ސްރީލަންކާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގައި ވޯޓުދިން މީހުންގެ 52.25 ޕަސެންޓްގެ ސާފު އަގުލަބިއްޔާތާއެކު، އެ ގައުމުގެ އާ ރައީސް ކަމުގެ މަގާމު، ގޮތަބާޔާ ރާޖަޕަކްސަ ކާމިޔާބު ކުރައްވާފައިވާކަން ސްރީލަންކާގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުން ރަސްމީކޮށް އިއުލާންކޮށްފިއެވެ.

ގޮތަބާޔާއާއި އާއި އެންމެ ގާތުން ވާދަކުރެއްވި ސަޖީތު ޕްރޭމަދާސައަށް ލިބިވަޑައިގަތީ 41.99 ޕަސެންޓްގެ ވޯޓެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބަށް ގޮތަބާޔާ ރާޖަޕަކްސަ ނިކުންނެވީ ގައުމިއްޔަތު ދިރުވާނެ ކެމްޕޭނަކާއެކުގައެވެ. ސަލާމަތީ ކަންކަމަށް އެންމެ ބޮޑު ކަމެއް ދެއްވާނެ ކަމަށް ވިދާޅުވެ ރެލީތަކުގައި ވާހަކަފުޅުދެއްކެވި ގޮތަބާޔާ ވަނީ ސްރީލަންކާއިން ދީނީ ހަރުކަށި ފިކުރު ނައްތާލާނެ ކަމަށްވެސް ވައުދުވެވަޑައިގެންފައެވެ.

ކަންމިހެން އޮތްއިރު ގޮތަބާޔާގެ ޒައާމަތަކީ ސްރީލަންކާގެ ތަމަޅައިންނާ މުސްލިމުން ހިއްސާކުރާ 20 ޕަސެންޓްގެ އާބާދީއާއި އެކްޓިވިސްޓުންނާ، ނޫސްވެރިންނަށް ލިބުނު ނުރައްކަލުގެ އިންޒާރެއް ކަމަށް މުރާސިލުން ސިފަކުރެއެވެ.

ގޮތަބާޔާގެ އާއިލާއިން ސިފަކުރާ ގޮތުގައި އޭނާއަކީ ސްރީލަންކާގެ "ޓާމިނޭޓާ"އެވެ. އަދި ގޮތަބާޔާއާއި އެންމެ ގާތުން ވާދަކުރެއްވި ޕްރޭމަދާސައަކީ ރާޖަޕަކްސަ އާއިލާއިން ސިފަކުރި ގޮތުގައި "ޕެޑްމޭން"އެވެ. މިއީ އޭނާގެ ސިޔާސީ ކެމްޕޭން ވައުދަކަށް ރާޖަޕަކްސަ އާއިލާއިން ޖެހި ހަޖުލެކެވެ. ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެނަމަ ހައިޟުގެ ދުވަސްވަރު އަންހެނުން ބޭނުންކުރާ ސެނިޓަރީ ނެޕްކިން ހިލޭ ފޯރުކޮށްދެއްވާނެ ކަމަށް ޕްރޭމަދާސަ ވަނީ ވައުދުވެވަޑައިގެންފައެވެ.

15.9 މިލިއަނެއްހާ މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ސްރީލަންކާގައި އިއްޔެ 80 ޕަސެންޓް މީހުން ވަނީ ވޯޓުލާފައެވެ. ލޭ އޮހުރުވުމަކާ ނުލާ ރިޔާސީ އިންތިހާބުގެ ވޯޓުލުން ނިންމާ، ރަސްމީ ނަތީޖާ އިއުލާންކޮށްފައިވާއިރު، ސްރީލަންކާގެ ރައީސްކަމުގެ ހުވާ ގޮތަބާޔާ ކުރައްވާނީ މާދަމާގެ ވަގުތެއްގައެވެ.

ސްރީލަންކާގެ ރިޔާސީ އިންތިހާބުގައި ގޮތަބާޔާ ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވާ، ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގެ އިސް ޝަހްސުން ގެންދަވަނީ ގޮތަބާޔާއަށް މަރުހަވާ ވިދާޅުވަމުންނެވެ. އެގޮތުން ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ފާހަގަކުރެއެވެ.