ނުރައްކާތެރި އެޗްއައިވީ ޖެހިފައިވާ މީހުންގެ އަމިއްލަ ދިރިއުޅުމައިގެން ހަރަކާތްތެރިކަމާއެކު ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ މި ވައިރަހުގެ އާ ކޭސްތައް ފެނުން ދަށަށް ގޮސް، ބަލިޖެހިފައިވާ މީހުންގެ ތެރެއިން މިހާރަށްވުރެ ގިނަ މީހުން ފަރުވާ ހޯދުމަށް ހިތްވަރުދެނިވި ކަމެއް ކަމެއް އެއިޑްސް ބައްޔާ ބެހޭ އދގެ އިދާރާ (ޔޫއެންއެއިޑްސް)އިން އާންމުކުރި ރިޕޯޓެއް ބުނެފިއެވެ.

ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ އެއިޑްސް ދުވަހާ ދިމާކޮށް "ޕަވާ ދަ ޕީޕަލް" ގެ ނަމުގައި ޔޫއެއިޑްސްއިން އާންމު ކުރި ރިޕޯޓު ބުނާ ގޮތުގައި މަސައްކަތް ކުރަން ހިޔާރު ކުރުމުގެ ބާރާ، އެހެން މީހުންނާ އެކުގައި މަސައްކަތް ކުރަން ހިޔާރު ކުރުމުގެ ފުރުސަތު ދީފައި އޮތުމަކީ ފުރާނަތަކެއް ސަލާމަތް ކުރެވި، ނާއިންސާފު ނައްތާލެވި، ބަލީގެ ޝިކާރައަކަށްވެފައިވާ މީހުންގެ އަބުރު ހިމާޔަތްކޮށްދެނިވި ކަމެއް ކަމެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ސަތޭކަ ބަޔަކަށް ކޮންމެ ހަފުތާއަކުވެސް އެޗްއައިވީ ޖެހެމުންދާއިރު، މިކަމުގެ އެންމެ ބޮޑު ނުރައްކަލެއް އޮތީ އަންހެނުންނަށެވެ. އދއިން ބުނާ ގޮތުގައި ކޮންމެ ހަފުތާއަކުވެސް 6000 ޒުވާން އަންހެނުން މި ބަލީގެ ޝިކާރައަކަށް މުޅިން އަލަށް ވެދެއެވެ. އެއިޑްސް ބައްޔާ ދެކޮޅަށް ދުނިޔެ ކުރާ ހަނގުރާމަ ކާމިޔާބު ވާން އޮތީ، މިކަމުގައި އޮތް ޖިންސުގެ ފަރަގު ނައްތާލެވިގެން ކަމަށްވެސް އދއިން ބުނެއެވެ.

2019 ވަނަ އަހަރުގެ މެދަކާ ހިސާބަށް ބަލާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެޗްއައިވީގެ އަސަރުކޮށްފައިވާ 37.9 މިލިއަން މީހުން ތިބިއިރު، އެއިގެ ތެރެއިން 24.5 މިލިއަން މީހުންނަކީ ފަރުވާއަކާ ހިސާބަށް ދެވޭ މީހުންނެވެ. ނުވަތަ ފަރުވާ ފުރުސަތު ފަހިވެފައިވާ މީހުންނެވެ.

އެއިޑްސް ބަލީގެ ޝިކާރައަކަށްވާ ކުޑަކުދިންނަށް ބަލާއިރު ޔުނިސެފުން ވަނީ އިންޒާރުގެ މެސެޖެއް ދީފައެވެ. 2018 ވަނަ އަހަރަށް ބަލާއިރު އެއިޑްސްއާއި ގުޅުން ހުރި އެކިއެކި ސިއްހީ މައްސަލަތަކުގައި ކޮންމެ ދުވަހަކުވެސް މި ދުނިޔެއާއި 320 ކުއްޖަކު އަލްވަދާއު ކިޔާ ކަމަށް ޔުނިސެފުން އާންމު ކުރި ރިޕޯޓްއެއްގައި ވަނީ ފާހަގަކޮށްފައެވެ. މިއީ ގަޑިއިރަކަށް ބަލާނަމަ 13 ކުދިންނެވެ.