އެހާ ވަރުން ބާއްޔާ ސަޔަކަށް ދައުވަތު ނުދޭ ބީރައްޓެއްސަކު އައިސް "ވައްތަރުތަކެއް" ޖައްސައިފިނަމަ ރުޅި ނާންނަ މީހަކު މަދުވާނެއެވެ. ނެތޭވެސް ބުނެވިދާނެއެވެ. އެހެންނަމަވެސް، ދައުވަތު ނުދެނީސް ޕާޓީއަށް އައީ އިތުރު ތައާރަފަކަށް ބޭނުން ނުވާ ޑްވޭން 'ދަ ރޮކް' ޖޯންސަން ކަމަށް ވަނީ ނަމަ ހަމަ ޔަގީނުންވެސް މިފަހަރު ރުޅި އަންނާނެ މީހަކު މަދުވާނެއެވެ.

މެކްސިކޯގައި ކުރިއަށްދިޔަ ކައިވެނި ސަޔަތަށް 'ދަ ރޮކް' އާއި ޑެނީ ޑެވީޓޯ އަންގާވެސް ނުލާ ވަދެ ގިނަ ބަޔަކު ސިއްސުވާލިއެވެ. ރުޅި އައި މީހަކު ނެތެވެ. މި ދެ މީހުންވަނީ ކައިވެނި ޕާޓީ ތެރެއަށް ވަދެ، ނޭޓް ކިންގް ކޯލްގެ "އަންފޮގެޓަބަލް" ލަވަވެސް ކިޔައިދީފައެވެ.

'ދަ ރޮކް' ބުނެފައިވާ ގޮތުގައި މިއީ މިފަދަ ގޮތަކަށް އޭނާ ކައިވެނި ސަޔަކަށް ދިޔަ ފުރަތަމަ ފަހަރެވެ. ނަމަވެސް ޑެނީ ޑެވީޓޯއާއިއެކު އެ ސަކަރާތުގައި ބައިވެރިވުމަކީ އާދަޔާ ހިލާފު ތަޖުރިބާއެއްކަމަށް 'ދަ ރޮކް' ބުނެއެވެ.

'ދަ ރޮކް' އާއި ޑެނީ ޑެވީޓޯ މިފަދަ ޕަބްލިސިޓީ ސްޓަންޓެއް ޖައްސާފައި މިވަނީ، އެ ދެމީހުން އެކުގައި މަސައްކަތް ކުރި އެންމެ ފަހުގެ 'ޖުމަންޖީ' ފިލްމު ޕްރޮމޯޓް ކުރުމަށެވެ.