21.8 މިލިއަނެއްހާ މީހުން ދިރިއުޅެމުންދާ ސްރީލަންކާގައި މުސްލިމުންގެ އާބާދީއަކީ މީގެ ގާތްގަނޑަކަށް އެންމެ 10 ޕަސެންޓްއެވެ. އޭޕްރިލް މަހުގެ ހިތްދަތި ކާރިސާއާއި ޖެހެންދެން ސްރީލަންކާގެ މުސްލިމު އާބާދީ ދިރިއުޅެމުންދިޔައީ ސުލްހަވެރި ކަމާ އުފަލުގައެވެ. ނަމަވެސް އެދުވަހަށް ފަހު ހުރިހާ ކަމެއް ބަދަލުވިއެވެ.
ސްރީލަންކާގެ މުސްލިމުން ބުނާ ގޮތުގައި އެމީހުންގެ އަމިއްލަ ވަޒަނުގައި ބިދޭސީންތަކަކަށް ހަދައިފައިވާ ކަމުގެ އިހުސާސް ކުރެވެއެވެ. މަގުމަތީގައި ހިނގާލިއަސް ކޮންމެ މީހަކުވެސް ބަލަނީ ފާރަވެރި ނަޒަރަކުން ކަމުގެ ޝަކުވާ ވަނީ އާންމުވެފައެވެ. ކޮންމެ ދިމާލަކުންވެސް މިކަން މިހެން ކަމަށްވާއިރު، އަންނަން އޮތް މުސްލިމު ޖީލާ މެދު ކަންބޮޑުވާ މީހުންވެސް މަދެއް ނޫނެވެ. އެކުދިންގެ މުސްތަގުބަލާ މެދު ވިސްނާ ހިތާމަކުރެއެވެ.
އަވަށްޓެރި ސްރީލަންކާގެ މުސްލިމުން ބުނާ ގޮތުގައި މިއަދުގެ އިންތިހާބުގެ ނަތީޖާ ކޮންމެ ކޮޅަކަށް ބަރުވިއަސް އެމީހުންނަކަށް ސަލާމަތެއް ނެތެވެ. ނަމަވެސް ގޮތަބާޔަ ރާޖަޕަކްސައަށް އިންތިހާބު ކާމިޔާބުވެއްޖެނަމަ މުސްލިމުންނަށް އޮތް ނުރައްކަލާ ގޮންޖެހުން ބޮޑުކަމަށް ސްރީލަންކާގެ މުސްލިމުން ދަނީ ބުނަމުންނެވެ. ސްރީލަންކާގައި އިސްލާމްދީން ފެތުރިގެން ދިއުން ހުއްޓުވަން އެދޭނަމަ ވޯޓުދޭންވީ ގޮތަބާޔާއަށް ކަމަށް ބުނާ ވީޑީއޯއެއްވެސް ދާދި ފަހުން ވަނީ އާންމުވެފައެވެ.
ސްރީލަންކާގެ މުސްލިމުންނަށް ސިފަވާ ގޮތުގައި މުޅި ގައުމުވެސް އެމީހުންނާ މެދު ދެކެނީ ޓެރަރިސްޓުންގެ ގޮތުގައެވެ. އެ ކެޓަރީއަށް ނުފެތޭ މުސްލިމަކު ލަންކާގައި ނުއުޅޭ ފަދައެވެ.
ސްރީލަންކާގެ ވެރިކަމާ ދެން ހަވާލުވެވަޑައިގަންނަވާ ރައީސްއަކީ މުސްލިމުންނާ ދެކޮޅަށް ހިންގާ ހަރަކާތްތަކުން މުސްލިމުން ދިފާއު ކޮށްދެއްވާނެ ލީޑަރެއްތޯ ސްރީލަންކާގެ މުސްލިމުން ކުރެ ސުވާލުކޮށްލުމުން އެކަން ވަނީ ޖޯކަކަށެވެ. ސްރީލަންކާގެ މުސްލިމު އާބާދީއަށް އިތުބާރު ކުރެވޭ އެއްވެސް ކެންޑިޑޭޓަކު މިފަހަރުގެ އިންތިހާބުގައި ވާދައެއް ނުކުރައްވައެވެ.