އަންހެނުންނަށް ހާއްސަ ފެޝަން ބްރޭންޑް ވިކްޓޯރިއާޒް ސީކްރެޓްއިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އަހަރީ ފެޝަން ޝޯގެ މިއަހަރުގެ އެޑިޝަން ކެންސަލްކޮށްފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ވިކްޓޯރިއާޒް ސީކްރެޓްގެ މިއަހަރުގެ ޝޯ ކެންސަލްކޮށްފައިވަނީ އެ ޝޯއަށް އަމާޒުވަމުންދާ ފާޑުކިއުންތަކުގެ ސަބަބުންނާ، ޓީވީ މެދުވެރިކޮށް ޝޯ ބަލާ މީހުންގެ އަދަދު އިންތިހާއަށް ދަށްވުމުގެ ސަބަބުންނެވެ.
1995 ވަނަ އަހަރު ލޯންޗުކުރި ވިކްޓޯރިއާޒް ސީކްރެޓް އަހަރީ ފެޝަން ޝޯއަކީ ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކު ބަލަމުންދިޔަ ޝޯއެކެވެ.
ޝޯއަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ވަހުޝީކަން ހައްދުފަހަނައަޅާފައިވާ، ޒަމާނަށް އެކަށީގެން ނުވާ ޝޯއެކެވެ. އަދި މިއީ ހުރިހާ އެންމެން ޝާމިލުވާ ފަދަ ވެއްޓަކަށް އެކަށީގެން ނުވާ ޝޯއެއް ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އިރެއްގައި ދިވެހިންގެ މެދުގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދި ވިކްޓޯރިއާޒް ސީކްރެޓް ބްރޭންޑްގެ މަގުބޫލުކަން ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް އޮތީ އިނދަޖެހިފައެވެ. އެ ބްރޭންޑުން މިހާރު ދަނީ މާކެޓިންގް އިސްތިރާޖުތައް މުރާޖައާކޮށް، އެކަށީގެންވާ ގޮތެއްގައި ކަސްޓަމަރުންނާ މުއާމަލާތު ކުރެވޭނެ އާ މަގުތަމެއް ހޯދަމުންނެވެ.
ވިކްޓޯރިއާޒް ސީކްރެޓްގެ އަހަރީ ފެޝަން ޝޯއަކީ ފެޝަންގެ ދުނިޔެ މިއަދު ދެކޭ އެންމެ ފުންނާބު އުސް މޮޑެލުން ތައާރަފުކުރި ރަންވޭ ވެސްމެއެވެ. ވިކްޓޯރިއާޒް ސީކްރެޓްގެ އަހަރީ ޝޯއިން ނިކުމެ ފެޝަންގެ ދުނިޔޭގައި ރަނިކަން ކުރަމުންދާ ބައެއް ފަންނުވެރިންގެ ތެރޭގައި ޓައެރާ ބޭންކްސް އަދި ހައިޑީ ކްލޫމް ފާހަގަކުރެވެއެވެ.