ސައިންސްގެ އިލްމު ކުރިއެރުވުމަށްޓަކައި މިސްރުގެ އަލް-އަޒްހަރުގެ އިސްލާމިކް ރިސާޗް އެކަޑަމީއާއިއެކު ދިވެހިރާއްޖެއިން މަޝްވަރާކޮށްފިއެވެ.

އަލް-އަޒްހަރުގެ އިސްލާމިކް ރިސާޗް އެކަޑަމީގެ ސެކްރެޓަރީ ޖެނެރަލް ޑރ ނަޒީރު މުޙައްމަދު އައްޔާދްއާއިއެކު ދިވެހިރާއްޖޭގެ ފަރާތުން މިމަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތީ މިހާރު މިސްރަށް ވަޑައިގެން އުޅުއްވާ ދިވެހިރާއްޖޭގެ ތައުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒު އާއި އަލް-މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޕްރިންސިޕަލް ޝުޖާއު ޢަބްދުލްރަޙީމުއެވެ.

މި ބައްދަލުކުރެއްވުމުގައި ސައިންސްގެ ރޮނގުން ދެ ފަރާތް ގުޅިގެން ކުރިއަށް ދެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ސެކްރެޓަރީ ޖެނެރަލް ޑރ ނަޒީރު މުޙައްމަދު އައްޔާދް ވަނީ ސައިންސްއާއި ސަގާފަތުތެރެއިން މީހުންގެ މެދުގައި އުފެދިފައި އޮންނަ ކުށްހީތައް ފިލުވާލުމަށް އަލް-އަޒްހަރުގެ މަންދޫބުން މެދުވެރިކުރައްވާ، އެއިދާރާއިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ، އެ މަސައްކަތްތައް މުރާޖައާ ކުރައްވާފައެވެ.

އަލް-އަޒްހަރާ ދިވެހިރާއްޖެއާއި އޮންނަ ގާތް ގުޅުން ފާހަގަކުރައްވާ ދިވެހި ވަފުދުން ވަނީ، ދުނިޔޭގައި ސުލްހައާއި ޓޮލަރަންސް ފެތުރުމަށް އަޒްހަރުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރައްވާ، އެކަމާ އުފާ ކުރައްވާކަން ހާމަކުރައްވާފައެވެ. އަދި އިސްލާމް ދީނުގެ ހަގީގަތް އަންގައިދީ، އެއްބައިވަންތަކާ ގުޅުން ބަދަހިކުރުމުގެ މުހިންމު ކަމާ، އިންސާނިއްޔަތާ ރަހުމުކުރުމުގެ ސަގާފަތް ފެތުރުމަށް އަލް-އަޒްހަރުން ކުރަމުންދާ މަސައްކަތްތަކަށްވެސް ދިވެހި ވަފުދުން ވަނީ ތައުރީފުކުރައްވާފައެވެ.