މާދަމާ ބާއްވާ އެމްޑީޕީ އެތެރޭގެ އިންތިހާބުގެ ވޯޓު ފޮށިތައް ބަހައްޓާ ތަންތަން އެ ޕާޓީން ހާމަކޮށްފިއެވެ.
އެމްޑީޕީން ބުނީ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ މާދަމާ މެންދުރު 2:00 އިން އިރުއޮއްސި 6:00 އަށް ކަމަށެވެ. އަދި މި އިންތިހާބުގައި އެމްޑީޕީއަށް ނިސްބަތްވާ ޖުމްލަ 87،439 މެންބަރުންނަށް ވޯޓު ލެވޭ ކަމަށް އެމްޑީޕީން ބުނެއެވެ.
ވޯޓު ފޮށިތައް ހުންނަ ތަންތަން:
- މާލޭގައި ހުންނަ އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ ވޯޓު ފޮށިތައް: އެމްޑީޕީ ހަރުގެ
- މާލޭގައި ބަހައްޓާ އެހެން ހުރިހާ ވޯޓު ފޮށިތައް: އިސްކަންދަރު ސްކޫލު ހޯލު
- ހުޅުމާލޭ ވޯޓު ފޮށި: ޣާޒީ ސްކޫލު
- ވިލިމާލޭ ވޯޓު ފޮށި: ވިލިމާލޭ އެމްޑީޕީ ހަރުގެ
- ހުރިހާ ރަށެއްގެ ވޯޓު ފޮށި: އެރަށެއްގެ އެމްޑީޕީ ހަރުގ
- ސްރީ ލަންކާގެ ވޯޓު ފޮށި: ހަރިއޮޓް ވަޓް އެކަޑެމީ ނަންބަރު، 244/8 ބީ ހިލް ސްޓްރީޓް، ދެހިވަލާ
އެމްޑީޕީގެ ލީޑާޝިޕް އިންތިހާބުގައި 2019 ގައި އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދަކީ ކުރިންވެސް އެޕާޓީގެ ރައީސެވެ.
ނައިބު ރައީސް ކަމަށް، ކުރިމަތިލައްވަނީ ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރު ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް އާއި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު މެންބަރު މުހައްމަދު އަސްލަމެވެ.