މި ދުވަސްވަރު ސޯޝަލް މީޑިއާގައި އެންމެ ބާރަށް ދެކެވެމުން އަންނަ އެއް ވާހަކައަކީ، މިފަހަކަށް އައިސް ފެންނަމުންދާ ކަށުނަމާދުގެ އިއުލާންތަކުގައި އަހަރު ނުޖަހާ ހުންނަ ކުދިންގެ އަދަދު އިތުރުވަމުންދާ ވާހަކައެވެ. އިއުލާންގައި ކުދިންގެ ނަންޖެއްސެއްކަމަކު އުމުރު ނުޖަހާ ހުންނަނީ ބަނޑަށް 28 ހަފުތާ ވުމުގެ ކުރިން، މައިމީހާގެ ބަނޑުގައި އެ ދަރިފުޅު މަރުވެދިއުމުން ކަމުގައި ބުނާ ޕޯސްޓްތަކެއްވެސް ދަނީ ދައުރުވަމުންނެވެ.

މިއީ ކޮންމެ ގޮތަކަށް ހަގީގަތް އޮތް ކަމުގައި ވީ ނަމަވެސް އިންތިހާއަށް ހިތްދަތި، އަދި އެހާމަ ކަންބޮޑު ކުރުވާ ކަމެކެވެ. ބޭނުންވެގެންވިއަސް، ނުވެ ކަމުގައި ވީ ނަމަވެސް ދަރިންނަކީ ނިއުމަތެކެވެ. ކޮންމެ ދެމަފިރިއަކުވެސް މިކަމަށް އެދޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

އެކި ގޮތަށް އެކި މީހުންގެ ވާހަކަ ހުރިއިރު ސްޓިލްބާތަށް ބަލާލުން މުހިންމު ކަމުގައި ދެކެމެވެ.

ސްޓިލްބާތްއަކީ ކޮބާ؟

ސްޓިލްބާތް ނުވަތު ފީޓަލް ޑިމައިސްއަކި މައިމީހާގެ ބަނޑުގައި ގަރުބަގަންނަތާ 20 ހަފުތާ ފުރުމަށްފަހު، ދުވަސް ފުރުމުގެ ކުރިން، އެ މައިމީހާގެ ބަނޑަށް ދަރިފުޅު މަރުވުމުން މެދުވެރިވާ ހާލަތެވެ. ސިއްހީ އެކި އާލާތްތައް ބޭނުންކޮށްގެ މިހާ ހިސާބުން އެ މައިމީހާ ވިއްސައިގެން ނުވަތަ އޮޕަރޭޝަންކޮށްގެން ދަރިފުޅު އުފަންވާއިރުވެސް އޮންނާނީ މަރުވެފައެވެ. ބަނޑުގައި ގަރުބަ ގަންނަ ހިސާބުން ފެށިގެން 20 ވަނަ ހަފުތާ ފުރުމާ ދޭތެރޭ ދަރިފުޅު މަރުވުމުން ބުނެ އުޅެނީ އެއީ މިސްކެރިޖް ނުވަތަ ބައިގެން ދިޔައީ ކަމަށެވެ.

ބަނޑަށް މަރުވެފައިވާ ތުއްތު ކުއްޖެއް/ފޮޓޯ: ދި އިންޑިޕެންޑެންޓް

ސްޓިލްބާތްއަކީ އާންމުކަމެއްތަ؟

ޖަވާބުގައި އިންތިހާއަށް ހިތާމަ ހުއްޓެވެ. މިއީ ހީކުރާ ވަރަށްވުރެ އާންމުކޮށް ހިނގާ ކަމެކެވެ. ދުނިޔޭގެ ނިސްބަތުން އެވަރޭޖަކަށް ބަލާއިރު ބަލިވެ އިންނަ ކޮންމެ 160 ފަހަރަކުން 1 ސްޓިލްބާތްއަކާ ކުރިމަތިލާންޖެހެއެވެ. ހުރިހާ ގޮތަކުން އެންމެ ކުރިއަރާފައިވާކަމަށް ދައުވާކުރާ އެމެރިކާއަށް ބަލާއިރުވެސް އަހަރަކު 26000 ކޭސް، ސްޓިލްބާތްގެ ގޮތުގައި ރަޖިސްޓްރީ ކުރެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަލާއިރު މި އަދަދު 3.2 މިލިއަނަށް އަރައެވެ.

ސްޓިލްބާތްގެ ގޮތުގައި ރެކޯޑްކުރާ ކޭސްތަކަށް ބަލާއިރު 80 ޕަސެންޓް ކޭހަކީ ދުވަސްފުރުމުގެ (ބަނޑަށް 37 ހަފުތާ ފުރުމުގެ) ކުރިން މައިމީހާގެ ބަނޑަށް ދަރިފުޅު މަރުވެގެން ރެކޯޑްކޮށްފައިވާ ކޭސްތަކަކަށް ވާއިރު، ސްޓިލްބާތްގެ ގޮތުގައި ރެކޯޑްކޮށްފައިވާ ކޭސްތަކުގެ ދެބައިކުޅަ އެއްބައި ކޭހަކީ ބަނޑުގައި ދަރިފުޅު ގަރުބަ ގަންނަތާ 28 ހަފުތާ ވުމުގެ ކުރިން މައިމީހާގެ ބަނޑަށް ދަރިފުޅު މަރުވެގެން ރެކޯޑްކޮށްފައިވާ ކޭސްތަކެއް ކަމަށް ރެކޯޑްތަކުން ދައްކައެވެ.

ސްޓިލްބާތްގެ ނުރައްކާ އޮތީ ކޮން ބަޔަކަށް؟

ބަލިވެއިންނަ އަންހެން މީހާގެ ބަނޑަށް ދުވަސް ނުފުރާ ދަރިފުޅު މަރުވުމަށް މެދުވެރިވާ ގިނަ ހާލާތްތަކެއް ހުރެއެވެ. އޭގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ބައެއް ނުރައްކާތައް އެބަހުއްޓެވެ.

  • އަންހެން މީހާގެ އުމުރުން 35 އަހަރުން މައްޗަށް ދިއުމުން ނުވަތަ 20 އަހަރު ފުރުމުގެ ކުރިން ބަލިވެއިނުން – މީގެ ތެރެއިންވެސް އުމުރުން 35 އަހަރުން މައްޗަށް ދިއުމުން ބަލިވެ އިންނަ އަންހެން މީހާގެ ބަނޑަށް ދުވަސް ނުފުރާ ދަރިފުޅު މަރުވުމުގެ ފުރުސަތު، އުމުރުން ޅަ މައިންނަށްވުރެ ބޮޑު
  • މައިމީހާގެ ސިއްހީ ހާލަތު – ލޭމައްޗަށް ދިއުމާ، ހަކުރު ބަލި ހުރުން. އަދި ކިޑްނީ ބައްޔާ ލޭ މަނާ ކުރުމަށް ހުރަސް އެޅޭ ފަދަ ބަލިތައް ހުންނަ އަންހެނުންނަށް މި ނުރައްކަލާ ކުރިމަތިވުމުގެ ފުރުސަތު ބޮޑު
  • ޕްރީ-އެކްލެމްޕްޒިއާ ނުވަތަ މާބަނޑު ދުވަސްވަރު ލޭ މައްޗަށް ދާން މެދުވެރުވުން
  • އާދަޔާ ހިލާފަށް ފަލަ އަންހެނުން ނުވަތަ އޮބީސް އަންހެނުން ބަލިވެއިނުން
  • ބަނޑުގައި އެއް ކުއްޖަކަށްވުރެ ގިނަ ކުދިން އެއް ވަގުތެއްގައި ގަރުބަ ގަތުން (އެއްމާބަނޑު ކުދިންނަށް ބަލިވެއިނުން)
  • ދުންފަތުގެ އިސްތިއުމާލު ކުރުން
  • ކުރިންވެސް ސްޓިލްބާތްގެ ހާލަތާ ކުރިމަތިލާންޖެހިފައިވުން، ކުރިން ބަލިވެ އިން ފަހަރަކު ބައިގެން ގޮސްފައިވުން، ނުވަތަ ބަލިވެ އިންނަތާ ފުރަތަމަ 28 ދުވަހުގެ ތެރޭގައި އެބޯޓްވުން ފަދަ ކަމަކާ ކުރިމަތިލާންޖެހިފައިވާ މީހުން އަލުން ބަލިވެ އިންނައިރު ސްޓިލްބާތްގެ ނުރައްކާ ބޮޑު
  • މާބަނޑު ދުވަސްވަރު އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބުން
  • ނަސްލު – އިޖުތިމާއީ އިގުތިސޯދީ ވެށި ކޮންޓްރޯލް ކުރެވިފައި ވީ ނަމަވެސް ކޮކޭޝިއަން މީހުންނަށްވުރެ ކަޅު ނަސްލުގެ އަންހެނުން ބަލިވެއިނުމުން ސްޓިލްބާތްއަކާ ކުރިމަތިލާންޖެހުމުގެ ފުރުސަތު އިތުރު
  • ރާ ބުއިން
  • ކޮންޓްރޯލްކޮށްފައިވާ ޑްރަގް (ބޭސް)، ޑޮކްޓަރުގެ އިރުޝަދާއެކު ނުވަތަ އިރުޝާދާ ނުލާވިއަސް ބޭނުންކުރުން
  • ބޮޑު އަނިޔާއެއް ބަނޑަށް ލިބުން (އެކްސިޑެންޓްވެގެން، ވެއްޓިގެން ނުވަތަ ގެވެށި އަނިޔާގެ ތެރެއިން ފަދަ ހާލަތެއްގައިވިއަސް)
  • ނިދާ ގޮތުން – މިއީ އަދި މުޅިން ކަށަވަރުވެފައި ކަމެއް ނޫންކަމުގައި ވިއަސް، ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، ސީދާ އުއްޑުން އޮތުމަކީ ސްޓިލްބާތްއަށް މަގުފަހިކުރާ ކަމަކަށް ވެދާނެ.
  • ބަނޑުގައި ގަރުބަގަތް ދަރިފުޅު، އެކަށީގެންވާ ގޮތަށް ހެދިބޮޑުނުވުން
  • ޕޯސްޓް-ޓާމް ޕްރެގްނެންސީ – ނުވަތަ ދުވަސްފުރުނު ކަމަށް ބަލާ 41-42 ވަނަ ހަފުތާ ފަހަނައަޅާ ދާއިރުވެސް ނުވިހެއުން. މިފަދަ ހާލަތްތައް ހިއްސާކުރަނީ ސްޓިލްބާތްގެ 14 ޕަސެންޓް އެވެ.
އުމުރުން 73 އަހަރުގެ މަންގަޔައައްމާ ޔަރަމާތީއަށް އުފަންވި އެއްމާބަނޑު ދެބެން/ފޮޓޯ: ފްލޯރިޑާ ޓައިމްސް ޔޫނިއަން

ސްޓިލްބާތްއަށް މަގުފަހިކުރަނީ ކޮން ކަމެއް؟

  • އައިބު ހުރުން – ވަކިން ހާއްސަކޮށް ކްރޮމޮޒޯމްތަކުގައި އައިބު ހުރުން. މިސާލަކަށް އެނެންސެފަލީ ނުވަތަ ސިކުނޑިއާއި ބޯ ފުރިހަމައަށް ނުހެދި ހުރުމަކީވެސް ސްޓިލްބާތްގެ 14 ޕަސެންޓް ހިއްސާ ކުރާ އައިބެއް.
  • އަމްބެލިކަލް ކޯޑު ނުވަތަ ފޫޅުދަނޑިއާއި ގުޅުންހުރި އެކި ހާދިސާތައް- ފޫޅުދަނޑި އަކީ ބަނޑުއަޅައި ވިހާއިރު މަހާއި ފޫޅާއި ދެމެދުގައި އޮންނަ ފަށެވެ. މިގޮތުން ފޫޅުދަނޑީގައި ގޮށްޖެހޭ ހާލަތްތައް ހިނގުމާ، ވިހެއުމުގެ ތެރޭގައި ބައެއް ފަހަރު ދަރިފުޅަށްވުރެ ކުރިން ފޫޅުދަނޑި ނިކުންނަ ގޮތް މެދުވެރިއެވެ. މީގެ އިތުރުން ދަރިފުޅުގެ ކަރުގައި ފޫޅުދަނޑި އޮޅޭގޮތްވެސްވެއެވެ. މިއީ ސްޓިލްބާތްގެ 10 ޕަސެންޓްއެވެ. ދަރިފުޅު އުފަންވާއިރު ކަރުގައި ދޫކޮށް ފޫޅުދަނޑި އޮޅިފައި އޮންނަ ހާލަތްތައް އާދެއެވެ. އެކަށީގެންވާ ސިއްހީ ފަރުވާ ލިބެމުންދާނަމަ މިކަމުގައި މާ ބޮޑު ނުރައްކަލެއް ނެތެވެ.
ބަނޑުގައި ދަރިފުޅު ޣަރުބަގަނެފައިވާގޮތް ދައްކުވާދޭ މޮޑެލްތަކެއް/ފޮޓޯ: އެންވައިޕީ
  • ވާމަސް ނައްޓައިގެން ދިއުން ނުވަތަ ޕްލެސަންޓާ އެބްރަޕްޝަން- ޕްލެސަންޓާއަކީ މައި މީހާގެ ބަނޑުގައި ކުއްޖާ އޮންނަ އިރު ކުއްޖާ އާއި ގުޅިފައި އޮންނަ މަހުގެ ބާވަތެކެވެ. ބަލިވެ އިންނަ މީހުންގެ 1 ޕަސެންޓް މީހުންނަށް މިކަން ކުރިމަތިވެއެވެ. ވާމަހާ މައިމީހާގެ ރަހިމުގެ ފާރާ އޮންނަ ގުޅުން ކެނޑޭ މިންވަރަކުން މި ނުރައްކާ އޮވެއެވެ.
  • އިންފެކްޝަން ތަކަކީވެސް ސްޓިލްބާތްއަށް މަގުފަހިކުރާ ކަމެއް – ތަރައްގީވެފައިވާ ގައުމުތަކަށް ބަލާއިރު ސްޓިލްބާތްގެ 24 ޕަސެންޓް ހިއްސާކުރަނީ އިންފެކްޝަންގެ ނުރައްކާތަކެވެ. މިފަދަ ބައެއް އިންފެކްޝަންތަކުގެ ތެރޭގައި ބެކްޓީރިއަލް ވެޖިނޯސިސް، ޕާވޯވައިރަސް، ޖެނިޓަލް ހާޕީޒް އަދި ސިފިލިސް ފަދަ ޖިންސީ ގުނަވަނަށް ޖެހޭ ނުރައްކާތެރި ބަލިތައް ހިމެނެއެވެ. މިފަދަ އިންފެކްޝަންތަކުގެ ސަބަބުން ސްޓިލްބާތްގެ ހާލަތު މެދުވެރިވާލެއް އަވަސްވެއެވެ. އެގޮތުން ބަނޑުގައި ދަރިފުޅު ގަރުބަގަންނަތާ 20-28 ހަފުތާ ފުރުމާ ދޭތެރޭ، މައިމީހާގެ ބަނޑަށް ދަރިފުޅު މަރުވުމުގެ ނުރައްކާ ބޮޑުވެއެވެ.

ސްޓިލްބާތްއަށް މެދުވެރިވާ ހާލާތްތަކަށް ބަލާއިރު، 25-60 ސްޓިލްބާތް ހާދިސާ ހިނގާފައިވަނީ ކީއްވެކަން ކަށަވަރެއް ނުކުރެވެއެވެ.

ސްޓިލްބާތް ހުއްޓުވިދާނެތަ؟

މިއީ 100 ޕަސެންޓް ޔަގީންކަމާއެކު އެއްވެސް މީހަކަށް ދެވޭނެ ޖަވާބެއް ނޫންކަން ގަބޫލުކުރަންޖެހެއެވެ. މިކަމުގައި އޮތީ އެކަށީގެންވާ ފަރުވާ ހޯދުމެވެ. ބަލިވެއިން އަންހެން މީހާއާއި އޭނާގެ ދަރިފުޅަށް އިންތިހާއަށް ސަމާލުކަން ދޭންޖެހެއެވެ. ބަލިވެ އިންނަ މީހާގެ ބަނޑަށް ދަރިފުޅު މަރުވެދާނެ ހުރިހާ ހާލަތްތަކަކުން އޭނާ ދުރުކުރުމަށް މަސައްކަތް ކުރެވިދާނެއެވެ.

ބަލިވެ އިން އަންހެން މީހާއަކީ އިސްވެ ބަޔާންކުރެވިފައިވާ ނުރައްކާތަކަށް ހުށަހެޅިފައިވާ މީހެއް ނަމަ 'ހައި-ރިސްކް' ޕްރެގްނެންސީތަކަށް ހާއްސަ ގައިނޮލޮޖިސްޓުންގެ އިރުޝާދު، ގަވައިދުން ހޯދަމުންދިއުން ބުއްދިވެރިއެވެ.

ސްޓިލްބާތްގެ އިންޒާރުތަކަކީ ކޮބާ؟

ހަނދާނުގައި ބަހައްޓަންވީ ކަމަކީ ސްޓިލްބާތްއަކީ އެއްވެސް ކަހަލަ އިންޒާރަކާ ނުލާވެސް ކުރިމަތިވެދާނެ ކަމެއްކަމެވެ.

ކަންމިހެން އޮތް ނަމަވެސް ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން ބަނޑަށް 28 ހަފުތާ ފުރުމުން ދުވާލަކު އެންމެ މަދުވެގެން 1 ފަހަރު، ދަރިފުޅު ތޮޅޭވަރު މޮނިޓާ ކުރަން ވާނެއެވެ. ތޮޅޭ ވަރަށް ކުޑަ ނަމަވެސް ބަދަލެއް އަތުވެއްޖެނަމަ ކަމާބެހޭ ސިއްހީ ފަރާތްތަކުގެ ސަމާލުކަން އެކަން ގެނެސް، ނޮން-ސްޓްރެސް ޓެސްޓް (އެންސްޓީ) ހަދާ، ދަރިފުޅުގެ ހާލު ކަށަވަރު ކުރަންވާނެއެވެ.

ތުއްތު ކުއްޖެއް ބޮޑު މީހެއްގެ އަތުގައި ހިފައިގެން

ބޮޑެތި މީހުން ފަދައިން، ބަނޑުގައި އޮންނަ ދަރިފުޅުވެސް ހަލަނިވާ ދުވަސްތަކާ އެނޫން ދުވަސްތައް އަންނާނެއެވެ. މުހިންމީ އެމީހެއްގެ 'ގަޓް' ނުވަތަ ނަފްސު ބުނާ އަޑެއްގެ އަޑު އެހުމެވެ. ހިތުގައި ކުޑަވެސް ނުތަނަވަސްކަމެއް އުޅޭނަމަ ސިއްހީ އެހީތެރިންގެ އެހީތެރިކަން ހޯދާށެވެ. ބަނޑުގައި އޮތް ދަރިފުޅުގެ ހާލު، އެ މައިމީހާއަށްވުރެ ބޮޑަށް އެނގޭނެ ދެވަނަ އިންސާނަކު މި ބިމުގައި ނުހުންނާނެއެވެ.

ބަނޑުގައި އޮންނަ ދަރިފުޅު އާދަޔާ ހިލާފަށް ތޮޅެން ފެށުމަކީވެސް ސަމާލުވާންވީ ކަމެކެވެ.

ނަމަވެސް މިފަދަ ކަންކަމާ މާ ބޮޑަށް ސްޓްރެސް ވުމަކީވެސް ރަނގަޅު ގޮތެއް ނޫނެވެ. ބަނޑުގައި ހެދިބޮޑުވަމުންދާ ދަރިފުޅުގެ ހަރަކާތްތަކަށް ބަދަލު އަންނާނެ ކަމާ، އެ ބަދަލުތައް އަންނާނެ ކަމަށް ލަފާކުރާ ގޮތްތައް ދުރާލާ ދެނެގަތުން މުހިންމެވެ.

ސްޓިލްބާތްއަކާ ކުރިމަތިލާންޖެހިދާނެ ކަމުގެ އިންޒާރުދޭ އަނެއް ކަމަކީ ބަނޑުގައި ނުވަތަ ބުރަކަށީގައި އާދަޔާ ހިލާފު ގަދައަށް ރިއްސުމާ ކުރިމަތިފަރާތުން ލޭ އައުމެވެ. މިއީ ޕްލެސަންޓާ އެބްރަޕްޝަން ނުވަތަ ވާމަސް ވަކިވުން ކަހަލަ ކަމެއްވެގެން ހިނގާ ކަމަކަށް ވެދާނެ ކަމަކަށްޓަކާ، މިފަދަ އެއްވެސް ނިޝާނެއް ފެންނަން ނުޖެހޭ މުއްދަތެއްގެ ތެރޭގައި ފެނިއްޖެނަމަ ވީ އެންމެ އަވަހަކަށް ސިއްހީ އެހީތެރިންގެ އެހީ ހޯދާށެވެ. ގަވައިދުން ދައްކާ ޑޮކްޓަރަށް ވަގުތުން ދެއްކެން ނެތްނަމަ އީ-އާރްގެ އެހީވެސް ހޯދާށެވެ.

ދަރިފުޅުގެ ވިންދު ނެތްކަން އިނގުމުން ދެން ހަދާނީ ކިހިނެއް؟

ބަނޑުގައި ދަރިފުޅު ގަރުބަގަންނަތާ ފުރަތަމަ 6 ވަނަ ހަފުތާއިން ފެށިގެން އެ ދަރިފުޅުގެ ހިތުގެ ވިންދު ނުވަތަ ހިނގުން މޮނިޓާ ކުރެވެއެވެ. ސިއްހީ މާހިރުން ދީފައިވާ ތާވަލާ އެއްގޮތަށް ހަދާ ޑޮކްޓަރު އެޕޮއިންޓްމަންޓްތަކުގައި އެ ދަރިފުޅުގެ ހިތުގެ ހިނގުން ގަވައިދުން މޮނިޓާ ކުރާންޖެހޭނެއެވެ. މި ގޮތަށް މޮނިޓާ ކުރުމުގެ ތެރޭގައި ހިތުގެ ހިނގުން ފާހަގަ ނުކުރެވިއްޖެނަމަ އެކަން ދެވަނަ ފަހަރަށްވެސް ކަށަވަރުކުރާނެއެވެ. އެގޮތުން އަލްޓްރާ ސައުންޑް ސްކޭނެއް ހަދާ، ދަރިފުޅު ބަނޑަށް މަރުވި ތޯ ނުވަތަ ނޫންތޯ ޔަގީން ކުރާނެއެވެ.

ބައިގެން ދިއުމަށްފަހު ދެން ބަލިވެއިން ފަހަރު ލޭ ފެނުމުން ހޯމޯން ފަރުވާ ހޯދި ސަމޭންތާ އެލަން ވިހޭ ދަރިފުޅު/ފޮޓޯ: ސަމޭންތާ އެލަން

މައިމީހާގެ ބަނޑަށް ދަރިފުޅު މަރުވިކަން ކަށަވަރުކުރުމާއެކު އެ މަންމައަށް އޮތީ މަދު ފުރުސަތުތަކެކެވެ. އެގޮތުން ސިއްހީ ބޭސްފަރުވާގެ އެހީގައި ވަގުތުން ވަގުތަށް ރިއްސާ އިންޖެކްޝަން ޖަހައިގެން ވިއްސައެވެ. ނުވަތަ އިމާޖެންސީގައި ސިޒޭރިއަން ހަދައިގެންވެސް ދަރިފުޅު ނަގަންޖެހެއެވެ. ދެން އޮންނަ ގޮތަކީ ދެ ހަފުތާއެއްހާ ދުވަސް މަޑުކުރުމެވެ. އެއީ ބޭސްފަރުވާއަކާ ނުލާ ވިހާތޯ ބެލުމަށް ދެވޭ މުއްދަތެކެވެ. މި ގޮތަށް މަޑުކުރާނަމަ އިތުރު ނުރައްކާތަކަކާ ކުރިމަތިލާންޖެހުމުގެ ފުރުސަތު އޮވެއެވެ.

ބަނޑުގައި ދަރިއަކު ގަރުބަގަތް ހިސާބުން އެ ދަރިފުޅަކު މި ދުނިޔެއާއި ވަކިވެގެންދާ ދިއުމަކީ ކޮންމެ މީހަކަށްވެސް ފުން އަސަރުތަކެއް ކުރުވާ ކަމަކަށްވާއިރު، އެ ކަމެއްގެ އެންމެ ހިތްދަތި ވޭން ޖިސްމާނީ ގޮތުންނާ ނަފްސާނީ ގޮތުން ތަހައްމަލު ކުރަމުންދާ މައިމީހާއަށް އިހުތިރާމް ކުރުމަކީ ދެން ކުރެވެން އޮންނާނެ އެންމެ މުހިންމު އެއް ކަމެވެ. ކަންމިހެން އޮތްއިރު، ތަފާތު އެކި ގޮތް ގޮތަށް، ހަގީގަތް ނޭނގި ތިބެ ސޯޝަލް މީޑިއާގެ އެކި ޕްލޭޓްފޯމްތަކުގައި ވާހަކަ ދައްކައިގެން އެ ހިތާމާގައި ތިބި މީހުންނަށް އިތުރު ނުތަނަވަސް ކަމެއް ދިނުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ. ޖަވާބުދާރީ ވާންޖެހޭ ފަރާތްތަށް ޖަވާބުދާރީ ކުރުވާނެ ޒިންމާދާރު ގޮތްތައް އެބަހުއްޓެވެ.