އެއީ އިންޑިއާގެ ކަނޑުގެ ޖަޒީރާތަކުގެ ތެރެއިން އެންމެ ޗާލު އެއް ޖަޒީރާ ގައުމެވެ. އެގޮތް މިގޮތުން ފައިސާ ހޯދައިގެން އަންނަ މީހުންނާ މުއްސަނދި ވިޔަފާރިވެރިންވެސް ފަތުރުވެރިންގެ ގޮތުގައި ޗުއްޓީ ހޭދަކުރަން ދާ މި ގައުމަށް އަހަރެއްގެ މައްޗަށް 360000 އެއްހާ ފަތުރުވެރިން އަރާ ފައިބައެވެ. ގުދުރަތީ ފަރުތަކާ ކަނޑޫފާތަކުގެ ހިތްގައިމުކަމުން މަންޒަރު އިތުރަށް ފުރިހަމަ ކޮށްދޭ މި ޖަޒީރާއަކީ ނުރައްކާތެރި ވަބާއެއްގައި ޖެހި ޣަރަގުވަމުންދާ ގައުމެކެވެ. މިއީ ސީޝެލްސްގެ ވާހަކައެވެ.

ސީޝެލްސްގެ ފަތުރުވެރި މަންޒިލްތަކުން ބޭރަށް ނިކުމެއް އެހެން ހިސާބުތަކަށް ނަޒަރު ހިންގާލާއިރު ފެންނަނީ ހެރޮއިންގެ ވަބާގައި ޖެހިފައި އޮތް ގައުމެކެވެ. އާބާދީގެ ބޮޑު ބައެއް އޮތީ ހެރޮއިންގެ މަސްތުގައެވެ. ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް ޖެހޭ އާމްދަނީ އަށް ބަލާއިރު ހެރޮއިންއަށް އެންމެ ބޮޑު އިސްރާފެއް ކުރަނީވެސް ސީޝެލްސްގައެވެ.

ޖެޑް ލެސްޕިރާންސްގެ ވާހަކަ

މިހާރު އުމުރުން 34 އަހަރު ފުރިފައިވާ ޖެޑް ލެސްޕިރާންސް މަސްތުވާތަކެތީގެ ވަބާގައި ޖެހި އޭގެ ބޭނުން ކުރަން ފެށީ އުމުރުން އެންމެ 20 އަހަރުގައެވެ.

ޖެޑް ލެސްޕިރާންސް ސީޝޭލްސްގެ ކަމާބެހޭ ފަރާތްތަކުން ޑްރަގް އެޑިކްޝަނަށް ފަރުވާ ހޯދަނީ/ފޮޓޯ: ބީބީސީ

"ފުރަތަމަ ރައްޓެހިންނާއެކު ކެނަބިސް ބޭނުންކުރަން ފެށީ. ދެން ހެރޮއިންނަށް ބަދަލުކޮށްލީ. ދުވާލަކު ދެތިން ފަހަރު ހެރޮއިން ބޭނުންކުރަން. އެކަމަށް ހިނގާ ހަރަދު ފޫބައްދަން މާމަ އަތުން ވަށްކަންވެސް ކުރިން. ހަފުތާކޮޅެއްގެ ތެރޭގައި އެކަން ކަށީގަ ހިފި. ޑްރަގަށް އެޑިކްޓްވި" ލެސްޕިރާންސް ކިޔައިދިނެވެ.

ސީޝެލްސްއަށް ހެރޮއިން އެތެރެ ކުރަނީ އަފްގާނިސްތާނާއި އިރުމަތީ އެފްރިކާގެ ހިސާބުތަކުންނެވެ. 115 ޖަޒީރާ ރަށެއްގެ މައްޗަށް އެކުލެވޭ ސީޝޭލްސްއަށް މަސްތުވަތަކެތި އެތެރެކުރާނެ ކިތަންމެ ބޯޑަރެއް އޮވެއެވެ. މިކަން ހުއްޓުވުމަށް އެ ގައުމުގެ ކަމާ ބެހޭ ފަރާތްތައް އޮތީ ނުކުޅެދިފައެވެ.

ކަންމިހެން އޮތްއިރު ސީޝެލްސްގެ ޑްރަގް ޕްރިވެންޝަން އޭޖެންސީއިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްތުގެ ވަބާގައި ޖެހުމަކީ ބައްޔެއްގެ ގޮތުގައި ފަރުވާގެ ކުލިނިކުތައް ދަނީ ހިންގަމުންނެވެ. މި ކުލިނިކުތަކަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ވުމަށް ބޭނުންވާ ސިއްހީ އަދި ނަފްސާނީ ބޭސްފަރުވާއާއި އެހީތެރިކަން ފޯރުކޮށްދޭ މަރުކަޒުތަކެކެވެ.

މިފަދަ ކުލިނިކުތަކުން ފަރުވާ ހޯދާ އެކަކީ ލެސްޕިރާންސްއެވެ. އޭނާ ވަނީ މާމަ އަތުން ވަގަށް ނެގި ފައިސާވެސް މިހާރު އަނބުރާ ދައްކާފައެވެ. އަދި ވަޒީފާ ހަމަޖެހުމާއެކު، މަސްތުވާތަކެއްޗާ ދުރުވުމަށް އިތުރު ހިތްވަރެއް ލިބޭ ކަމަށް ލެސްޕިރާންސް ބުނެއެވެ.