އަންނަ ޑިސެމްބަރު މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ "ސްޓާ ވޯޒް" ފްރެންޗައިޒްގެ ފިލްމު "ސްޓާ ވޯޒް: ރައިޒް އޮފް ސްކައިވޯކާ"ގެ ސްކްރިޕްޓް އީ-ބޭގެ ނީލަމެއްގެ ވިއްކާ ނުލާ އުޅެނިކޮށް ކިރިއާ ސަލާމަތް ކުރެވިފައިވާ ކަމަށް އެ ފިލްމުގެ ޑައިރެކްޓާ ޖޭޖޭ އަބްރަމްސް ހާމަކޮށްފިއެވެ.

ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމު "ސްޓާ ވޯޒް: ރައިޒް އޮފް ސްކައިވޯކާ"ގެ ސްކްރިޕްޓް އީ-ބޭގެ ނީލަމަކާ ހިސާބަށް ދިޔައީ، ފިލްމުގެ އެކްޓަރަކު ނިދަން ބޭނުން ކުރި އެނދެއްގެ ދަށުގައި ސްކްރިޕްޓް ބާއްވާފައި އޮއްވާ، އެ ކޮޓަރި ސާފުކުރަން ވަތް މީހަކަށް އެ ސްޕްރިކްޓް ފެނުނު ހިސާބުން، އޭނާ އެ ސްކްރިޕްޓް އެހެން މީހަކަށް ދިނުމުން ކަމަށް ޚަބަރު ލިބެއެވެ.

އަބްރަމްސް ބުނީ އީ-ބޭގެ ނީލަމުގައި ސްކްރިޕްޓް ވިއްކާ ނުލާ އުޅެނިކޮށް ސަލާމަތް ކުރެވުނީ ޑިޒްނީގެ މުވައްޒަފަކަށް އީ-ބޭ ޕްލެޓްފޯމުން ސްކްރިޕްޓް ފެނި، އޭނާގެ ބާރުގެ ދަށަށް ސްކްރިޕްޓް ގެންދިޔުމުންނެވެ.

އަބްރަމްސް ބުނީ، "ސްޓާ ވޯޒް: ރައިޒް އޮފް ސްކައިވޯކާ"ގެ މަންޒަރުތަކެއް އަލުން ޝޫޓްވެސް ކޮށްފައިވާ ކަމަށާ، ފިލްމުގެ މަސައްކަތް މުޅިން ފުރިހަމަ ވާނީ އަންނަ އާދީއްތަ ދުވަހު ކަމަށެވެ.

"ސްޓާ ވޯޒް: ރައިޒް އޮފް ސްކައިވޯކާ" އަކީ ސްޓާ ވޯޒްގެ ސްކައިވޯކާ ސާގާ ފްރެންޗައިޒް ނިންމާލާ ފަހު ފިލްމެވެ.