ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވި ފާތިމަތު އަންޖުން ޝަފީގުގެ ޖަނާޒާ މެންދުރު ނަމާދަށްފަހު ބާއްވައިފިއެވެ.

މި ޖަނާޒާގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވާ އިރު އެންމެންގެ މޫނުމަތިންވެސް ފާޅުވަމުންދިޔައީ ހިތާމައާއި ހިތްދަތިކަމެވެ. އެތައްބަޔަކު މިއަދު މެންދުރު ނަމާދަށް ފަހު ވަނީ ހުޅުމާލެ ވަގުތީ މިސްކިތަށް ގޮސްފައެވެ.

އަންޖުމް އަކީ ކިޔެވުމަށް މޮޅު ކުއްޖެއް ކަމަށާއި މަޑުމައިތިރި މިޒާޖެއްގެ ރަނގަޅު އަހުލާގެއްގެ ކުއްޖެއް ކަމަށް އާއިލާއާއި ގާތް ރައްޓެހިން ބުނެއެވެ. އަދި އޭނާއަކީ ކިޔެވުމަށް ޝައުގުވެރިކަން ހުންނަ، ހާއްސަކޮށް ވަރަށް މޮޅަށް ގުރުއާން ކިޔަވާ ކުއްޖެއް ކަމަށް ވެސް ޖަމާލުއްދީނުގެ މުދައްރިސުންނާއި އާއިލާއިން ބުނެއެވެ.

އަންޖުމްގެ މަރާ ގުޅިގެން އޭނާ ކިޔަވަމުން ދިޔަ ޖަމާލުއްދީން ސްކޫލުގެ މިއަދުގެ ކިޔެވުން ވަނީ 9:45 ވީއިރު ނިންމާލާފައެވެ. "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެ ސްކޫލުން ބުނީ އެ ސްކޫލުގެ ކިޔެވުން ހެނދުނު 9:45 ގައި މެދުކަނޑާލާފައި ވާކަމަށާއި އަންޖުމްގެ މަރާ އެކު އަންޖުމްގެ ޓީޗަރުން ތިބީ ޝޮކެއްގައި ކަމަށެވެ.

އަންޖުމް އަކީ ޖަމާލުއްދީން ސްކޫލުގެ ގްރޭޑް 7 ގައި ތައުލީމް ހާސިލް ކުރަމުންދިޔަ ދަރިވަރެކެވެ.

އަންޖުމް ގެ ނިޔާވި ހަބަރާއެކު ސޯޝަލް މީޑިއާގައި އަންޖުމް އަށް ހެޔޮ ދުއާކޮށް ގާތް ރަޙުމަތްތެރިންނާއި އާއިލާއިން ބުނެފައިވަނީ އަންޖުމް އަކީ އަޚުލާގު ރަނގަޅު ބަސް އަހާ، މަޑުމައިތިރި، ކިޔެވުމަށް ލޯބި ކުރާ މޮޅު ކުއްޖެއް ކަމަށެވެ. އަދި އަންޖުމްގެ ކުއްލި ވަކި ވުމަކީ ހިތާމައިން ފުރިގެންވާ ހިތްދަތި ހާދިސާއެއް ކަމަށެވެ.

އަނޖުމްގެ ޖަނާޒާގެ ތެރެއިން / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

ދެމަފިރިއެއްގެ ހަމައެކަނި ހުރި ދަރިފުޅު މި ދުނިޔެއާއި ވަކިވެގެން ދިޔައީ ނުރައްކާތެރި މަގުމަތީގެ އެކްސިޑެންޓެއްގައެވެ. ރޭ އޭނާގެ މަންމަ އާ އެކު ސައިކަލުގައި ދަނިކޮށް ހުޅުމާލެ ބުރިޖު ކޮޅުން ހައިވޭއަށް ދަތުރުކުރާ މަގުގައި އެ ސައިކަލުގައި ޖެހުނީ އެމްޓީސީސީ ބަހެކެވެ. ބަހުގައި ޖެހި އަންޖުމް ވިއްސައިގެން ގޮސްފައިވާ އިރު އޭނާ ނިޔާވީ އޭނާގެ ބޮލަށް ލިބުނު އަނިޔާތަކުގެ ސަބަބުންނެވެ. ވަގުތުން ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ހޮސްޕިޓަަށަށް ގެންދިޔަ އިރުވެސް އަންޖުމް ވަނީ ނިޔާވެފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމްޓީސީސީގެ ބަސް ދުއްވަން އިން ޑްރައިވަރު ވަނީ އެ އެކްސިޑެންޓަށް ފަހުވެސް މަޑުނުކޮށް އެތަނުން ގޮސްފައެވެ. އަދި ފުލުހުން ވަނީ އެ ޑްރައިވަރު ހައްޔަރުކޮށްފައެވެ.