އިސްރާއީލާ ފަލަސްތީނާ ދެމެދު ދިގުލާ ގޮސްފައިވާ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަކީ ބައިނަލްއަގުވާމީ މުޖުމަތައަށް ކުރިމަތިލާންޖެހިފައިވާ އެންމެ ތަކުލީފު ބޮޑު ގޮންޖެހުން ކަމަށާ، ފަލަސްތީނާ އިސްރާއީލަކީ ވަކިވެ، ފުރިހަމަ މިނިވަންކަމުގެ ހައިސިއްޔަތު ލިބިފައިވާ 2 ދައުލަތް ކަމުގައި ހެދުން ނޫން އެހެން ހައްލެއް މިކަމަށް ނެތް ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވެއްޖެއެވެ.
ފަލަސްތީނުގެ ރައްޔިތުންނާއެކު ބައިނަލްއަގުވާމީ މުޖުތަމައު އޮތްކަން ހާމަކޮށްދިނުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ ދުވަހާ ގުޅުވައިގެން ދެއްވި މެސެޖުގައި ގުޓެރޭޒް ވަނީ، ސުލްހަ ގާއިމު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އިތުބާރު އާ ކުރަނިވި މޭރުމަކުން މިކަމަށް އެއްބާރުލުން ދިނުމަށް، މިކަމުގައި ޝާމިލުވާ އެންމެހާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފައެވެ.
އިސްރާއީލާ ފަލަސްތީނުގެ ވަކިވެފައިވާ މިނިވަން ދެ ދައުލަތުގެ ވެރިރަށަކީ ގުދުސްކަމުގައި ކަނޑައަޅާ، އދގެ މުއާހަދާތަކުގެ އިމުގެ ތެރެއިން ދެފަރާތުން އެއްބަސްވުމަކަށް އަންނަ ކަންކަމަށް ރިއާޔަތްކޮށް ދިގު މުއްދަތަކަށް ދެމިގެންދަނިވި ހައްލެއް ހޯދެން އޮތީ، ދެ ފަރާތުންވެސް ބިނާ ކުރަނިވި މަޝްވަރާތަކެއް ކުރިއަށް ގެންގޮސް، ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމާއެކު ހެޔޮ ނިޔަތުގައި މިކަމުގައި ބައިވެރިވެ، އެއްބާރުލުން ދީގެންކަމަށްވެސް ގުޓެރޭޒް ވަނީ ވިދާޅުވެފައެވެ.
ފަލަސްތީނު އެދެނީ އިންސާނިއްޔަތު ކަމަށް
ފަލަސްތީނަށް ނިސްބަތްވާ 8 މިލިއަނެއްހާ މީހުން މިހާރުވެސް ދިރިއުޅެމުންދަނީ އިސްރާއީލުން ވެރިވެގެންފައިވާ ބިންތަކުގައެވެ. މީގެ އިތުރުން އުރުދުން، ލުބްނާނު އަދި ސޫރިޔާވެސް ހިމެނޭ ގޮތަށް މެދުއިރުމަތީގެ އެކި ހިސާބުތަކަށް ފަލަސްތީނުގެ ރެފިއުޖީ އާބާދުތައް ވަނީ ފެތުރިފައެވެ.
ކޮންމެ ދުވަހަކީވެސް ފަލަސްތީނުގެ ރައްޔިތުންނާ ރެފިއުޖީން އެތައް ތަކުލީފުތަކެއް އުފުލަމުންދާ ދުވަހަކެވެ. މިއާއެކު އދގެ އާންމު މަޖިލީހުގެ ރައީސް ތިޖިއާން މުޙައްމަދު ބަންދޭ ބަންދޭ ފަލަސްތީނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ބައިނަލްއަގުވާމީ ސަމާލުކަމަށް ގެންނަވާފައެވެ.
ފަލަސްތީނަށް ނިސްބަތްވާ 5.4 މިލިއަނެއްހާ ރެފިއުޖީން ތިބިއިރު އެ ރެފިއުޖީންނަށް އެހީވުމަށް އެކުލަވާލާފައިވާ އދގެ އިދާރާ (ޔޫއެންއާރްޑަބްލިއުއޭ)އަށް ބޭނުންވާ މާލީ އެހީ ކަށަވަރު ކުރުން މުހިންމު ކަމަށް ބަންދޭ ވަނީ ވިދާޅުވެފައެވެ.