ދިވެހިރާއްޖެއާއި ފަލަސްތީނާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަކަމުގެ ގުޅުން، ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ބަދަހިވެ ވަރުގަދަ ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ދިވެހި ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިކަން ފާހަގަކުރައްވާފައިވަނީ، ފަލަސްތީނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ފަލަސްތީނުގެ ހާރިޖީ ވަޒީރު ރިއާދު އަލް-މާލިކީއަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.

އިސްރާއީލާ ގައްޒާ ހިއްސާކުރާ ސަރަހައްދީ އިމުގައި ހަމަލާ ބަދަލުކުރަމުންދިޔަ ވަގުތެއްގައި ފަލަސްތީނުގެ ޒުވާނުން އެ ދައުލަތުގެ ދިދަ ވިހުރަނީ/ފޮޓޯ: ޓައިމްސް އޮފް އިސްރާއީލު

ދިވެހި ހާރިޖީ ވަޒީރު ފަލަސްތީނަށް ފޮނުއްވި މިނިވަން ދުވަހުގެ ތަހުނިޔާގެ މެސެޖުގައި، ފަލަސްތީނުގެ އަޚުންނާ އުޚުތުންނަށް އުޖާލާކަމާ ކުރިއެރުން ލިބުމަށް އެދިވަޑައިގަންނަވާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިނިވަން ދައުލަތަކަށް ވުމަށް ފަލަސްތީނުގެ ސަރުކާރާ ރައްޔިތުން ކުރަމުންދާ ބުރަ މަސައްކަތްތަކަށް ދިވެހިރާއްޖެއިން ދެމުންދާ އެއްބާރުލުމާ ހިތްވަރަށް ފަނޑުކަމެއް ނައިސް އެގޮތުގައި އޮންނާނެކަމަށްވެސް ޝާހިދުގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ.

އިސްރާއީލުން ފަލަސްތީނަށް އެންމެ ފަހުން ދޭން ފެށި ހަމާލަތައްވެސް ދިވެހިރާއްޖެއިން ވަނީ ކުށްވެރިކޮށްފައެވެ. މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިސްރައީލުން ފަލަސްތީނުގެ ގައްޒާއަށް އުދުވާނީ ހަމަލާދީ ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށް އެތައް ބަޔަކު ޒަހަމްކުރި ކުރުން، ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ދިވެހި ހާރިޖިއްޔާއިންވަނީ ބުނެފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅެނީ ބައިނަލްއަގުވަމީ ގާނޫނުތަކާ، އދގެ ސަލާމަތީ މަޖިލީހާ އދގެ އާންމު މަޖިލީހުގެ މުއާހަދާތަކާ ހިލާފަށް ކަމަށް ދިވެހިރާއްޖެއިން ބުނަމުންދާ ބުނުންވެސް ދިވެހި ހާރިޖިއްޔާއިން ވަނީ ތަކުރާރުކޮށްފައެވެ.