މާލޭގައި ހަލުވިކަމާއި އެކު އިންފުލުއެންޒާ ފެތުރެން ފަށައިފިއެވެ.

އިންފުލުއެންޒާ ފެތުރެމުން މިދާ ދަނށިވަޅުގައި، ފުލޫ ރޯނގާއަށް ބޭސް ނެތް ކަމަށާއި، އިންފުލުއެންޒާ ވެކްސިން ނެތް ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ނަމަވެސް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ)ގެ އޮފިޝަލަކު 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވަނީ އެ ވާހަކަތައް ދޮގުކުރައްވާފައެވެ.

އެޗްޕީއޭ އިން ބުނީ، މާލެއިން ވެކްސިން ހުސްވެފައެއް ނުވާ ކަމަށާއި، އެސްޓީއޯ ފާމަސީތަކުން ވެކްސިން ލިބޭނެ ކަމަށެވެ. އަދި އާންމުކޮށް އިންފުލުއެންޒާއަށް ބޭސް ދޭނީ ހައި ރިސްކް މީހުންނަށް ކަމަށާއި، އެ ބޭސް ހުރިހާ ހޮސްޕިޓަލްތަކުން ވެސް ލިބޭނެ ކަމަށް އޭނާ ބުނެއެވެ. ހައި ރިސްކް މީހުންގެ ތެރޭގައި މާބަނޑު މީހުންނާއި ކެންސަރު ބައްޔަށް ފަރުވާ ކުރަމުންދާ ނުވަތަ ފަރުވާ ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ އިތުރުން އެކި ސަބަބުތަކާހުރެ ގުނަވަން ބަދަލުކޮށްފައިވާ ފަރާތްތައް ހިމެނެއެވެ. އަދި ޑަޔާލިސިސް ހަދަމުންދާ މީހުންނާއި ނޭވާލާ ނިޒާމުގެ ބައްޔަކަށް ފަރުވާ ކުރާ އުމުރުން ތިން އަހަރުން މަތީ މީހުން އަދި އުމުރުން 65 އަހަރަށްވުރެ މަތީ މީހުންނާއި ހަ މަހާއި ހަ އަހަރާ ދެމެދު ކުދިންގެ އިތުރުން ދާއިމީ ބައްޔަކަށް ފަރުވާ ކުރަމުންދާ މީހުން ހިމެނެއެވެ

އެޗްޕީއޭ އިން ބުނީ އިންފުލުއެންޒާ ކިތަންމެ ހަލުވިކޮށް ފެތުރެމުން ދިޔަ ނަމަވެސް، ކޮންމެ މީހަކީ ބޭހާއި ވެކްސިން ބޭނުންވާ މީހެއް ނޫން ކަމަށާއި ގިނަ މީހުންނަށް އިންފުލުއެންޒާ ޖެހުނަސް، ސީރިއަސްނުވެ ރަނގަޅުވާ ކަމަށެވެ. ނަމަވެސް، އެކަށީގެންވާ މިންވަރަށް ބޭހާއި ވެކްސިން ވެސް ރާއްޖެއިން ލިބެން ހުންނާނެ ކަމަށް އެ އެޖެންސީން ބުނެއެވެ.

އިންފުލުއެންޒާ އަކީ އިންފުލުއެންޒާ ވައިރަސް އަކުން ނޭވާލާ ނިޒާމަށްޖެހޭ އަރިދަފުސް ރޯގާ ފަދަ ބައްޔަކެވެ. މިބަލީގެ ސަބަބުން ގިނަ މީހުންނަށް އާދައިގެ މިންވަރަކަށް އަރިދަފުސް ރޯގާ ޖެހޭ ނަމަވެސް މަދުބަޔަކަށް ބަލީގެ ހާލަތު ބޮޑުވުމުގެ ސަބަބުން ފުރާނަޔަށް ނުރައްކާތެރިވެއެވެ. އިންފުލުއެންޒާގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ކެއްސުން، ކަރުގައި ރިއްސުން، ނޭފަތުން ފެން އައުން ނުވަތަ ނޭފަތް ބެދުން، ގައިގައި ރިހުން، ބޮލުގައި ރިހުން އަދި ވަރުދެރަވުން ހިމެނެއެވެ.

މި ބަލި ފެތުރެނީ ބަލިޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އަޅާ އިރު ވައިގެތެރެއަށް ދާ އިންފުލުއެންޒާ ޖަރާސީމު އެހެންމީހެއްގެ ނޭވާލާ ނިޒާމަށް ދިއުމުންނެވެ. މީގެ އިތުރުން ޖަރާސީމު އެކުލެވިފައި ނުވަތަ ހަރުލާފައިވާ ތަންތަނުގައި އަތްލުމަށްފަހު އަނގަޔާއި ނޭފަތުގައި އަތް ލުމުންވެސް މިޖަރާސީމު ހަށިގަނޑުގެ ތެރެއަށް ދެއެވެ.