ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ކޮރަޕްޝަންގެ ތުހުމަތުކޮށް މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މި ގަރާރު ހުށަހަޅުއްވާފައި ވަނީ ދިވެހި ދައުލަތުގެ ތެރެއިން މިހާތަނަށް އެންމެ ބޮޑު ހިޔާނާތް ހިންގާފައިވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ކަމަށާއި، އެކަމުގައި ބީއެމްއެލްގެ އިހުމާލު ބޮޑު ކަމަށް ވިދާޅުވެއެވެ
ޖާބިރު ވިދާޅުވީ، އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ ތަހުގީގުތަކުންނާއި އެ ހިޔާނާތުގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ޝަރީއަތުގައި ވެސް އެ ހިޔާނާތް ހިންގުމުގައި ބީއެމްއެލްގެ އިހުމާލު ވަރަށް ބޮޑަށް އޮތްކަން ހާމަ ވެގެންދާ ކަމަށެވެ.
ޖާބިރު ވިދާޅުވީ ބީއެމްއެލްގައި ލޯނަށް އެދޭ ފަރާތްތަކުގެ ތެރެއިން ލޯނު ދޭނީ ބޭންކުގެ ނުފޫޒުގަދަ ފަރާތްތަކުން ބޭނުންވާ ވަކިބަޔަކަށް ކަމަށާއި، މިގޮތުން ދޫކުރާ ލޯނުގެ ފައިސާގެ ތެރެއިން އެ ބޭންކުގައި ނުފޫޒުގަދަ ފަރާތްތަކުގެ ޖީބަށް ފައިސާ ވަންނަ ގޮތަށް އަމަލުތައް ހިންގަމުންދާ ކަމުގެ އަޑުތައް ފެތުރިފައިވާ ކަމަށެވެ. އަދި މިއީ ދިވެހިންގެ ބޭންކުން އަމަލުކޮށްގެން ނުވާނެ ގޮތެއް ކަމަށްވާތީ މި އަމަލުތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތައް މިހިނދުން މިހިނދަށް އެޅުމަށް ޖާބިރު ގޮވާލެއްވިއެވެ.
މީގެ އިތުރުން ޖާބިރު ވަނީ ބީއެމްއެލްގައި ކޮރަޕްޝަންގެ އަމަލުތައް ހިންގަނީ ކޮންބައެއްތޯ ބެލުމަށް ވަގުތުން ވަގުތަށް ތަހުގީގެއް ފައްޓާ، ގާނޫނާއި ގަވާއިދުގެ މަތިން އެ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ވެސް ގޮވާލައްވާފައެވެ.