އެމްޑީޕީއަށް ރައީސަކާއި ނައިބު ރައީސަކު ހޮވުމަށް އެ ޕާޓީން ބާއްވާ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ މިއަދު މެންދުރުފަހު 2:00 އިން ފެށިގެން އިރުއޮއްސި 6:00 އަށެވެ. މި އިންތިހާބުގައި އެމްޑީޕީއަށް ނިސްބަތްވާ ޖުމްލަ 87،439 މެންބަރުންނަށް ވޯޓު ލެވޭ ކަމަށް އެމްޑީޕީން ބުނެއެވެ.
ވޯޓު ފޮށިތައް ހުންނަ ތަންތަން:
- މާލޭގައި ހުންނަ އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ ވޯޓު ފޮށިތައް: އެމްޑީޕީ ހަރުގެ
- މާލޭގައި ބަހައްޓާ އެހެން ހުރިހާ ވޯޓު ފޮށިތައް: އިސްކަންދަރު ސްކޫލު ހޯލު
- ހުޅުމާލޭ ވޯޓު ފޮށި: ޣާޒީ ސްކޫލު
- ވިލިމާލޭ ވޯޓު ފޮށި: ވިލިމާލޭ އެމްޑީޕީ ހަރުގެ
- ހުރިހާ ރަށެއްގެ ވޯޓު ފޮށި: އެރަށެއްގެ އެމްޑީޕީ ހަރުގެ
- ސްރީ ލަންކާގެ ވޯޓު ފޮށި: ހަރިއޮޓް ވަޓް އެކަޑެމީ ނަންބަރު، 244/8 ބީ ހިލް ސްޓްރީޓް، ދެހިވަލާ
އެމްޑީޕީގެ ލީޑާޝިޕް އިންތިހާބުގައި 2019 ގައި އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދަކީ ކުރިންވެސް އެޕާޓީގެ ރައީސެވެ.
ނައިބު ރައީސް ކަމަށް، ކުރިމަތިލައްވަނީ ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރު ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް އާއި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު މެންބަރު މުހައްމަދު އަސްލަމެވެ.
ވާދަވެރިކަން އޮތީ ނައިބު ރައީސްގެ މަގާމުގައެވެ. ރައީސް ކަމުގެ މަގާމަށް އިތުރު މީހަކު ކުރިމަތިލާފައި ނުވުމުން އެ މަގާމަށް ރައީސް ނަޝީދު އިންތިހާބު ވާނެއެވެ.