުކުރުމުގެ ރެކޯޑް އޮންނަ ކުންފުންޏެކެވެ. އެގޮތުން ހަލާކުކޮށް ނުލެވޭ 'ހުޑީ' އާއި 100 އަހަރު ވަންދެން ހަލާކު ނުވެ ބޭނުންކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ޖީންސްވެސް ފަރުމާކޮށްފައިވަނީ ފޫލަބަކް އިންނެވެ.
ފޫލަބަކްއިން ބުނާ ގޮތުގައި އެކުންފުނިން އެންމެ ފަހުން ތައާރަފުކުރި ހާއްސަ ޖެކެޓްގެ އެންމެ ބޭރު ފަށަލައަކީ ސްޓީލްއަށްވުރެ 15 ގުނަ ބާރުގަދަ ފަށަލައެކެވެ. އަދި މި ފޭރަމުގެ ވަރުގަދަ ކަމުގެ ސަބަބުން، ބޮޑެތި އަނިޔާތަކުންވެސް ހަށިގަނޑު ސަލާމަތް ކުރުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެވެއެވެ.
މި ޖެކެޓް އުފައްދާފައިވަނީ ހަނގުރާމަ މަތީގައި ބޭނުންކުރާ ބަރު ހަތިޔާރު އުފުލާ ވެހިކަލްތަކާ، ބޮޑެތި ކޮންޓޭނަރު އުފުލާ ބޯޓުފަހަރު އުފައްދަން ބޭނުންކުރާ ސަމާނުވެސް ބޭނުންކޮށްގެންކަމަށް ފޫލަބަކްއިން ބުނެއެވެ. އެގޮތުން މި ޖެކެޓް އުފައްދަން އުޅުމުގެ ތެރޭގައި، މި ސަމާނުގެ ވަރުގަދަ ކަމުން، ފޫލަބެކްގެ ޓެސްޓިންގް މެޝިންތައްވެސް ހަލާކުވި ކަމަށް އެކުންފުނިން ބުނެއެވެ.
ފިނިމޫސުމުގައި އާންމުކޮށް ބޭނުންކުރާ ޕަފާ ޖެކެޓްތަކަކީ ފޭރާމުގެ ބާވަތްތަކުގެ ތެރެއިން އެންމެ ނާޒުކު، އަދި އެންމެ ފަސޭހައިން ހަލާކުވާ ފޭރާމުން އުފައްދާފައިވާ ޖެކެޓެކެވެ. އާންމުކޮށް ޕަފާ ޖެކެޓް ހަދާފައި ހުންނަނީ ނައިލޯނާ ޕޮލިއެސްޓާ ފޭރާމުންނެވެ.
ފޫލަބެކްގެ ފަޕާ ޖެކެޓްގެ އެންމެ ހާއްސަ އަނެއް ސިފައަކީ، ފިނި ގަދަވި ވަރަކަށް ޖެކެޓްގެ ވަރުގަދަކަންވެސް އިތުރުވާ ކަމެވެ. އެގޮތުން މައިނަސް 50 ޑިގްރީ ސެލްސިއަސްވުރެ ދަށަށް ފިނިހޫނުމިން ދާނަމަ ޖެކެޓްގެ ވަރުގަދަކަން 5-10 ޕަސެންޓްއާއި ދެމެދު މިންވަރަކަށް އިތުރުވާކަމަށް ފޫލަބެކްއިން ބުނެއެވެ.
'އިންޑިސްޓްރަކްޓަބަލް ޕަފާ'ގެ ނަމުން މިޖެކަޓަށް ނަން ދިން ކަމުގައި ވިއަސް، މިއީ އަލިފާނާ މާ އެކުވެރި ޖެކެޓަކަށް ނުވެއެވެ. އަލިފާނުގެ ސަބަބުން މި ޖެކެޓްގެ ބާރު ދަށްވެގެންދާއިރު، މި ޖެކެޓް ހުރަސްކޮށް ވަޒަން އަރާކަމަށްވެސްވެއެވެ.