އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ވިމެން ޑިވެލޮޕްމަންޓް އޯގަނައިޒޭޝަންގެ ސްޓެޓިއުޓްގައި ދިވެހި ރާއްޖެއިން ސޮއިކޮށްފިއެވެ.

މި ސްޓެޓިއުޓްގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، ސައުދީ އަރަބިއްޔާއަށް މީހާރު ވަޑައިގެން އުޅުއްވާ ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހީދުއެވެ.

ވަޑައިގެންފައި ވަނީ އޯ.އައި.ސީގެ ރަންޔޫބީލް ފާހަގަކުރުމަށް ބާއްވާ ޙަރަކާތްތައް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. މިދަތުރުގެ ތެރެއިން ވަޒީރު ޝާހިދު ވަނީ، ސެކްރެޓަރީ ޖެނެރަލް ޑރ. ޔޫސުފް ބިން އަޙްމަދު އަލް އުތައިމީންއާއި ޖިއްދާގައި ހުންނަ އެޖަމާޢަތުގެ މައި އިދާރާގައި ބައްދަލުކުރައްވާފައެވެ. ދިވެހި ހާރިޖިއްޔާއިން މައުލޫމާތު ދޭ ގޮތުގައި އޯއައިސީ ވިމެން ސްޓެޓިއުޓްގައި ދިވެހިރާއްޖެއިން ސޮއިކުރީ މި ބައްދަލުކުރެއްވުމުގެ ތެރޭގައެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ވިމެން ޑިވެލޮޕްމަންޓް އޯގަނައިޒޭޝަންގެ ސްޓެޓިއުޓްގައި ދިވެހި ރާއްޖޭގެ ފަރާތުން ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު (ވ) ސޮއިކުރައްވަނީ/ފޮޓޯ: ދިވެހި ހާރިޖިއްޔާ

ބައްދަލުވުމުގައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި އޯ.އައި.ސީގެ ހަރަކާތްތަކާއި މަޝްވަރާތަކުގައި ދިވެހިރާއްޖޭގެ ބައިވެރިވުން އިތުރުކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިކަމަށާ، ޖިއްދާގައި ކޮންސިއުލޭޓެއް ހުޅުވަން ދިވެހިރާއްޖެއިން ނިންމާފައިވާތީ އެކަމަށް މަރުހަބާ ވިދާޅުވެ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ވާހަކަދެއްކެވި ކަމަށްވެސް ދިވެހި ހާރިޖިއްޔާއިން މައުލޫމާތު ދެއެވެ.

އޯ.އައި.ސީ ވިމެން ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން

އޯ.އައި.ސީ ވިމެން ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން އަކީ އޯ.އައި.ސީގެ މެމްބަރު ގައުމުތަކުގައި އަންހެނުން ބާރުވެރިކޮށް، އެކި ކަންކަމުގައި އަންހެނުންގެ ރޯލު އިތުރަށް ފުޅާކުރުމަށް އޯ.އައި.ސީގެ ދަށުން ހިންގާ ޖަމިއްޔާއެކެވެ.

މިޖަމްއިއްޔާގެ އުސޫލުތަކާއި މަގުސަދުތަކަށް ރިއާޔަތްކޮށް، ޖަމިއްޔާގެ މެމްބަރު ގައުމަކަށް ދިވެހިރާއްޖެވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

ދޭދޭ ގުޅުން

ސައުދީ އަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދިވެހި ހާރިޖީ ވަޒީރު ވަނީ ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު އަމީރު ފައިސަލް ބިން ފަރުހާން އަލް ސައުދުއާއިވެސް ބައްދަލުކުރައްވާފައެވެ.

މިބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ވަޒީރު ޝާހިދު ވަނީ ދެގައުމުގެ ޒަމާންވީ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިވެގެންދާ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައެވެ.

އޯއައިސީގެ 14 ވަނަ ސަމިޓްގައި ބައިވެރިވެ ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު / ފޮޓޯ: ރައީސް އޮފީސް

އޯއައިސީއާއި ރާއްޖޭގެ ގުޅުން

އޯ.އައި.ސީއަކީ ދިވެހިރާއްޖެއިން އެންމެ ހަރަކާތްތެރިކޮށް ބައިވެރިވާ ބައިނަލްއަގުވާމީ އެއް ޖަމިއްޔާއެވެ. މިއަހަރުގެ މާޗް މަހު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫދާބީގައި ބޭއްވި އޯ.އައި.ސީ ކައުންސިލް އޮފް މިނިސްޓަރސްގެ 46 ވަނަ ބައްދަލުވުމުގައި ވަޒީރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފައިވާއިރު، މާތްވެގެންވާ މައްކާގައި މިއަހަރުގެ މެއި މަހު ބޭއްވި 14 ވަނަ އިސްލާމިކް ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަތެވެ.އ.ދ ފިޔަވައި ދުނިޔޭގައި އޮތް އެންމެ ބޮޑު ބައިނަލްއަގުވާމީ ޖަމްއިއްޔާއަކީ އޯ.އައި.ސީ އެވެ. 57 މެމްބަރު ގައުމުގެ މައްޗަށް އެކުލެވޭ މިޖަމިއްޔާއަކީ އިސްލާމީ ދުނިޔޭގެ އަޑު އުފުލައިދޭ ޖަމާއަތެވެ. އެޖަމިއްޔާގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި އިސްލާމީ ގައުމުތަކުން ބޭނުންވާ ކަންކަން ޕްރޮމޯޓްކުރުމާއި، ސުލްހަމަސަލަސްކަން ގާއިމްކުރުން ހިމެނެއެވެ.

ދިވެހިރާއްޖެއިން އޯ.އައި.ސީގެ މެމްބަރަކަށް ވީ 1976 ވަނަ އަހަރު ރައީސް އިބްރާހިމް ނާސިރު ރަންނަބަނޑޭރިކިލެގެފާނު (ނޣޢވ) ރާއްޖޭގެ ވެރިކަމުގައި ހުންނެވިއިރުއެވެ.