ދީނީ އިލްމުވެރިޔާ ޑރ. އަަފްރާޝީމް އަލީ އަވަހާރަ ކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ތުހުމަތު ކުރެވޭ އެމްޑީޕީ އެކްޓިސްޓް ހ. ހިކޯޓް، އަލީ ޝާން (ސަޓޯ)ގެ ނަން ނުހިމަނައި، އެމްޑީޕީ އެކްޓިވިސްޓް އަދި މި ސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީގެ އިސް މަގާމެއްގައި ހުރި އަލީ ހާޝިމް (ސްމިތު) ގެ ނަމާ އެކު ރިޕޯޓު ފާސް ކޮށްފިއެވެ.

މިދިޔަ ހޯމަ ދުވަހު ރިޔާސީ ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓްގެ ދިރާސާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ "ޓޫފޯވަން" ސަބް ކޮމިޓީން ދިރާސާކޮށް އެކުލަވާލި އެ ރިޕޯޓްގައި ވަނީ ސްމުތަކީ ފައިސާގެ މުއަމާލާތްތައް ހިންގި ކަމަށް ބުނާ މީހުންގެ ލިސްޓަށް އޭނާގެ ނަން އިތުރުކޮށްފައި ވާ ކަމަށާއި، ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ މައުލޫމާތު އެނގިހުރެ ސިއްރު ކުރި މީހެއް ކަމަށް މި ކޮމެޓީން ވަނީ ނިންމައިފައެވެ. ނަމަވެސް އެ ރިޕޯޓުގައި ސަޓޯގެ ނަން ވަނީ އުނިކޮށްފައެވެ.

ސަޓޯ އަކީ ޑރ. އަފްރާޝީމް މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހެއްކަން ފުލުހުން ހިންގި ތަހުގީގުންނާއި ރިޔާސީ ކޮމިޝަންގެ ތަހުގީގުން ވަނީ އެނގިފައެވެ. އަދި ސަޓޯ އަކީ އެ ހަމަލާ ރާވައި ހިންގުމުގައި ވެސް އިސްކޮށް އުޅުނު މީހެއް ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބުނެއެވެ. އެ ރިޕޯޓު މިދިޔަ އާދިއްތަ ދުވަހު ރައީސް އޮފީހުން އާންމު ކުރި އިރު، ސަޓޯ އަދާކުދަމުން ދިޔަ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ލިމިޓެޑް (ޖީއެމްއައިޒެޑްއެލް)ގެ ވަޒީފާ އިން އޭނާ ވަނީ ސަސްޕެންޑް ވެސް ކޮށްފައެވެ.

ސުމިތަކީ، ޑރ. އަފްރާޝީމްގަ މަރުގެ ތަހުގީގު ކުރިއަށް ދަނިކޮށް އެ މައްސަލާގައި ތުހުމަތުގައި ހައްޔަރު ކުރި މީހެކެވެ. ނަމަވެސް ފަހުން އޭނާ ވަނީ ދޫކޮށްލާފައެވެ.

ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ތުހުމަތުކޮށްފައިވާ ގިނަ މީހުންގެ ނަންތައް ވަކި ވަކި ކެޓަގަރީތަކަށް ބަހާލައި އެ މީހުންގެ ނަންތައް ސަބް ކޮމިޓީގެ ރިޕޯޓުގައިވަނީ ހިމަނާފަ އެވެ. ނަމަވެސް އެ ނަންތަކުގައި ސަޓޯގެ ނަމެއް ނުހިމަނައެވެ.

އެގޮތުން ސަބް ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ، ޑރ. އަފްރާޝީމް މަރާލުމުގައި ފައިސާގެ މުއާމަލާތްތައް ހިންގި މީހުންގެ ލިސްޓަކާއި އެކަން އެނގި ތިބެ ސިއްރު ކުރި ފަރާތްތަކާއި ޖިހާދީ ފިކުރުގެ ޖަމާއަތްތަކުގައި ނަން އަދި އެ މަރުގެ ހަގީގަތް އެނގޭނެ އޭރު ފުލުހުންގެ ތެރޭގައި މަސައްކަތް ކުރި ފަރާތްތަކުގެ ނަންތަކެވެ.

ސަބް ކޮމިޓީ ރިޕޯޓުގައި ޑރ. އަފްރާޝީމް މަަރާލުމުގައި ފައިސާ މުއާމަލާތް ހިންގި މީހުންގެ ލިސްޓުގައި 12 މީހެއްގެ ނަން ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު މޫސާ މަނިކު (ރީކޯ މޫސާ)ގެ ދަނބިދަރި، މ.ޖަރީމާގެ، އަބްދުﷲ ޖާވިދު (ޖާ) އާއި އެކަމުގައި މޭސްތިރިޔާ ކަމަށް ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވާ، ހ. ހިލްޓަން އަޒްލީފް ރައޫފް އަދި އެ މަރުގައި އަމަލީ ގޮތުން ބައިވެރިވި، ހ. ލޮބީ ހުސައިން ހުމާމްގެ ނަންވެސް ވަނީ ހިމަނާފައެވެ. އޭގެ އިތުރުން އެ ލިސްޓުގައި ސުމިތްގެ ނަންވެސް ހިމެނެއެވެ.

މީގެ ހަތް އަހަރު ކުރިން 2 އޮކްޓޯބަރު 2012 ވަނަ ދުވަހު ޑރ. އަފްރާޝީމް މަރާލި މައްސަލާގައި ދައުވާ ކުރީ ސަޓޯއާ އެކު ހ. ލޮބީ ހުސައިން ހުމާމްގެ މައްޗަށެވެ. އަދި އުމުރުން 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކަށް މައްސަލައިގައި ތުހުމަތު ކުރެވުނު ނަމަވެސް، އޭނާގެ މައްޗަށް ދައުވާ ކޮށްފައެއް ނުވެއެވެ. ހެކި ނެތުމުގެ ސަބަބުން ސަޓޯގެ މައްޗަށް ދައުވާ ސާބިތު ނުވިއެވެ. އަދި އެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފެއްވެސް ނުކުރެއެވެ.