ދުއްވާފައި ދިޔަ ސައިކަލެއްގެ ފަހަތުގައި އިން އަންހެންމީހާގެ ހެދުން ފުރޮޅުގައި އަޅައިގަނެގެން ވީ އެކްސިޑެންޓުގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު ހަވީރު 5:14 ހާއިރު ކަމަށެވެ. ސިނަމާލެ ބްރިޖުގެ އެއާޕޯޓް ހިމެނޭ ހިސާބުން މާލެއާވީ ކޮޅަށް ދުއްވާފައި ދިޔަ ސައިކަލު ވެއްޓިފައިވަނީ އެ ސައިކަލުގެ ފަހަތުގައި އިން އަންހެންމީހާގެ ހެދުން ފުރޮޅު ތެރޭ އަޅައިގަނެގެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ސައިކަލުން ވެއްޓި ދުއްވަން އިން ފިރިހެން މީހާއާއި ސައިކަލު ފަހަތުގައި އިން އަންހެން މީހާއަށް އަނިޔާ ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ހާދިސާގައި އަނިޔާ ލިބުނު ދެމީހުން ފަރުވާ ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މިއަދު ހިނގި އެކްސިޑެންޓުގައި މީހަކު ވެއްޓިފައި

ބްރިޖުމަތީގައި އެކި ކަހަލަ އެކްސިޑެންޓްތައް ހިނގާކަން ވަނީ ފާހަގަކުރެވިފައެވެ. ބާރު ސްޕީޑުގައި ދުއްވައިގެން މީހުންނަށް ލިބޭ ގެެއްލުންތައް މަދު ކުރުމުގެ ގޮތުން ބްރިޖްމަތީގައި ހެލްމެޓް އެޅުމަށް ޓްރާންސްޕޯޓުން ވަނީ އަންގާފައެވެ. އަދި ބްރިޖުގައި ސައިކަލު ދުއްވާ ފަރާތްތައް ބުރުގާ އަޅާ ގޮތުން އެހެން މީހުންނަށް އުނދަގޫ ނުވާނެހެން ބުރުގާ އެޅުމަށްވެސް ކުރިން ވަނީ ބުނެފައެވެ. ދާދި ފަހުން ބްރިޖު މަތީގައި ހިނގި އެކްސިޑެންޓެއްގައި ވަނީ އުމުރުން 13 އަހަރުގެ ކުއްޖަކު ނިޔާވެފައެވެ.