އިލްމު ފެތުރުމާއި ހަރުކަށި ފިިކުރަކީ އެއްކަމެއްގައި ގޮތުގައި ދައްކަން އުޅުމަކީ ގޯހެއް ކަމަށް ހޯމް މިނިސްޓަރު އަދި ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން ވިދާޅުވީ، އިސްލާމް ދީނުގެ ސައްހަ އަގީދާ ބަޔާންކޮށް އިލްމު ފެތުރުމަކީ ދީނީ އިލްމުވެރިންގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި އިސްލާމް ދީނުގެ ނަމުގައި ހިންގާ ހައްދު ފަހަނަޅާފައިވާ އަމަލުތަކާއި، އިސްލާމް ދީނުގެ ހައްގު ދައުވަތުގެ މަސައްކަތަކީ އެއް ކަމެއްގެ ގޮތުގައި ދައްކަން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން މިހެން ވިދާޅުވެފައި ވާއިރު، ރާއްޖޭގެ ދީނީ އިލްމު ފަތުރާ ޖަމްއިއްޔާއެއް ކަމަށްވާ ޖަމިއްޔަތުއްސަލަފަށް ދަނީ ދީނީ ހަރުކަށި ފިކުރު ފަތުރަމުންދާ ކަމުގެ ތުހުމަތުތައް ކުރަމުންނެވެ. އެކަމާ ގުޅިގެން އެ ޖަމްއިއްޔާއިން ވަނީ މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ، އެ ޖަމްއިއްޔާއަށް ކުރަމުންދާ ތުހުމަތުތައް ދޮގުކޮށްފައެވެ.
ސަލަފުގެ ފަރާތުން ވާހަކަ ދައްކަވަމުން އެ ޖަމްއިއްޔާގެ ނައިބު ރައީސް ޝެއިހް ހަސަން މޫސާ ފިކުރީ ވިދާޅުވީ، ރާއްޖޭން ބޭރުގައި ހިނގާ އެއްވެސް ހަނގުރާމައަކާ ސަލަފާ ގުޅުމެއް ނޯންނަ ކަމަށާއި، ރާއްޖެއިން މިފަދަ ހަނގުރާމަތަކަށްދާ ފަރާތްތަކަކީ ވެސް ސަލަފާއ ގުޅުން އޮންނަ ބައެއް ނޫން ކަމަށެވެ. ޝެއިހް ހަސަން ވިދާޅުވީ، ހައްދުފަހަނަޅައި ދިއުމާއި ހަރުކަށި ވިސްނުމަކީ ސަލަފްގެ އެއްވެސް އިލްމުވެރިޔަކު ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި، އެއްވެސް ހަރުކަށި ފިކުރަކަށް ސަލަފުން ގޮވާލާފައި ނުވާ ކަމަށެވެ. އެކަން ސަލަފުން ދީފައިވާ ދަރުސްތަކުންނާއި ޕްރޮގްރާމްތަކުން ހަމަވެގެންދާނެ ކަމަށް ވިދާޅުވެ ޝެއިހް ހަސަން ވަނީ ސޯޝަލް މީޑިއާގައި އެ ދަރުސްތަކާއި ޕްރޮގްރާމްތައް ފެންނަން ހުންނާނެ ކަމަށެވެ.
ޝެއިހް ހަސަން ވިދާޅުވީ، ހަނގުރާމަތަކަށް ދިއުމަށް ސަލަފުން ބާރު ނާޅާ ކަމަށާއި، މަކްތަބާ ސަލަފިއްޔާ އަދި ސަލަފީ ޕޯސްޓްތަކަކީ، ސަލަފްގެ އިލްމުވެރިންގެ މަސައްކަތެއް ނޫން ކަމަށެވެ. އަދި އެއީ ފަރުދާގެ ފަހަތުގައި ފިތުނަ އުފައްދަން ބަޔަކު ކުރާ ކަމެއް ކަމަށާއި، ހަނގުރާތަކަށް ދާން ގޮވާލާ ބަޔަކީ، ސޯޝަލް މީޑިއާގައި އިލްމުވެރިން ކުފުރުކޮށް، އިލްމުވެރިންނަށް ހަޖޫޖަހާ، އިލްމުވެރިން ދެކެ ރުޅިއައިސްގެން ވާހަކަ ދައްކާ ފަރާތްތައް ކަމަށެވެ.