ޒުވާން ތަރި މައިކަލް ބީ ޖޯޑަންގެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖެހިއްޖެނަމަ، ކަޅު ނަސްލުން އަރާ "ސުޕަމޭން"އެއް ސްކްރީންތަކުން ފެނިގެން ދިއުން އޮތީ މާ ދުރަގައި ނޫން ކަމަށް މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރުތައް ބުނެފިއެވެ.

ލިބެމުންދާ އެންމެ ފަހުގެ ޚަބަރުތަކަށް ބަލާއިރު އެމެރިކާގެ ޒުވާން ތަރި މިހާރު ވަނީ، "ސުޕަމޭން"ގެ މުޅިން ތަފާތު ޕިޗްއެއް ވޮނާ ބޮރޯސްއަށް ހުށަހަޅާފައެވެ.

އުމުރުން އެންމެ 32 އަހަރުގެ މައިކަލް ބީ ޖޯޑަންގެ ޕްރޮޑަކްޝަން ކުންފުނި 'އައުޓްލިއާ ސޮސައިޓީ'އިން ކަޅު ނަސްލުގެ "ސުޕަމޭން"އާއި ގުޅޭ ފުރަތަމަ އެއްބަސްވުން ވޮނާ ބްރޯސްއާއިއެކު އެކުލަވާލީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.

މާވެލްގެ "ބްލެކް ޕެންތާ"ގައިވެސް މުހިންމު ރޯލެއް އަދާކުރި މައިކަލް ބީ ޖޯޑަންގެ ހުށަހެޅުން، މާވެލްއިން ޑީސީއަށްވެސް ދިއުން އެކަށީގެންވާކަމަށް ޚަބަރުތައް ބުނެއެވެ.

ވޮނާ ބްރޯސްއަށް މައިކަލް ބީ ޖޯޑަން ހުށަހަޅާފައިވާ ޕިޗް ބަލައިގަތުމަށް އެ ކުންފުނިން އެއްބަސްވުމަކަށް އަތުވެއްޖެނަމަ، ލީޑު ރޯލުން ކަޅު ނަސްލުގެ ފުރަތަމަ "ސުޕަމޭން" ފެނިގެންދާ ފިލްމު ސިނަމާތަކަށް އަންނާނީ 2023 ވަނަ އަހަރުގެ ތެރޭގައި ކަމަށް ބެލެވެއެވެ.