ދުނިޔޭގެ ނިސްބަތުން ބަލާއިރު އުމުރުން 11 އަހަރާއި 17 އަހަރާ ދެމެދުގެ ކޮންމެ 5 ކުއްޖަކުން 1 ކުއްޖަކީ އެކަށީގެންވާ މިންވަރަކަށް ޖިސްމާނީ ގޮތުން ހެލިފެލިވެ އުޅޭ ކުދިން ނޫންކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ ހޯދުންތަކުން ދައްކައިފިއެވެ.
ޑަބްލިއު.އެޗް.އޯއިން ހިންގި މިފަދަ ފުރަތަމަ ދިރާސާގެ މައުލޫމާތު ހިއްސާ ކުރަމުން އެ ޖަމިއްޔާއިން ބުނީ މިކަމުގެ ސަބަބުން ކުޑަކުދިންގެ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާ ކަމަށާ، އެގޮތުން ސިކުނޑީގެ ތަރައްގީއާއި އިޖުތިމާއީ ގުޅުންތެރިކަމަށް އުނިކަން ލިބެމުން އަންނަ ކަމަށެވެ.
ޑަބްލިއުއެޗްއޯއިން ބުނީ ކޮންމެ ދުވަހަކަށް ކަނޑައަޅާފައިވާ ގަޑިއަށް ކަސްރަތު ނުކުރުމުގެ މައްސަލައަކީ ދުނިޔޭގެ ފެނަވަރުގައި އުފެދިފައިވާ މައްސަލައެއް ކަމަށާ، މުއްސަނދި ގައުމުތަކާ ފަގީރު ގައުމުތަކުގައިވެސް މިކަން އޮތީ މިހެން ކަމަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން 146 ގައުމަކުން މައުލޫމާތު އެއްކޮށްގެން އެކުލަވާލާފައިވާ ދިރާސާގެ ނަތީޖާއަށް ބަލާއިރު 4 ގައުމެއް ފިޔަވާ އެހެން ހުރިހާ ގައުމެއްގައި، ފިރިހެން ކުދިންނަށްވުރެ އަންހެން ކުދިން ހެލިފެލިވެ ކަސްރަތުކޮށް އުޅޭ މިންވަރު މަދުކަން ފާހަގަކުރެވޭ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.
ކަސްރަތުގެ ގޮތުގައި ބެލޭނީ ކޮން ކަމެއް؟
- ދުވުން
- ބައިސްކަލު ދުއްވުން
- ފެތުން
- ފުޓުބޯޅަ ކުޅުން
- ކޮރާކުޅޭ ގޮތަށް ފުންމުން (ހޮޕް ކުރުން)
- ސްކިޕިންގް ރޯޕް ބޭނުންކޮށްގެން ފުންމުން
- ޖިމްނާސްޓިކްސް
އަމާޒަކީ އާދައިގެ (މޮޑަރޭޓް) ކަސްރަތުތަކުން ފެށިގެން ބުންވަރު އިތުރު ކުރަނިވި (ވިގަރަސް) ކަސްރަތުތަކަށް ކޮންމެ ދުވަހަކުވެސް 60 މިނެޓެއް ހާއިރު ހޭދަކުރުމެވެ.
ޑަބްލިއުއެޗްއޯގެ އޮފިޝަލް ޑރ ފިއޯނާ ބުލް ވިދާޅުވީ، މިއީ ނުވާނެ ވަރުގެ ކަމެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ. މިއީ ހެކިން ސާބިތުކުރެވޭ މައުލޫމާތު ކަމަށާ، މިއީ އެކަމުގެ ސަބަބުން ސިއްހަތު ރަނގަޅުވެ ހެދިބޮޑުވުމަށް އެހިވެދޭނެ ކަމެއް ކަމަށްވެސް ޑރ ބުލް ވަނި ފާހަގަކުރައްވާފައެވެ.
މޮޑަރޭޓް ކަސްރަތަކީ ކަސްރަތު ކުރަމުންދާއިރު ހަމަޖެހިލައިގެން ވާހަކަ ދައްކާ އުޅެވޭ ވަރުގެ ބުންވަރެއްގައި ކުރާ ކަސްރަތުތަކެކެވެ. ވިގަރަސް ކަސްރަތަކީ ވާހަކަ ދައްކާ ނުލެވޭ ވަރަށް ނޭވާ ކުރުވާ ބުންވަރުގެ ކަސްރަތުތަކެވެ.
ދިރާސާގެ ހޯދުންތަކަށް ބަލާއިރު ކުޑަކުދިން އެންމެ ހަރަކާތްތެރީ ބަންގްލަދޭޝްގައެވެ. އަދި އމި ނިސްބަތް އެންމެ ކުޑައީ ދެކުނު ކޮރެޔާގައެވެ. ސަބަބުތައް ވަރަށް ތަފާތުވުން އެކަށީގެންވެއެވެ.
ކުޑަކުދިން ކަންނެތީތަ؟
ޑރ ބުލްގެ ޖަވާބު ވަރަށް ސަރީހައެވެ. ޑރ ބުލް ވިދާޅުވީ ހަގީގީ މައްސަލައަކީ ކުޑަކުދިން ކަންނެތް ވުން ނޫންކަމަށާ، ނަމަވެސް ކަނޑައެޅިގެން ސީދާ ޖަވާބެއް ދެންނެވެން ނެތްކަމަށެވެ.
ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ކުޑަކުދިންގެ ޖިސްމާނީ ހަރަކާތްތެރިކަން ދަށްވުމުގެ އެއް ސަބަބަކީ ސްކޫލްގެ އިލްމީ މަންހަޖުގެ އަމާޒުތައް ހާސިލުކުރުމަށްޓަކައި ޖިސްމާނީ ދުޅަހެޔޮކަން ގުރުބާން ކުރުމެވެ. މިސާލަކަށް ފިލާވަޅު ހެދުމާ، ހޯމްވޯކް ހެދުން ފަދަ ކަންކަމުގައި ވަގުތުތައް ހޭދަކުރުމާއެކު، ހެލިފެލިވެލާ އުޅުމަކީ ސަކަރާތް ޖެހުންކަމުގައި ހީވެ، ނުރުހުމުގެ ނަޒަރަކުން އެކަމާ މެދު ދެކެވުމުގެ ސަގާފަތެއް އުފެދިފައި އޮތުމެވެ.
މީގެ އިތުރުން ކުޅިވަރު ކުޅޭނެ އެކަށީގެންވާ މާހައުލެއް ނެތުމާ، މަގުތަކަކީ ކުދިންނަށް ރައްކާތެރި ތަނަކަށް މިހާރު ނުވާކަމީވެސް މިފަދަ ހަރަކާތްތަކާ ކުދިން ދުރުކުރުމަށް މައިންބަފައިންނަށް މަޖުބޫރު ކުރުވާ ސަބަބެކެވެ.