ހައި-ސެކިއުރިޓީ ޖަލު ކޭމްޕުތަކެއްގައި މުސްލިމުންގެ "ސިކުނޑި ދޮވެލުމަށް" ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުން ހިންގަމުންދާ ޖަރީމާތަކުގެ ތަފްސީލުތައް ފުރަތަމަ ފަހަރަށް ހާމަވެއްޖެއެވެ.

ޗައިނާގެ ޝީންޖިއާންގެ ސަރަހައްދުގައި ދިރިއުޅެމުންދާ ވީގޫރު ދަރިކޮޅުގެ މުސްލިމުންނަށް ވޮކޭޝަނަލް ތަމްރީނު ދިނުމުގެ ނަމުގައި ޗައިނާއިން ހިންގަމުންދާ މަރުކަޒުތަގައި އެތައް ސަތޭކަ ހާސް މުސްލިމުންނެއް ތިބިއިރު، މިއީ މުސްލިމުންގެ "ސިކުނޑި ދޮވެލުމަށް" ޗައިނާގެ ސަރުކާރުން ހިންގާ ޖަލު ކޭމްޕުތަކެއްކަން ވަނީ ހާމަވެފައެވެ.

ބީބީސީ ޕެނަރޯމާއަށް ފެނިފައިވާ ލިޔެކިއުންތަކަކާ ހަވާލާދީ އެ މީޑިއާއިން ބުނީ، އެ ބުނާ ކޭމްޕުތަކެއްގައި މީހުން ހައްޔަރުކޮށްގެން ގެންގުޅެނީ ތަޅުލައިގެންނެވެ. އަދި ވަކި ފަލްސަފާއެއް ގަބޫލުކުރުމަށް އެމީހުންނަށް މަޖުބޫރުކުރުވާ، ހަރުކަށި އަދަބުތައް ދީ ހަދައެވެ.

ތަހުގީގީ ނޫސްވެރިކަން ހިންގާ ނޫސްވެރިންގެ ބައިނަލްއަގުވަމީ ކޮންސޯޓިއަމް (އައިސީއައިޖޭ)އަށް ލީކުކޮށްލި މައުލޫމާތަށް ބަލާއިރު، މި ކޭމްޕުތަކަކީ ފާއިތުވީ 3 އަހަރެއްހާ ދުވަހުގެ ތެރޭގައި ޗައިނާގެ ސަރުކާރުން އަޅާފައިވާ ޑިޓެންޝަން ކޭމްޕުތަކެކެވެ. އަދި މިއީ ދީނީ ފިކުރުގައި ހައްދުފަހަނަ އަޅާ ދިއުން ކޮންޓްރޯލް ކުރުމުގެ ނަމުގައި އެޅި ކޭމްޕުތަކެއް ކަމަށްވެސްވެއެވެ.

މި ކޭމްޕުތަކުގައި ގާތްގަނޑަކަށް މިލިއަނެއްހާ މީހުން ތިބިއިރު، މިތަނުގައި ގިނައީ ވީގޫރު ދަރިކޮޅުގެ މުސްލިމުންނެވެ. އަދި ކޭމްޕުތަކުގައި މުސްލިމުން ހައްޔަރުކޮށް ބަންދުކޮށްފައިވަނީ ޝަރިއަތެއް ހިންގުމަކާ ނުލާކަންވެސް ވަނީ ހާމަވެފައެވެ.

ޝީންޖިއާންގްގެ ކޮމިއުނިސްޓް ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ގެ މަގާމުގައި 2017 ވަނަ އަހަރު ޝޫ ހައިލުންގެ ނަމުގައި ފޮނުވާފައިވާ މެމޯއެއްގެ މައުލުމާތުވެސް އައިސީއައިޖޭއަށް ވަނީ ލީކުކޮށްފައެވެ. އޭގައިވާ މައުލުމާތަށް ބަލާއިރު، މި ކޭމްޕުތަކަކީ އެންމެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ޖަލުތައް ހިންގާ އުސޫލުން ހިންގާ ކޭމްޕުތަކަކަށް ހެދުމަށް، އެކޭމްޕުތައް ހިންގާ ފަރާތްތަކަށް ވަނީ ގޮވާލާފައެވެ. އަދި ސުލޫކީ ކަންކަން ބެލެހެއްޓުމުގައި ހަރުކަށި އުސޫލުތައް ގެންގުޅުމަށާ، އަދަބު ދިނުމަށްވެސް ބާރުއަޅާފައިވެއެވެ. އަދި އެއްވެސް މީހަކީ މި ކޭމްޕުން ނުނިކުމެވޭނެ މީހެއްކަމަށްވެސް އެ މެމޯގައި ވާކަމަށް ބީބީސިއިން ވަނީ ރިޕޯޓްކޮށްފައެވެ.

މީގެ އިތުރުން ޑިޓެންޝަން ކޭމްޕުގެ ހުރިހާ ހިސާބެއްވެސް އަރާނެހެން ސާވޭލަންސް ކެމެރާ ހަރުކޮށްގެން މަންޒަރުތައް މޮނިޓާ ކުރުމަށްވެސް މެމޯގައި ބަޔާންކޮށްފައިވެއެވެ. އިތުރު ފިޔަވަޅުތަކުގެ ގޮތުގައި ފާހަގަކުރެވޭ ބައެއް ކަންކަމަށް ބަލާއިރު، ކޭމްޕުގައި މީހުން ނިދާ އެނދުވެސް ހަރުކޮށްފައި ހުންނަނީ ވަކި މިސްރާބަކަށެވެ. ކުލާހުގައި ގޮނޑޮތައްވެސް ހަރުކޮށްފައި ހުންނައިރު މިއިން އެއްވެސް ކަމެއް ބަދަލުކުރުމުގެ އިހުތިޔާރެއް، ކޭމްޕުގައި އުޅޭ އެއްވެސް މީހަކަށް ނުއޮވެއެވެ.

މެމޯގައިވާ އިތުރު ތަފްސީލުތައް ބުނާ ގޮތުގައި، ކޭމްޕަށް ވައްދާ މީހަކު އެ ކޭމްޕުން ދޫކޮށްލާނީ އޭނާގެ ގަބޫލުކުރުންތައްވެސް ބަދަލުވިކަން ސާބިތުކޮށްދިނުމުންނެވެ.

ކޮންމެވެސް ގޮތަކުން ކޭމްޕުން ފިލި މީހުންގެ ވާހަކަތައްވެސް ހުރީ މިފަދަ ގޮތަކަށެވެ.

ކަންމިހެން އޮތްއިރު، ޗައިނާއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރުވަމީ ބީބީސީއިން އެ ބުނާ ލިޔެކިއުންތަކަކީ އޭގައި އަސްލެއް އެކުލެވިގެން ނުވާ ފޭކު ޚަބަރުތަކެއް ކަމަށް ބުނެ، އެ މީޑިއާގެ އިލްޒާމުތައް ދޮގުކުރައްވާފައެވެ.