އިންޑިއާގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް އަލަށް އައްޔަން ކުރެވުނު ޝަރަދު އަރްވިންދް ބޯބްޑެ މަގާމުގެ ހުވާ ކުރައްވައިފިއެވެ.

އިންޑިއާގެ 47 ވަނަ އުއްތަމަ ފަނޑިޔާރުގެ ގޮތުގައި އެސް.އޭ ބޯބްޑެ މަގާމުގެ ހުވާ ކުރައްވާފައިވަނީ، ވެރިރަށް ނިއުދިއްލީގައި ހުންނަ ރާޝްތްރަޕަތީ ބަވަންގައި މިއަދު ހެނދުނު ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައެވެ.

ބޮޑު ވަޒީރު ނަރޭންދްރާ މޯދީއާއި ދާހިލީ ވަޒީރު އަމީތު ޝާހްގެ ހާޒިރުގައި ބޯބްޑޭއަށް އުއްތަމަ ފަނޑިޔާރު ކަމުގެ ހުވާ ލާ ދެއްވީ، އިންޑިއާގެ ރައީސް ރާމް ނާތް ކޯވިންދްއެވެ.

ރަންޖަން ގޮގޯއީއަށްފަހު އިންޑިއާގެ އުއްތަމަ ފަނޑިޔާރު ކަމާއި ހަވާލުވެވަޑައިގެންނެވި ބޯބްޑެގެ ދައުރަކީ 17 މަސް ދުވަހެވެ. ބޯބްޑެގެ އުއްތަމަ ފަނޑިޔާރު ކަމުގެ ދައުރު ހަމަވާނީ 2021 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުއެވެ.

އުއްތަމަ ފަނޑިޔާރު ބޯބްޑެއަކީ މިފަހަގެ ތާރީހުގައި އިންޑިއާގެ ޝަރުއީ ހަޔާތް ދުށް އެންމެ މަތީ ފެންވަރުގެ މައްސަލަތަކުގައި އިސްކޮށް ހަރަކާތްތެރިވި ފަނޑިޔާރެކެވެ. އެގޮތުން އަޔޯދާގައި ބާބްރީ މިސްކިތް ހުރި ބިން ހިންދޫންނަށް މިލްކުވާ ގޮތަށް ހުކުމް ސުޕްރީމް ކޯޓުން ހުކުމް ކުރި ކޭހުގައިވެސް އޭނާ ވަނީ އިސްދައުރެއް އަދާކޮށްފައެވެ.

އިންޑިއާގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް އެސްއޭ ބޯބްޑޭ ހަމަޖައްސާފައިވަނީ، މަގާމުގެ ސީނިއަރިޓީއަށް ބަލައިގެން ކަމަށް އިންޑިއާގެ ޚަބަރުތައް ބުނެއެވެ.

ސުޕްރީމް ކޯޓުގެ ބެންޗަށް ބޯބްޑެ އައްޔަން ކުރެވުނީ 2013 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 12 ވަނަ ދުވަހުއެވެ.