މާތްވެގެންވާ ކަޢުބަތުﷲ ގެފުޅުގެ ވަށައިގެން ލައިފައިވާ ކަޅު އުރަކޮޅު ނުވަތަ ކިސްވާގެ ބައެއް ފަރުމާ ކުރެއްވުމުގެ މަސައްކަތުގައި ދިވެހިރާއްޖޭގެ ހާރީޖީ ވަޒީރު ޢަބްދުﷲ ޝާހިދު ރަމްޒީ ގޮތުން ބައިވެރިވެ ވަޑައިގެންފިއެވެ.

ސައުދީ އަރަބިއްޔާގައި މިވަގުތު ހުންނެވި ދިވެހި ހާރިޖީ ވަޒީރު، ކިސްވާގައި ފަރުމާ ކުރައްވާ މަންޒަރު ފެންނަ ވީޑިއޯއެއް އޭނާގެ ޓްވިޓާ ހެންޑްލް މެދުވެރިކުރައްވާ، ވަނީ އާންމު ކުރައްވާފައެވެ.

ކިސްވާ ތައްޔާރުކޮށްފައި ހުންނަނީ އެންމެ ފެންވަރު ރަނގަޅު ފަށުވިން ކަމަށް ވާއިރު ކިސްވާ ފަރުމާކޮށްފައިވަނީ ރަނާ ރިހީގެ ބަރަނިންނެވެ. ކިސްވާގެ ފަރުމާއެއްގެ ގޮތުގައި ރަނާ ރިހީގެ ބަރަނިން ލިޔެފައި ހުންނަނީ ކީރިތި ޤުރުއާނުގެ އާޔަތްތަކެވެ.

ކޮންމެ އަހަރެއްގެވެސް ޙައްޖު މޫސުން ފެށުމުގެ 2 މަސްދުވަސް ކުރިއަށް ކިސްވާގެ މަސައްކަތްތައް މުޅިން ނިންމާލައެވެ.

ކަޢުބާގެ ކިސްވާ ފެހުމުގެ މަސައްކަތް ކުރަނީ ކިންގް ޢަބްދުލްޢަޒީޒު ކޮންޕްލެކްސް ފޯ ހޯލީ ކަޢުބާ ކިސްވާގައެވެ. މިތަނުގައި 200 އަށްވުރެ ގިނަ މުވައްޒަފުން ތިބޭއިރު، ދުނިޔޭގައި ހުރި އެންމެ ބޮޑު ފަހާ ފޮށިވެސް ހުންނަނީ މި ތަނުގައެވެ. އެ ފަހާ ފޮށީގެ ބޮޑު މިނުގައި 16 މީޓަރު ހުންނަ ކަމަށްވެއެވެ.

ކަޢުބާގެ ދޮރުކޮޅުގެ މަތިން ދަމާފައިވާ ފޮތިގަނޑުގެ ބަރުކަމާއެކު އެ ފޮތިގަނޑަކީ ސީދާ ކަޢުބާގެ ފާރަށް ހަރުކުރެވިފައިވާ ފޮތިގަނޑެއް ކަމަށް މައުލޫމާތު ލިބެއެވެ.