މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިސްރައީލުން ފަލަސްތީނުގެ ގައްޒާއަށް އުދުވާނީ ހަމަލާދީ ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށް އެތައް ބަޔަކު ޒަހަމްކުރި ކުރުން، ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ދިވެހި ހާރިޖިއްޔާއިން ބުނެފިއެވެ.
ދިވެހި ހާރިޖިއްޔާއިން މިއަދު އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކުގައި ދިރިއުޅެމުންދާ އަންހެނުންނާ ކުޑަކުދިންވެސް ހިމެނޭ ގޮތަށް ވަކި މީހަކަށް ބެލުމެއް ނެތި އިސްރާއީލުން އާދަޔާ ހިލާފަށް ބާރުގެ ބޭނުން ކުރަމުންދާތީ ދިވެހި ސަރުކާރުން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. އެއްވެސް ހަތިޔާރެއް ނެތި ހަރަކާތްތެރިވަމުންދާ ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން އެކަށީގެން ނުވާ ނުރައްކާތެރި ދަރަޖައަކަށް ބާރުގެ ބޭނުން ކުރާކަން ދިވެހި ސަރުކާރުން ވަނީ ކަންބޮޑުވުމާއެކު ފާހަގަކޮށްފައެވެ.
އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅެނީ ބައިނަލްއަގުވަމީ ގާނޫނުތަކާ، އދގެ ސަލާމަތީ މަޖިލީހާ އދގެ އާންމު މަޖިލީހުގެ މުއާހަދާތަކާ ހިލާފަށް ކަމަށް ދިވެހިރާއްޖެއިން ބުނަމުންދާ ބުނުންވެސް ދިވެހި ހާރިޖިއްޔާއިން ވަނީ ތަކުރާރުކޮށްފައެވެ.
މެދުއިރުމަތީގެ މައްސަލާގައި ދެމިގެންދާ ސުލްހައަކަށް ދިވެހިރާއްޖެއިން އެދޭ ކަމަށާ، މިކަން ކާމިޔާބު ކުރެވެން އޮތީ 1967 ވަނަ އަހަރުގެ ސަރަހައްދީ އިންތަކާއެކު، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ހަމަޖެހި، ފަލަސްތީނަކީ ވަކިވެފައިވާ މިނިވަން ދައުލަތަކަށް ވެގެން ކަމަށް ދިވެހިރާއްޖެއިން އަދިވެސް ގަބޫލުކުރާ ކަމަށް ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ދިވެހި ސަރުކާރާ ރައްޔިތުން އަދިވެސް އޮތީ ފަލަސްތީނުގެ ރައްޔިތުންނާ ސަރުކާރާ އެކުގައި ކަމަށާ، މިނިވަން ދައުލަތަކަށް ވުމަށް ފަލަސްތީނުން ކުރަމުންދާ މަސައްކަތުގައި މި އެއްބާރުލުން ހަމަ މިގޮތުގައި ލިބެމުންދާނެ ކަމުގެ ފުރިހަމަ ޔަގީންކަންވެސް ހާރިޖިއްޔާއިންވަނީ ދީފައެވެ.
މީގެ އިތުރުން، މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިސްރާއީލާ ގައްޒާއާއި ދެމެދު ބަދަލުކުރަމުންދިޔަ ވަރުގަދަ ހަމަލާތައް ހުއްޓުމަކަށް ގެނެސްފައިވާކަންވެސް ދިވެހި ހާރިޖިއްޔާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމަށް އެއްބަސްވުމަކަށް އާދެވިފައިވާކަން ފާހަގަކޮށް ދިވެހި ހާރިޖިއްޔާއިންވަނީ މިކަން ކާމިޔާބު ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން، ވަކިން ހާއްސަކޮށް މިސްރުން ކޮށްދިން މަސައްކަތްތަކަށް މަރުހަބާ ކިޔާ، އެ މަސައްކަތަށް ތައުރީފު ކޮށްފައެވެ.
އިސްރާއީލުން ހިންގި އޮޕަރޭޝަނެއްގައި ފަލަސްތީނުގެ އިސްލާމިކް ޖިހާދުގެ ކޮމާންޑަރާ އޭނާގެ އާއިލާ ޝަހީދުކޮށްލި ހިސާބުން އިސްރާއީލާ ގައްޒާއާއި ދެމެދު ހަމަލާތައް ބަދަލު ކުރަން ފެށިފަހުން ގައްޒާއިން 30 އަށްވުރެ ގިނަ މީހުން ޝަހީދުވެދިޔައިރު، މި އުދުވާންތަކުގެ ޝިކާރައަކަށްވި ގައްޒާގެ އާއިލާތަކަށް ހާރިޖިއްޔާއިންވަނީ ތައުޒިޔާ ކިޔާފައެވެ.