އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ދިފާއު ކުރެއްވުމަށް ޝެއިހް އިލްޔާސް ހުސެއިން ތެދުވެވަޑައިގެންފިއެވެ.

އުއްތަމަ ފަނޑިޔާރު ދިފާއު ކުރައްވަމުން ޝެއިހް އިލްޔާސް ވިދާޅުވީ، ކަމުގެ އިލްމު ލިބިފައިވާ ގާބިލު ގުރުއާން ހިތުދަސް އަދި ޝަރީއާއިން ޕީއެހްޑީ އޮތް ބޭފުޅަކު މިއަގުއުމުގެ އުއްތަމަ ފަނޑިޔާރަކަށް ހުންނެވުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި އެފަދަ ބޭފުޅަކު މަގާމުން ވަކިކޮށް، ޝަރުއީ އިލްމު ލިބިފައިނުވާ ބަޔަކު އެ މަގާމަށް ގެނައުމާ މެދު އިލްޔާސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އަދި މިއީ ކޮންކަހަލަ އިންސާފެއްތޯ އައްސަވާ އިލްޔާސް ވަނީ ރައްޔިތުން މިކަމާ ވިސްނާލުމަށް އެދިވަޑައިގެންފައެވެ.

އިލްޔާސް މިހެން ވިދާޅުވެފައި ވާއިރު، ޖޭއެސްސީން ބަލަމުންދާ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައަކާ ގުޅިގެން އެ ކޮމިޝަނުން ފޮނުވި ނޯޓިހާ ހަވާލުވާން އެމަނިކުފާނު ރޭ ވަނީ ދެކޮޅު ހައްދަވާފައެވެ. މިކަމާ ގުޅިގެން ޖޭއެސްސީން ބުނީ އެ ކޮމިޝަނުން ބަލަމުންދާ ސުލޫކީ މައްސަލައަކާ ގުޅިގެން އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެ ކޮމިޝަންގެ މުވައްޒަފަކު ގޮސް އެމަނިކުފާނާ ނޯޓިސް ހަވާލު ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން އެ މުވައްޒަފު އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ގޮސް، އެ ނޯޓިސް ހަވާލުކުރުމަށް މަސައްކަތް ކުރުމާ ގުޅިގެން، އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ގޮތްނޭނގޭ ބަޔަކު ވަންނަން މަސައްކަތް ކޮށްފައިވާ ކަމުގެ ވާހަކަތަކެއް ވަނީ ފެތުރިފައެވެ.