ޗައިނާގެ ކޮމިއުނިސްޓް މައި ސަރުކާރުން ލާއިންސާނީ ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންދާ ޝީންޖިއާންގް ސަރަހައްދުން ސަޕްލައިކުރާ ކަފައިގެ ޝިޕްމަންޓްތަކުގެ މައްސަލާގައި ދުނިޔޭގެ ބޮޑެތި ފެޝަން ބްރޭންޑްތަކަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވާން ފަށައިފިއެވެ.

ޝީންޖިއާންގް ސަރަހައްދުގައި ދިރިއުޅެމުންދަނީ ވީގޫރު ދަރުކޮޅުގެ މުސްލިމުން ކަމަށްވާއިރު، ޗައިނާގެ ސަރުކާރުން ދަނީ އެ ސަރަހައްދުގައި ލާއިންސާނީ، ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންނެވެ. ކަންމިހެން އޮތްއިރު ދުނިޔޭގެ ބާޒާރަށް އެންމެ ފުޅާ ދާއިރާއެއްގައި ކަފަ އެސްޕޯޓްކުރަމުންދާ ގައުމަކީ ޗައިނާއެވެ. އަދި ޗައިނާގައި އެންމެ ފުޅާދާއިރާއެއްގައި ކަފަ އިންދާސް އެކްސްޕޯޓްކުރަނީ ޝީންޖިއާންގް ޕްރޮވިންސުންނެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ގުރޫޕުތަކުން ބުނާ ގޮތުގައި، ސިނާއީ މަސައްކަތްތައް ކުރުވުމަށް ވީގުރު ދަރިކޮޅުގެ މުސްލިމުންނަށް އޮންނަނީ މަޖުބޫރުކުރުވާފައެވެ.

ލާއިންސާނީ ހާލަތްތަކުގައި އިންސާނުންލައްވާ ބުރަ މަސައްކަތްތަކެއް ކުރުވައިގެން ޝީންޖިއާންގްއިން ބޭރުކުރާ ކަފައިގެ ސަޕްލައި ފޯރާ ކުންފުނިތަކުގެ ތެރޭގައި ޖަޕާނުގެ ބޮޑެތި ކުންފުނިތައް ހިމެނެއެވެ. މީގެ އިތުރުން، އީސްޕިރިޓްއާއި އެޗްއެންޑްއެމް އަދި އެޑިޑާސްއަކީވެސް ކަފައިގެ މި ޝިޕްމަންޓްގެ ބޭނުން ހިފަމުންދާ ކުންފުނިތަކެއް ކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން އެކުލަވާލި ތަހުގީގީ ރިޕޯޓަކުން ވަނީ ހާމަވެފައެވެ.

އެހެންކަމުން، ޗައިނާއިން އުފައްދާފައިވާ ކަފައިގެ އުފެއްދުންތަކަކީ، ލާއިންސާނީ ހާލާތުގައި އިންސާނުން ލައްވާ މަސައްކަތް ކުރުވައިގެން އުފައްދާފައިވާ ކަފައިގެ އުފެއްދުންތަކެއް ނޫންކަމަށް ދުށުމުގެ ފުރުސަތު ހަނިކަމަށް ދާއިރާގެ ތަޖުރިބާކާރުން ބުނެއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގުރޫޕުތަކާ، އދގެ ތަހުގީގު ޓީމުތަކުން ބުނާ ގޮތުގައި ޗައިނާ ސަރުކާރުން އަދިވެސް ވަނީ ވީގޫރު ދަރިކޮޅުގެ މިލިއަނަކަށްވުރެ ގިނަ މުސްލިމުން ޑިޓެޝަން ކޭމްޕުތަކުގައި ހައްޔަރުކޮށްފައެވެ. ނަމަވެސް ޗައިނާއިން ބުނަމުންދަނީ މިއީ ޑިޓެޝަން ސެންޓަރުތަކެއް ނޫންކަމަށާ، އެއީ ވޮކޭޝަނަލް ތަމްރީނު ދިނުމަށް ހިންގާ މަރުކަޒުތަކެއް ކަމަށެވެ.