ޕަލަސްޓައިން އޮތޯރިޓީ (ޕީއޭ)އަށް ފޯރުކޮށްދެމުންދިޔަ މާލީ އެހީތެރިކަން ހުއްޓާލުމަށް ނެދަލަންޑްސްގެ ސަރުކާރުން ނިންމައިފިއެވެ.

އަހަރަކު ގާތްގަނޑަކަށް 1.5 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުން ހުއްޓާލުމަށް ނެދަލަންޑްސްގެ ސަރުކާރުން ނިންމާފައިވަނީ، އިސްރާއީލުގެ ޝިކާރައަކަށްވާ ފަލަސްތީނު ރައްޔިތުންގެ އާއިލާތަކަށް ޕީއޭ ދެމުންދާ މާލީ އެހީއާއި ގުޅިގެންނެވެ.

ނެދަލަންޑްސްގެ ސަރުކާރުން މިފަދަ ނިންމުމެއް ނިންމުމަށް ބާރު އަޅާފައިވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ އިސްރާއީލަށް ތާއީދުކުރާ މެމްބަރުންގެ ލޮބީ ގުރޫޕުތަކެއްގެ ނުފޫޒުގައެވެ. އެ ގުރޫޕުތަކުން މިކަމަށް ބާރުއަޅަމުންދާތާ އަހަރުތަކެއް ވެއްޖެއެވެ.

ނެދަލަންޑްސްއިން ޕަލަސްޓައިން އޮތޯރިޓީއަށް މާލީ އެހީ ފޯރުކޮށްދެމުންދިޔައީ ފަލަސްތީނުގެ އަދުލު އިންސާފާ ބެހޭ ވުޒާރާގެ މުވައްޒަފުންގެ މުސާރައިގެ ކަންކަން ހަމަޖެއްސުމަށެވެ.

ކަންމިހެން އޮތް ނަމަވެސް އިސްރާއީލުން ތުހުމަތު ކުރާ ގޮތުގައި ފަލަސްތީނުގެ ސަރުކާރަކީ "ޓެރަރިސްޓުންނަށް ހިތްވަރުދޭ" ސަރުކާރެކެވެ. އިސްރާއީލުން މި ދައުވާ ކުރަނީ އިސްރާއީލު ޖަލަށް ލާ މީހުންނާ ޝާހީދުކުރާ މީހުންގެ އާއިލާތަކަށް އެ ފައިސާ ހަރަދު ކުރާކަމަށް ބުނެއެވެ.

ނެދަލަންޑްސް ސަރުކާރުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ މާލީ އެހީގެ މައްސަލާގައި ޕީއޭއާއިއެކު އެދެވޭ މަޝްވަރާތަކެއް ކުރިއަށްދިޔަނަމަވެސް، އެކަށީގެންވާ ނަތީޖާއެއް ނެރެވިފައި ނުވާކަމަށެވެ. އެހެންކަމުން، ފަލަސްތީނުގެ އަދުލު އިންސާފުގެ ދާއިރާގެ މުވައްޒަފުންގެ މުސާރަ ހަމަޖެއްސުމަށް ފޯރުކޮށްދިން މާލީ އެހީތެރިކަން ދެމުން ނުދާނެ ކަމަށެވެ.

ހައްދުފަހަނައަޅާފައިވާ ޔަހޫދީ އިސްރާއީލުގެ ނުފުޒާއެކު ނެދަލަންޑްސްއިން ހުއްޓާލާފައިވަނީ 1.5 މިލިއަން ޑޮލަރުގެ ސީދާ މާލީ އެހީކަމުގައިވާއިރު، ނެދަލަންޑްސް އިންދަނީ މިނޫން އިތުރު ޗެނަލްތަކުން ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ފަލަސްތީނުގެ ރެފިއުޖީނަށް ބޭނުންވާ އެހީތެރިކަމާ، ފަލަސްތީނަށް ބޭނުންވާ އިގުތިސޯދީ އެހީތެރިކަން ނެދަލަންޑްސް އިން ފޯރުކޮށްދެނީ ވިލާތުގެ އިދާރާތައް މެދުވެރިކޮށެވެ. ކުރިއަށް އޮތް 2020 ވަނަ އަހަރު ފަލަސްތީނުގެ ރެފިއުޖީންނަށް ހާއްސަކޮށްގެން ނެދަލަންޑްސްއިން 13 މިލިއަން ޑޮލަރު އދ މެދުވެރިކޮށް ފޯރުކޮށްދޭނެ ކަމަށްވެސް ޚަބަރު ލިބެއެވެ.

ނެދަލަންޑްސްގެ އެހީ ހުއްޓާލުމާއެކު، ފަލަސްތީނުގެ ނެދަލަންޑްސް މިޝަންއިންވަނީ، މިކަން އަލުން މުރާޖައާ ކޮށްދިނުމަށް އެގައުމަށް ގޮވާލާފައެވެ. އިސްރާއީލަށް އެއްބާރުލުންދޭ ނެދަލަންޑްސްގެ މެމްބަރުންގެ ތުހުމަތުތަކަށް ފަލަސްތީނުން އިންކާރުކުރެއެވެ.