ޕޭޝަންޓަކާ ބަދުއަހުލާގީ އަމަލު ހިންގަން އުޅުނުކަމަށް ތުހުމަތުކުރާ ފިޒިއޮތެރަޕިސްޓު ވަޒީފާއިން އެކަހެރިކޮށްފައި ވާކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) އިން ބުނެފިއެވެ.

އައިޖީއެމްއެޗުން ބުނީ ބަދުއަހުލާގީ އަމަލު ހިންގަން އުޅުނުކަމަށް ތުހުމަތުކުރާ ފިޒިއޮތެރަޕިސްޓު ވަގުތުން ވަޒީފާއިން އެކަހެރި ކޮށްފައި ވާކަމަށާއި އެފަދަ މައްސަލަ ތަކަކީ އެ ހޮސްޕިޓަލުން ވަރަށް ސީރިއަސްކޮށް ބަލާ މައްސަލަތަކެއް ކަމަށް ބުނެއެވެ.

ނަމަވެސް މި މައްސަލައިގައި ތުހުމަތުވަނީ ބަދުއަހުލާގީ އަމަލެއް ހިންގިކަމަށް ކަމަށާއި، ރޭޕް ކުރިކަމުގެ ނުވަތަ ކުރަން އުޅުނުކަމަށް ތުހުމަތު ނުކުރާކަމަށް އައިްޖީއެމްއެޗުން ބުނެއެވެ. އަދި އެފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށް ވާ އިރު، އެފަދަ ކަންކަން ހޮސްޕިޓަލުން ބަލަނީ ވަރަށް ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

19 އަހަރުގެ ދިވެހި އަންހެނަކާ ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު މައްސަލައިގައި ތުހުމަތު ކުރަނީ އެ ހޮސްޕިޓަލުގައި ފިޒިއޮތެރަޕިސްޓެއްގެ ގޮތުގައި މަސައްކަތް ކުރާ އުމުރުން 28 އަހަރުގެ އިންޑިޔާ ފިރިހެނަކަށެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ އެ އަމަލު ހިންގުމަށް މަސައްކަތްކުރި ފިޒިއޮތެރަޕިސްޓުގެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށާއި އެ މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ނުވަވަނަ ދުވަހުގެ 6:00 އެހާއިރު ކަމަށެވެ.

ރާއްޖޭގައި ބަދުއަހުލާގީ އަމަލު ހިންގުން މިފަހަކަށް އައިސް ގިނަވެފައި ވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން ބައެއް އާއިލާ އާއިލާގެ ތެރޭގައިވެސް ބަދުއަހުލާގީ އަމަލު ހިންގައިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީއަށް ރިޕޯޓު ކޮށްފައި ވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ.