މަސްތުވާތަކެތީގެ ބާވަތެއްގެ ބާވަތެއް ކަމަށްވާ ކޮކެއިން އަޅާފައިވާ ކުދި ޕެކެޓްތަކެއް، ފަރަންސޭސިވިލާތުގެ އައްސޭރިފަށުގެ ސަރަހައްދުގެ ގޮނޑުދޮށްތަކަށް ލައްވަމުންދާ މައްސަލަ ބޮޑުވެއްޖެއެވެ.

ގޮނޑުދޮށުން ފެންނަ އާދަޔާ ހިލާފު ބޮއްޔާ އެނޫންވެސް އެފަދަ ތަކެތި ހޮވާ މީހުންނަކީ ފަރަންސޭސި ގޮނޑުދޮށްތަކުގައި އާންމު ބައެކެވެ. މިގޮތަށް އުޅުމުގެ ތެރޭގައި ކޮކެއިން ޕެކެޓްތަކެއް ފެނުނު ފަހުން، މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން މިހާ ހިސާބަށް އައިއިރު 900 ކިލޯގްރާމްގެ ޑްރަގްސް، ފަރަންސޭސި ގޮނޑުދޮށްތަކުން ހޮވާފައިވާކަމަށް ޚަބަރު ލިބެއެވެ.

އދއިން ބުނާ ގޮތުގައި ފަރަންސޭސިވިލާތުގައި ކޮކެއިންގެ 1 ގުރާމްގެ އަގުވެސް 70 ޑޮލަރަށް އަރައެވެ. އަދި ފަރަންސޭސިވިލާތުގެ ގޮނޑޮދޮށުން ފެންނަނީ ތަޣައްޔަރުކަމެއް ނެތް، ސާފު ކޮކެއިން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިއާއެކު، ފަރަންސޭސިވިލާތުގެ ފުލުހުން ވަނީ އެ ގައުމުގެ އައްސޭރި ފަށުގެ ގޮންޑުދޮށްތަކުގައި އަތްފުނާ އަޅަން ފަށާފައެވެ. އަދި މިފަދަ އެއްޗެއް ފެނިއްޖެނަމަ އެ ނެގުމުގެ ބަދަލުގައި، ކަމާބެހޭ ފަރާތްތަކަށް އެނގުމަށްވެސް ވަނީ ގޮވާލާފައެވެ.

މިފަދަ އިންޒާރެއް ދީފައި އޮތް ނަމަވެސް، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުން މިކަމުގެ ނާޖާއިޒު ފައިދާ ނަގަމުން އަންނަ ކަަމަށް ޚަބަރު ލިބެއެވެ.

ފަރަންސޭސިވިލާތުގެ އޮފިޝަލުން މިހާރު ދަނީ ވިލާތުގެ މެމްބަރު ގައުމުތަކުގެ އިތުރުން އެމެރިކާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން، މިއީ ކިހިނެއް ހިނގަން މެދުވެރި ހާދިސާއެއް ތޯ ބެލުމުގެ ތަހުގީގުތައް ހިންގަމުންނެވެ.